މިރަމަޟާންމަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން 20 އަތޮޅު 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ގެންދަނީ ދަތުރުތައް ކުރަމުންނެވެ. ފެރީގެ ޚިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ، މިރަމަޟާންމަހު ދަތުރުތައް ރާވާފައިވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭގޮތަށްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މިރަމަޟާމަހު އާރްޓީއެލް ފެރީ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ކޮންމެ
ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރެވިފައިވާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ.
ފެރީ ދަތުރުތަކުގެ އިތުރުން ބަހުގެ ޚިދުމަތްދޭ ގަޑިތަކަށްވެސް މިރަމަޟާންމަހުވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރުއެވެ. އަދި، ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު ދެން ދަތުރުތައް ފަށާނީ ރޭގަނޑު 7:20 ގައެވެ. މި ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މާލޭތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތަށް ބަލާއިރު، އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ފަށާނީ ހެނދުނު 7:00 ޖަހާއިރުއެވެ. އަދި އިރުއޮއްސި 6:00 އަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، ދަތުރުތައް ދެން ފަށާނީ ރޭގަނޑު 9:00 ޖަހާއިރުއެވެ. މިރޫޓުތަކުގެ ދަތުރުތައްވެސް ރޭގަނޑު 12:00 ޖަހަންދެން ކުރިއަށް ދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.