ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 2-0 އިން ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި އެވެ.
ގަލޮޅު ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗްގެ 16 ވަނަ މިނެޓުގައި ޓީސީން ވަނީ މެޗްގެ ލީޑްނަގައިފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް އެވެ. ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލަށް ނުރައްކާ ވާވަރުގެ ދެތިން ހަމަލާވަނީ ފޮނުވާފައެވެ. ފުރަތަމަ ހާފުގެ ކުޅުމަށްބަލާއިރު ޓީސީ އަށްވުރެ އީގަލްސްގެ ކުޅުން ވަރުގަދަކަން ފާހަގަކުރެވުނެވެ. ފުރަތަމަ ހާފް ނިމުނީ 1-0ގެ ނަތީޖާއަކުން ނެވެ.
ދެވަނަ ހާފްގެކުޅުން ފަށައިގެންވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. އީގަލްސްއިން ޓީސީގެ ގޯލާ އަމާޒުކޮށް އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ޓީސީގެ ބިދޭސީ ކީޕަރު މަންމަޑޯވް އަޒަދް އެލްމަޑިން އެވެ.
ޓީސީގެ ދެވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް ޒަޔާން ނަސީރު މެޗް ނިމެން ތިންމިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިން ލަނޑެކެވެ. ޓީސީ ދެވަނަހާފުގެ ބޮޑުބައި ކުޅެމުންދިޔައީ އެއްކުޅުންތެރިޔަކު މަދުކޮށް 10 ކުޅުންތެރިންނާއިއެކު އެވެ. މެޗްގެ 65 ވަނަ މިނެޓުގައި ދަނޑުގެ މެދުރޮނގާއި ހިސާބުން ޓީސީގެ އަލީ ޝާމިސް އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ އޭނާ އަށް ރީނދޫކާޑެއްދައްކައިފައެވެ. މެޗްގެ ކުރީކޮޅުވެސް ޝާމިސްއަށް ރެފްރީ ރީނދޫކާޑެއްދައްކައިފައިވުމުން ދެވަނަ ރީނދޫކާޑާއި އެކު ރަތް ކާޑެއްދައްކައި ރެފްރީވަނީ އޭނާ ދަނޑުން ފޮނޮވާލާފައެވެ.


