ރައީސް އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ގޮތަށް އިފްތިތާހުކުރި ރައްޔިތުންގެ އަޑު ޕޯޓަލްއަށް ވީޑިއޯ ސުވާލު ހުށަހެޅޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.
“ރައްޔިތުންގެ ވީޑިއޯ” ގެ ނަމުގައި އިތުރުކުރި މި ފީޗާއާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އާ ފީޗާއާ އެކު މިހާރު ހުރިހާ ރައްޔިތުންނަށް ވެސް ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒުއާ ސުވާލު ކުރުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލު ކުރާ މީހުންނަށް އެމަނިކުފާނު ޖަވާބު ދެއްވަމުން ގެންދަވާނީ “ރައީސްގެ ޖަވާބު” ސިލްސިލާގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
“ރައީސްގެ ޖަވާބު” ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒު ދެއްވާ ޖަވާބު އާއްމު ކުރައްވަމުން ގެންދަވާގޮތަށް މިދިޔަ އަހަރުގެ ފެބްރުއަރީގައި ފެއްޓި ސިލްސިލާއެކެވެ.
ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓައިލީ، ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކޮށް ރައީސްއާ ސުވާލު ކުރަން ފުރުސަތު ދިނުމަށް ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.