ތ. ގުރައިދޫ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ޕްރޮޖެކްޓް ސައިޓުގައި ސޭންޑް ބަންޑުގެ މަސައްކަތް ކަމަށެވެ.
ތ. ގުރައިދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ގުރައިދޫ އެއާޕޯޓު މަޝްރޫއު މިދިޔަ އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތަށް އެ މަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު، ރާއްޖޭގެ ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ އަހަރުގެ ފެބްރުއަރީ ހަ ވަނަ ދުވަހު ގުރައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައެވެ.