މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި މަޝްރޫޢު ހިންގާ ފަރާތް ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، މަގު ފުޅާކުރުމަށްޓަކައި ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި، ދުވާރުތައް ހެދުމާއި، ރޯޑް މާރކިންގ އަދި ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެންމެ ބޮޑު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު އިތުރަށް ތަރައްޤީވެ، ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.