ޒަޔަނިސްޓު ދައުލަތުގެ ބޮޑު މުޖުރިމު ނަތަންޔާހޫއާއި، އޭނާގެ ޑިފެންސް މިނިސްޓަރު ޔިޒްރައިލް ކާޓްޒްއާއި، ޓެރަރިސްޓު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމިރް އަމުރުކޮށްގެން އިސްތިއުމާރީ ސިފައިންގެ ބޮޑު ފައުޖެއް، ބަރުހަތިޔާރާއެކު ލުބުނާނުގެ ދެކުނު އިސްތިއުމާރު ކުރަން ވަދެގަތީ މި މާޗްމަހުގެ 2 ވަނަ ދުވަހުއެވެ.
ޒަޔަނިސްޓު ދައުލަތުން ބޭނުންވީ، ލުބުނާނުގެ ދެކުނު ހިފައި އިސްރާއީލުގެ ބިމުގެ ބަޔަކަށް ހެދުމަށެވެ. އަދި ލުބުނާނުގެ ދެކުނު ހިފައި، ބިންތައް ހުސްކޮށް ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭންތަކެއްވެސް ހަދާފައި ވެއެވެ.
ލުބުނާނުގެ ދެކުނަށް އިސްތިއުމާރީ ޓެރަރިސްޓުން ވަދެގަތުމުގެ ކުރިން ދެކުނުގެ ހުރިހާ އަވަށްތަކަށް ވަރަށް ވަރުގަދައަށް ބޮންއަޅައި، އެތަކެއް އާއިލާތައް މަރައި، ގެތަކާއި އިމާރާތްތައް ހަލާކުކޮށް ސުންނާފަތި ކޮށްލިއެވެ.
ލުބުނާނުގެ ދެކުނު ހިފަން ޒަޔަނިސްޓު ދައުލަތުން މަސައްކަތް ފެށި މައިގަނޑު ސަބަބަކީ، ލުބުނާނުގެ ހިޒްބުﷲގެ ފަރާތުން އިސްރާއީލަށާއި، އިސްރާއީލު ސިފައިންނަށް ދޭންފެށި ވަރުގަދަ ހަމަލާތަކެވެ. އެ ހަމަލާތަކުގައި އިސްތިއުމާރީ އެތައް ސިފައިން މަރާލައި، އެތައްސަތޭކަ ބަޔަކު ޒަޚަމްވެ، އަގުބޮޑު އެތަކެއް ހަތިޔާރު ހިޒްބުﷲއިން ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.
އިސްތިއުމާރީ ޒަޔަނިސްޓު ޓެރަރިސްޓު އަސްކަރިއްޔާއިން ގެންގުޅޭ މަރްކަވާ ޓޭންކް ނުވަތަ ބޮޑުބަޑިއަކީ ދުނިޔޭގައިވެސް މިހާތަނަށް އުފެއްދި ހަނގުރާމައިގެ އެންމެ މޮޅު ޓޭންކެވެ. އެއީ އިސްރާއީލުގެ އަމިއްލަ އުފެއްދުމެވެ. އެއީ، ހަނގުރާމައިގެ މައިދާނުގައި ވަރަށް އިތުބާރު ކުރެވޭ، އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފެވޭ، ސްޕީޑްވެސް ބާރު އަސްކަރީ އުޅަނދެކެވެ. މިއީ، އިސްތިއުމާރީ ސިފައިން ވަރަށް ފަޚުރުވެރިވާ އެޔާމެދު ބޮޑާވާ ޓޭންކްތަކެކެވެ.
އިސްތިއުމާރީ ސިފައިން މަރްކަވާ ޓޭންކް ބޭނުންކުރަނީ ފަލަސްތީނުގެ ޣައްޒާއާއި، ހިފާފައިވާ ހުޅަނގު އައްސޭރީގެ އާންމުން ޝަހީދުކޮށް، ގެތަކާއި އިމާރާތްތަކަށް ހަމަލާ ދިނުމަށެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން އެ ބާވަތުގެ ޓޭންކުތައް ލުބުނާނުގެ ދެކުނަށްވެސް ވައްދައި، ބޮޑެތި އެތައް ޖަރީމާތަކެއް ހިންގަމުން ގޮސްފައި ވެއެވެ. ނުވިތާކަށް ސޫރިޔާގެ ބިމުގެ ބޮޑު ސަރަހައްދެއް ހިފުމަށްފަހު މަރްކަވާ ޓޭންކްތައް ގެންގޮސް، ސޫރިޔާގެ އަވަށްތައް ރެއިޑްކޮށް އާންމުންނަށް ހަމަލާދޭންވެސް މިވާބަތުގެ ޓޭންކްތައް ބޭނުންކުރަމުން ގެންދެއެވެ.
ލުބުނާނުގެ ދެކުނު ހިފަން ޒަޔަނިސްޓް އަސްކަރިއްޔާގެ ޓެރަރިސްޓު ފައުޖު ލުބުނާނުގެ ދެކުނަށް އެއްގަމުމަގުން ވަދެގަތީ އެތައް ބައިވަރު މަރްކަވާ ޓޭންކާއި، އަސްކަރީ ބަރު އުޅަނދުތަކާއި، ބުލްޑޯޒަރުތަކާއި، އެނޫންވެސް ބާރުގަދަ ހަތިޔާރާއެކުއެވެ.
ހުޅަނގުގެ ބާރުތަކުން ހިޒްބުﷲއަށް ބިރުދައްކައި އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހަދުވައި، ލުބުނާނުގެ ސަރުކާރަށްވެސް ބިރުދައްކައި. ހިޒްބުﷲގެ ދެއަތް އޮތީ ބަނދެފައެވެ. ލުބުނާނު ސަރުކާރުން ގެންދިޔައީ އިސްރާއީލަށް ހަމަލާ ނުދޭން ހިޒްބުﷲއަށް އިންޒާރުދެމުންނެވެ. ފްރާންސް ފަދަ ހުޅަނގުގެ ބާރުގަދަ ގައުމުތަކުން ގެންދިޔައީ ހިޒްބުﷲ މައިތިރިކުރަން ލުބުނާނު ސަރުކާރަށް ބިރުދައްކަމުންނެވެ.
އެއްބަސްވުމުގައި ކަނޑައެޅިގޮތަށް ހިޒްބުﷲގެ މުޖާހިދުން ލުބުނާނުގެ ދެކުނުން ފަހަތަށް ޖެހުނެވެ. އެއްބަސްވުމުގައި އޮތީ ލީޓަނީ ކޯރާ ހަމައަށް ހިޒްބުﷲ ފަހަތަށް ޖެހުމަށެވެ. ހިޒްބުﷲއިން އެކަން ކުރިއެވެ. އެމީހުން އިސްރާއީލަށް ދެމުންގެންދިޔަ ހަމަލާތައް އެހިސާބުން ހުއްޓިގެންދިޔައެވެ.
އެކަމަކު، ޒަޔަނިސްޓު ދައުލަތުން ކެނޑިނޭޅި ގެންދިޔައީ ލުބުނާނަށް ވައިގެ ހަމަލާތައް ދެމުންނެވެ. ލުބުނާނުގެ ދެކުނަށް ބޮންއަޅައި، އާންމުން މެރުމަށްފަހު ކޮންމެ ފަހަރަކު ބުނަނީ، އެމީހުން ހަމަލާދިނީ ހިޒްބުﷲގެ ތަންތަނަށް ކަމަށެވެ. ނުވިތާކަށް، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ކަނޑައަޅާފައި އޮތަސް، ލުބުނާނުގެ ދެކުނަށް އެއްގަމުމަގުން އަރާތިބި އިސްތިއުމާރީ ސިފައިން ނުބާލާނޭ ކަމަށް ނަތަންޔާހޫ ފާޅުގައި ބުންޏެވެ. އަދި ސިފައިން ނުވެސް ބޭލިއެވެ. އިސްތިއުމާރީ ބާރުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓުވަން އަދި ލުބުނާނުގެ ދެކުނުން އެމީހުން ބާލަން ހުޅަނގުގެ ބާރުތަކުން އެއްވެސް ކަމެއް ނުކުރިއެވެ. އަދި ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ކުށްވެރިވެސް ނުކުރިއެވެ. ހިޒްބުﷲ ވީހިސާބެއް ނޭނގޭ އިރުވެސް، ހުޅަނގުގެ ވެރިން ތިބެނީ ނަތަންޔާހޫ އެއްޗެއް ބުނެލާއިރަށް ހިޒްބުﷲ ކުށްވެރިކޮށް ބަޔާންނެރެން ތައްޔާރަށެވެ.
އެކަމަކު، ހިޒްބުﷲ ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ކުރިކަމަކީ، ޒަމާނީ މޮޅެތި ހަތިޔާރު ހޯދައި، ތަމްރީނުތައް ހަދައި އަދި އެމީހުންގެ ފައުޖުތަކުގެ ސަފުތައް އަލުން ރުކުރުވާލުންކަން އިސްރާއީލަށް ރޭކާވެސް ނުލިއެވެ. ސަފުތައް އަލުން ވަރުގަދަކޮށް ބަދަހިކަމުގައި ނުކުމެ އިސްރާއީލާ ކުރިމަތިލާނެ ކަމަށް އެމީހުން ހީވެސް ނުކުރެއެވެ. އިސްރާއީލުން ބެއިރޫތަށް ބޮންއަޅައި ހިޒްބުﷲގެ ބާނީ އައްޝައިޚް ހަސަން ނަސްރުﷲ
އަވަހާރަ ކޮށްލުމުން ޒަޔަނިސްޓު ދައުލަތުން ހީކުރީ ހިޒްބުﷲ އެކަން ހަނދާން ނައްތާލާނޭ ކަމަށެވެ. ބަދަލު ނުހިފާނޭ ކަމަށެވެ. ނުވަތަ ބިރުން ފަހަތަށްޖެހި ބޮނދީ ކަމަށެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވުން ހެދުމުގެކުރިން ހިޒްބުﷲއިން އިސްރާއީލަށް ހަމަލާތައް ދެމުން ގެންދިޔައީ ހަމައެކަނި ރޮކެޓު ބޭނުންކޮށްގެންނެވެ. އެއީ، އެހާ ދުރަށް އުދުހޭ އެއްޗެއް ނޫނެވެ. ރޮކެޓް ބޭނުންކޮށްގެން ހިޒްބުﷲއިން އެންމެ ގިނައިން ހަމަލާތައް ދެމުންދިޔައީ ލުބުނާނުގެ އިމާ ގާތުގައިވާ އިސްރާއީލުގެ އުތުރުގެ އަވަށްތަކަށެވެ. އިސްރާއީލު ބުނާގޮތުން ނަމަ އެފަދަ ގިނަ ރޮކެޓު ވެއްޓެނީ ހާމަ މައިދާންތަކަށެވެ. މާބޮޑެތި ގެއްލުންތަކެއް އެއިން ނުލިބެއެވެ. އެކަމަކު، ލުބުނާނުގެ ތެރޭގައި ފިލާތިބެ، އިސްރާއީލުގެ އެތެރޭގައި ހަދާފައިވާ އިސްތިއުމާރީ ސިފައިންގެ ޕޯސްޓްތަކާއި. ބޭސްތަކާއި، މުވާސަލާތީ މަރުކަޒުތަކާއި، އެމީހުންގެ ހަތިޔާރާއި، އަދި ސިފައިން ތަންތަނަށް ޖަމާވެފައި ތިއްބައި ހިޒްބުﷲއިން ކާމިޔާބު ހަމަލާތަކެއް ދެމުން ގޮސްފައި ވެއެވެ.
އެކަމަކު ހިޒްބުﷲ އެހާ ވަރުގަދަވެގެން އަތުވެދާނެކަމެއް އަދި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާއެކު، ހިޒްބުﷲއިން އިސްރާއީލަށް ހަމަލާތައް ދޭން ފަށާނޭކަމަށް ޒަޔަނިސްޓު ސިފައިންނާއި، ޒަޔަނިސްޓު ދައުލަތުގެ ވެރިން ތިބީ އެއްވެސް ވަރަކަށް ވިސްނައިގެނެއް ނޫނެވެ.
އީރާނުން ރައްދު ހަމަލާތައް ފެށުމާއެކުހެން ފެނިގެންދިޔައީ ހިޒްބުﷲއިން އިސްރާއީލަށް ވައިގެ ހަމަލާތައް ދޭންފެށިތަނެވެ. ފުރަތަމަވެސް ފެށީ ވަރުގަދަ ހަމަލާތަކުންނެވެ. ހިޒްބުﷲއިން އިސްރާއީލަށް ދޭންފެށި ހަމަލާތަކުގެ ވަރުގަދަ ކަމާއި، ބޭނުންކުރަންފެށި ހަތިޔާރުގެ ބާރުގަދަކަން ފެނިފައި އިސްތިއުމާރީ ސިފައިން ވަރަށް ކަންބޮޑުވިއެވެ. އެއީ، އީރާނަށް ހުރިހާ ކަމެއް ފޯކަސްކޮށްގެން ތިއްބައި، ލުބުނާނު ތެރެއިން އަންނަ ހަމަލާތައް ހުއްޓުވަން ޖެހުމުންނެވެ.
މިފަހަރު ހިޒްބުﷲއިން އިސްރާއީލަށް ހަމަލާތައް ދޭންފެށީ ހަމައެކަނި ރޮކެޓަކުން ނޫނެވެ. ނުވަތަ ކުދިކުދި ފަޓާހަކުން ނޫނެވެ. ހިޒްބުﷲއިން ބާރުގަދަ އެތައް ހަތިޔާރެއް ބޭނުންކުރަން ފެށިއެވެ. ދުރަށް އުދުހޭ މިސައިލްވެސް ބޭނުންކުރަން ފެށިއެވެ. އިސްރާއީލުގެ އުތުރުރާއި، މެދުތެރެއިން ތެލް އަވީވަށާއި، އަދި ދެކުނުގެ ސިޓީތަކަށް ހަމަލާތައް ދެމުންގެންދިޔައީ އީރާނާއި ހިޒްބުﷲ ގުޅިގެންނެވެ. ޒަޔަނިސްޓު ސިފައިން އެންމެ ކަންބޮޑުވި ކަމަކީ ހިޒްބުﷲއިން ހަމަލާދޭ ޑްރޯންވެސް ބޭނުންކުރަން ފެށުމުންނެވެ.
އީރާނުން އިސްތިއުމާރީ އިސްރާއީލުގެ ރަށްތަކަށް ދޭ ހަމަލާތަކަށްވުރެ، ހިޒްބުﷲއިން ދޭ ހަމަލާތައް ގިނަކަން މިހާރުވެސް އަންދާޒާތަކުން ދައްކައެވެ. ހަމަލާތައް ވަރުގަދަވެފައި، އިސްތިއުމާރީ ސިފައިން މަރުވާ އަދަދު އިތުރުވެ، އިސްރާއީލަށް ހިޒްބުﷲއިން ދޭ ގެއްލުންތައްވެސް ވަރަށް ބޮޑުވެގެން ގޮސްފައި ވެއެވެ. އެހެންވެ، އިސްރާއީލަށް ޖެހުނީ ލުބުނާނަށް މައިގަނޑު ފޯކަސް އަނބުރާލުމަށެވެ. އެންމެބޮޑު ބިރަކަށްވީ، ހިޒްބުﷲ މުޖާހިދުން އެއްގަމުމަގުން އިސްރާއީލުގެ އުތުރުރަށް ވަދެގަންނަން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރޭން ފެށުމުންނެވެ.
ލުބުނާނަށްދޭ އުދުވާނީ ހަމަލާތައް ވަރުގަދަކޮށް އަދި އެއްގަމުން ވަދެގަނެ ލުބުނާނުގެ މުޅި ދެކުނު ހިފަން އިސްތިއުމާރީ ބާރުން ނިންމީވެސް ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ހިފަންއުޅޭ ވާހަކައިގެ ބިރާއި، އަދި ހިޒްބުﷲގެ ބާރުގަދަކަން ފެނި ސަލާމަތް ނުވާނެކަން އެނގިގެންނެވެ.
އެކަމަކު، ލުބުނާނުގެ ދެކުނު ހިފަން އެއްގަމުމަގުން އަރައިގަތް ދުޝްމަނުންނަށް ހިޒްބުﷲއިން ގެންދަނީ ބޮޑެތި ލަގާތައް ދެމުންނެވެ. ހިޒްބުﷲއިން ޖަހާފައިވާ ދަންތުރަތަކުގައި ޖެހިގެންނާއި، ފިލާތިބެ ދެމުންގެންދާ ކުއްލި ހަމަލާތަކާއި، މިސައިލާއި ރޮކެޓުން ހަމަލާ ދީގެން ޓެރަރިސްޓު އަސްކަރިއްޔާގެ އެތައް ސަތޭކަ ސިފައިން މިހާތަނަށް މަރައި ދުނިޔެއާ ވަކިކޮށްލާފައިވާކަމަށް ހިޒްބުﷲއިން ގެންދަނީ ބުނަމުންނެވެ. އަދި ޒަޚަމްވެގެން ގެންދާ މީހުންގެ އަދަދު ހާހުން މައްޗަށް އަރާފައި ވެއެވެ. ހައިފާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ސިފައިންނަށް ބަލާއިރު މިކަން ޔަގީންވެއެވެ. އަސްކަރީ ހެލިކޮޕްޓަރުތަކުން ރެއާއި ދުވާލު ގެންދަނީ ލުބުނާނުގެ އިމުގެ ސަރަހައްދުން މަރުވާ އަދި ޒަޚަމްވާ ސިފައިން މިހާރުވެސް އުފުލަމުންނެވެ.
ހިޒްބުﷲ މުޖާހިދުން 24 ގަޑިއިރުތެރޭ ޒަޔަނިސްޓުންނާ ދެކޮޅަށް 87 އަސްކަރީ އޮޕަރޭޝަން ހިންގި ޚަބަރާއެކު އެންމެނަށްވެސް ލިބިގެންދިޔައީ ހައިރާންކަމެވެ. ހިޒްބުﷲގެ ކުޅަދާނަ ކަމާހެދިއެވެ.
އިސްރާއީލުގެ ޓެރަރިސްޓު އަސްކަރިއްޔާއަށް އެންމެބޮޑު ހިތްދަތިކަމެއް ގެނުވި ކަމަކަށްވީ، ލުބުނާނުގެ ދެކުނަށް ވަދެގަތް އިސްތިއުމާރީ ސިފައިން ގެނައި އެއްކަލަ މޮޅު، އަގުބޮޑު، އެމީހުން ފަޚުރުވެރިޔާ މަރްކަވާ ޓޭންކްތަކުގެ ވާގި، ހިޒްބުﷲއިން ނައްތާލުމުންނެވެ. މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެން ހިޒްބުﷲ މުޖާހިދުން ވަރުގަދަ ހަމަލާތަކެއްދީ، މަރްކަވާ ޓޭންކްގެ 73 ޓޭންކް މިހާތަނަށް ގޮއްވައި ބާދަނގަޑަށް ހަދާލާފައި ވެއެވެ. ބައެއް ރިޕޯޓްތައް ބުނަނީ 100 އެއްހާ ޓޭންކް ގޮއްވާލާފައިވާ ކަމަށެވެ. އޭގެ ހެކި ހިޒްބުﷲއިން ދުނިޔެއަށް ދައްކަމުން ގެންދަނީ ވީޑިއޯ ހެކީގެ ގޮތުގައެވެ. އެއީ އޭއައި ވީޑިއޯއެއް ނޫނެވެ. މިއިން ޓޭންކެއްގެ އަގަކީ ހަމިލިއަން އެމެރިކާ ޑޮލަރެވެ.
އިސްތިއުމާރީ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް، އިސްރާއީލުގެ ކެބިނެޓާ މައުލޫމާތު ހިއްސާކުރަމުން “ރަތްދިދަ” އުފުލީ، މަރްކަވާ އެތަކެއް ޓޭންކް ހަލާކުވެ، އެތައްސަތޭކަ ސިފައިން މަރުވެ، އެތައްހާސް ސިފައިން ޒަޚަމްވެ، އިސްތިއުމާރީ ސިފައިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ސިފައިން ފަހަތަށްޖެހޭން ފެށުމުންނެވެ.
އިސްތިއުމާރީ ސިފައިންގެ ހިތްތަކުގައި އުފެދެންފެށި ބިރުވެރިކަމަކީ، އިސްރާއީލާއި ހިޒްބުﷲއާއި ދެމެދު 2006 ވަނަ އަހަރު ކުރި ހަނގުރާމައިގެ ހިތި ހަނދާންތަކެވެ. އެ ހަނގުރާމައަށް މީޑިއާއިން ދީފައިވާ ނަމަކީ “މަރްކަވާ ގަތުލުއާންމު” މި ނަމެވެ. އެއީ، އިސްތިއުމާރީ ސިފައިންގެ މައްޗަށް ހިޒްބުﷲ ކުރި ހޯދި ތާރީޚީ ހަނގުރާމައެވެ.
ދުނިޔޭގެ ގިނަ ބަޔަކު އިއްތިފާގުވާ ކަމެއް އެބައޮތެވެ. އެއީ، ބަޔަކާ މައިދާނުގައި ކުރިތިލައި ހަނގުރާމަކޮށްގެން އިސްތިއުމާރީ ސިފައިންނަށް ކާމިޔާބު ނުލިބޭނޭ ކަމެވެ. އެމީހުން މޮޅީ ތުއްތުކުދިންނާއި، ކުޑަކުދިން މެރުމަށް ކަމެވެ.



