ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ‘ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލު’ ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާންއެވެ.
ބިލުގައި ބުނެފައިވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރާއްޖެއަށް ޖަނަވާރު އެތެރެކޮށް، ނުވަތަ ރާއްޖެއިން ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން، ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރުމަށް ހުޅުވާލައި ބިލުގެ ބަހުސް ވަނީ ނިންމާލާފައެވެ. ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވި 43 މެންބަރުން ވަނީ ބިލު ތަޅުމަށް ބަލައިގަތުމަށް އިއްތިފާގުވެފައެވެ.
ބިލު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ބިލު ހުށަހަޅާފައިވަނީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، އޭގެ ޒަރީއާއިން އިިންސާނުންނަށް ޖެހޭ ބަލިތަކުން ރައްޖާތެރިވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށެވެ.
ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނެ އަސާސީ ޝަރުތުތަކެއް ކަނޑައަޅައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެއީ:
– އެ ޖަނަވާރަކީ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރެއް ކަމުގައި ނުވުން
– އެ ޖަނަވާރު އެތެރެކުރަނީ އިމްޕޯޓުކުރަން ހުއްދަކުރާ ބޭނުމަކަށް ކަމުގައިވުން
– އެ ޖަނަވާރު އެތެރެކުރަނީ ގާނޫނު ހުއްދަކުރާ ޚާއްސަ ބޭނުމަކަށް ކަމުގައިވުން