ރާއްޖޭގެ ނެޓްބޯޅަ ޓީމުން ޖަޕާނުވެސް ބަލިކޮށްފި

ކުޅިވަރު ފަހުގެ

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ނެޓްބޯޅަ ޓީމުން ޖަޕާން އަތުން މޮޅުވެއްޖެ އެވެ.

ފުރަތަމަ ކުއާޓަރު ރާއްޖޭން ނިންމާލީ، 11-09 އިންނެވެ. ދެ ވަނަ ކުއާޓަރުގައި ރާއްޖޭން ވަނީ، ސްކޯގެ ފަރަގު ބޮޑުކޮށްފަ އެވެ. އެ ގޮތުން، ދެ ވަނަ ކުއާޓަރު ނިމި ހާފްޓައިމްވިއިރު ސްކޯ އަކީ، 26-15 އިންނެވެ. ތިން ވަނަ ކުއާޓަރުގައި ރާއްޖޭން ކުރިހޯދީ، 44-20 އިންނެވެ. ފަހު ކުއާޓަރުގައި ރާއްޖެ އަށް ހަމަޖެހިލައިގެން ކުޅެލަން ފުރުސަތު ލިބުނުއިރު، މެޗު ނިންމާލީ، 62-24 އިން ކުރީގައި އޮވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުން ރާއްޖެ މޮޅުވިިއިރު، މިއީ މި މުބާރާތުގައި ރާއްޖެއިން ހޯދި ތިންވަނަ މޮޅެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ މުޅިން އަލަށް ވާދަކުރާ ސައުދީ އަރަބިއްޔާ އަތުން 74 ޕޮއިންޓް 14 ޕޮއިންޓުން މޮޅުވެފައެވެ. ދެވަނަ މެޗުގައި 64 ޕޮއިންޓް 28 ޕޮއިންޓުން މެލޭޝިއާ އަތުން ބަލިވި ނަމަވެސް، އިންޑިއާ އަތުން ރާއްޖެ ވަނީ 54 ޕޮއިންޓް 48 ޕޮއިންޓުން މޮޅުވެފައެވެ. އެކަމަކު ހަތަރުވަނަ މެޗުގައި ވަނީ ފިލިޕީންސް އަތުން 56 ޕޮއިންޓް 48 ޕޮއިންޓުން ބަލިވެފައެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި 15 ގައުމު ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ސައުދީ އާއި، ސްރީ ލަންކާ އާއި، މެލޭޝިއާ އާއި، ފިލިޕީންސް އާއި، އިންޑިއާ އަދި ޖަޕާނެވެ. ގުރޫޕް ބީގައި ހިމެނެނީ ސިންގަޕޫރާއި، ހޮންގް ކޮންގާއި، ބުރޫނާއީ ދާރުއްސަލާމާއި، ތައިލެންޑާއި، ޗައިނީސް ޓައިޕޭ އާއި، އިރާގް އަދި ބަހްރެއިނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ