ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު ޝަހީދު އެ މަޤާމަށް އައްޔަން ކުރެއްވުމާމެދު ވޯޓަށް އަހާފައިވާއިރު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުން ވަނީ ޝަހީދު އެ މަޤާމަށް އައްޔަން ކުރެއްވުމަށް ވޯޓް ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ ޝަހީދު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ތާއީދު ކުރައްވާފައެވެ. އަޒާން ވަނީ ޖޭއެސްސީ އިސްލާހު ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހައި ކޯޓުގެ ފަނޑިޔާރު ޝަހީދު މީގެކުރިން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި ފޭދޫ މެޖިސްޓްރޭޓް ކަން ކުރައްވައިފައެވެ.
ޖުލައި 24، 2018 ގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ޝަހީދު މީގެކުރިން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި ފޭދޫ މެޖިސްޓްރޭޓް ކަން ކުރައްވައިފައެވެ. އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމަށް އެންމެ ފުރަތަމަ އިއުލާނުކުރުމުން ކުރިމަތިލެއްވީ ކުރީގެ ޑީޕީޖީ މަރްޔަމް ނިހާޔަތު އެކަންޏެވެ. އެހެންކަމުން ޖޭއެސްސީއިން ވަނީ ދެވަނަ ފަހަރަށް އިއުލާން ކޮށްފައެވެ. އެ ފަހަރު ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދާއި ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވިއެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ. މި ފަނޑިޔާރުންގެ ތެރެއިން މަހާޒް އާއި އަޒްމިރަލްދާ ހުރީ ސަސްޕެންޑްކޮށްފައެވެ.