އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި މި ތަމްރީނުތައް ކުރިއަށް ގެންދެވޭނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ތަމްރީނުތަކުގައި ސިފައިން ބައިވެރިވާނީ ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އަދި މި ތަމްރީނުތައް ކުރިއަށް ގެންދެވޭނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4 އިން 6 އަށް ކަމަށާއި، ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10 އިން އަނެއް ދުވަހުގެ ފަތިހު 1 އަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.