ހައްލު ކުރަމުން މިދަނީ، ކުރީގެ ވެރިންނަށް އަތްލާން ނުކުރެ އެތައް މައްސަލައެއް: ރައީސް

ޚަބަރު ފަހުގެ

މިއަދު ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލަތައް ގުޅިފައި ވަނީ، އަހަރުތަކެއް ކުރިން އުފެދި އެކަންކަމާއި މެދު ކުރީގެ ވެރިން އަޅާނުލައި ހުރުމުގެ ނަތީޖާތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ، ރައީސް މިރޭ ވިދާޅުވި ގޮތުގައި ގައުމުގެ އަންނަން އޮތް ޖީލުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސައްކަތެވެ.

ރައީސް ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި ހިދުމަތް ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުންނަވައިކަމަށެވެ. އެއީ ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމުގެ ގޮތުން ކުރެވުނު މަސައްކަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ ބޭނުންވާ އަމާޒަށް ދެވޭނީ ހަވާލުކުރި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކޮށްގެންކަމަށެވެ.

ރައީސް ވިދާޅުވީ ބަޔަކު އަތް ނުލާ ހުރި ޒަމާންވީ އެތައް މައްސަލައެއް ހައްލު ކުރުމަށް މިއަދު މަސައްކަތް ކުރައްވަމުން ދަނީ އެ ސަބަބާއި ހުރެކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖޭގައި އޮތް ގޭންގު މާރާމާރީތަކާއި އެފަދަ ކުށްތައް ނައްތާލުމަށް ގާނޫނަށް ގެނަން ގަސްދުކުރާ އިސްލާހުތަކެވެ. އަދި ޒުވާނުންނާއި، ގައުމުގެ ދަރީންގެ މުސްތަގުބަލަށް ވިސްނައި ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމުމާއި، ދުންފަތުގެ ބާވަތްތަކާއި ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ޒަމާންވީ ބޭހުގެ މާފިއާގެ މައްސަލަ އޮތީ ހައްލު ނުވެކަމަށެވެ. ބޮޑު އަގުގައި ބޭސްތައް ވިއްކާ މައްސަލަ ހައްލުކޮށް، ދިވެހިންނަށް ކޮލިޓީ ބޭސް ލިބޭނެ މަގު ފަހިވެގެން ދިޔައީ މިދިޔަ އެއް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، އެ ވިޔަފާރި އޮތީ ބަކި ބައެއްގެ އަތް ދަށުގައި ކަމަށެވެ. އެހެންކަމުން މިއަދު ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ އުނދަގޫ މަސައްކަތެއް ނަމަވެސް ނިކުންނަން އޮތީ ފޮނި ނަތީޖާއެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އުންމީދަކީ މިފަދަ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދިއުންކަމަށާއި، ކުރިޔަށް އޮތް އަހަރުތަކުގައި މިކަމުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާކަމަށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ