ނަސާރާއިންގެ އީދުތަކުގައި ތަހުނިޔާ ކިޔުމުގެ ވާހަކަ ދައްކާއިރު ހަނދާންކޮށްލުން މުހިއްމު ބައެއް ވާހަކަ

ރިޕޯޓް ފަހުގެ ދީން

މިއަދު، އަޅުގަނޑު ގަސްދުކުރަނީ ކީރިތި ޤުރުއާނުގެ ތިން އާޔަތެއްގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލާށެވެ. މިތިން އާޔަތުގެ މާނަ ރަނގަޅަށް ވިސްނި، ފަހުމުވެދިޔުމަށްޓަކައެވެ. މިއަދުގެ ތިން އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތަކީ އަލްއަންޢާމު ސޫރަތުގެ 108ވަނަ އާޔަތެވެ. މިއާޔަތަށް ފަހު، ދެން ބަލާލަން ގަސްދުކުރަނީ އަލްމުމްތަޙިނާ ސޫރަތުގެ 8ވަނަ އާޔަތާއި 9ވަނަ އާޔަތުގެ މައްޗަށެވެ.

މި ތިން އާޔަތުގެ މައްޗަށް ބަލާލަން ޖެހުނު ސަބަބަކީ މި ދުވަސްވަރު، އާދެ، ސަލާމްލެއްވި އީސާގެފާނުގެ އީދު މީލާދުގެ ދުވަސް ފާހަގަކުރެވޭ ދުވަސްވަރު، ކުރީ އަހަރުތަކޭ ވެސް އެއްފަދައިން، ނަސާރާއިންގެ މިފަދަ އީދުތަކުގެ ދުވަސްވަރުގައި، މުސްލިމުން، އެމީހުންނަށް ތަހުނިޔާ ކިޔުމުގެ މައްސަލަ ނެގެއެވެ. އަދި، މިކަމަކީ ހަރާންކަމެއް ކަމުގައި އެއްބަޔަކު ނިންމައި އެކަން މަނާކުރެއެވެ. އަދި، އެފަދަ ތަހުނިޔާއެއް ކިޔައިފި މީހަކު ކާފިރުކޮށް ދީނުން ބޭރު ވެސް ކުރޭމެއެވެ. މި ފަދައިން ނިންމުން ބިނާވާ މާ ބޮޑު ޝަރުއީ، ދަލީލެއް، ހެއްކެއް، ދެއްކުމަކާ ނުލާ ވެސް މެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސަބަބަށްޓަކައި މި ތިން އާޔަތުގެ މައްޗަށް ބަލާލަން ގަސްދުކުރީއެވެ. މަތީގެ މި ނަންގަތް މައްސަލައާ ބެހޭ ގޮތުން، ތިމާމެންގެ ސަލާމަތް ބުއްދި ބޭނުންކޮށްގެން، ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނާލުމަށް ފަހު، މައްސަލައާ ބެހޭ ގޮތުން، ކޮންމެ މީހަކު ވެސް، އަމިއްލައަށް ގޮތެއް ނިންމުމަށް އެހީއެއްވެ ދެވޭތޯއެވެ.

ކަމެއް ހަރާންކުރުމަކީ ވަރަށް ވެސް ބޮޑު މައްސަލައެކެވެ. އަދި، މީހަކާ ދިމާއަށް ކަލޭ ތިހުރީ މުރުތައްދުވެފައޭ، ކަލޭތީ ކާފިރެކޭ، ބުނުމަކީ ވެސް ހަމަ އެހާމެ ބޮޑު ކަމެކެވެ. މިއިން ކޮންމެ ކަމަކީ ވެސް، އިތުރު މާނަކުރުމަކަށް ބޭނުން ނުވާނޭ ފަދަ، ސަރީހަ ޝަރުއީ ވަރުގަދަ ދަލީލެއް ނެތި، ކޮށްގެން ހެޔޮ ނުވާނޭ ކަމެވެ. އެހެންވެ، މީހަކާ ދެބަސް ވިޔަސް، ނޫނީ އެ މީހަކީ ތިމާ ކިތަންމެ ނުރުހޭ މީހަކަށް ވިޔަސް، ނޫނީ އެމީހަކީ ތިމަންނާގެ އަދުއްވެއް ކަމަށް ވިޔަސް، އެމީހާއާ ދޭތެރޭގައި ވެސް ކަންތައް ކުރަން ޖެހޭނީ ހަމައާއި އިންސާފުގެ މަތިން ހެއްކާއި ދަލީލުގެ މައްޗަށް ބިނާކޮށެވެ. ކީރިތި ގުރުއާނުގައި އިރުޝާދު ދެއްވާފައިވާ ފަދައިންނެވެ. “…لا يجرمنكم شنآن قوم على ألا تعدلوا اعدلوا هو أقرب للتقوى …، ބަޔަކު މީހުންނާ ދޭތެރޭ އޮތް ދެކޮޅުވެރިކަމަކީ އެމީހުންނާ މެދު އަދުލުވެރިކަމާއެކު ކަންތައް ނުކުރުމަށް އޮތް ސަބަބެއް ކަމުގައި ނުހަދާށެވެ. (އަދި ކިއެއް ހެއްޔެވެ؟ އެފަދަ މީހުންނާ މެދު ވެސް) އަދުލުވެރިކަމާއެކު ކަންތައް ކުރާށެވެ! އެ ގޮތް، (އެބަހީ، އަދުލުވެރިކަމާއެކު ކަންތައް ކުރުން) ތަގުވާވެރިވުމާ ގާތެވެ. (މާނައަކީ ތަގުވާވެރިވެވެނީ އަދުލުވެރިކަމާއެކު ކަންތައް ވެސް ކުރެވިގެންނެވެ.) (އަލްމާއިދާ ސޫރަތުގެ 8ވަނަ އާޔަތުން)”

ދެން އަލްއަންޢާމު ސޫރަތުގެ 108ވަނަ އާޔަތުގެ މައްޗަށް ބަލައިލަމާ އަންނާށެވެ. ولا تسبوا الذين يدعون من دون الله فيسبوا الله عدوا بغير علم كذلك زينا لكل أمة عملهم ثم إلى ربهم مرجعهم فينبئهم بما يعملون… (الأنعام ١٠٨)
މާތްރަސްކަލާނގެ ފިޔަވައި އެމީހުން (އަޅުކަންކޮށް،) ދުއާކޮށް ގޮވާ ހަދާ އެއްޗިއްސަށް (ކަލޭމެން މުސްލިމުން) އެއްޗެހި ގޮވައި ނުހަދާށެވެ. (މިފަދައިން ކަލޭމެން މުސްލިމުން އެއްޗެހި ގޮވައި، ކަންތައްކޮށްފި ނަމަ،) އެކަމުގެ ސަބަބުން، ނޭނގި ތިބެ، (އެބަހީ ކުޑަކޮށް ވެސް، ވިސްނާ ވެސް ނުލައި، ކަމުގެ ދެކޮޅު ނުބަލައި، އެކަން ހުއްދަކޮށް) ކަލޭމެން ދެރަކުރުމުގެ ގޮތުން، އެމީހުން ވެސް، މާތްރަސްކަލާނގެއަށް އެއްޗެހި ކިޔާފާނެއެވެ. ކޮންމެ އުއްމަތަކަށް ވެސް (އެބަހީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް) އެބައެއްގެ ކަންތައްތައް އެއީ ރީތި ރަނގަޅު ކަންކަންކަމުގައި ދެކެވޭ ގޮތް ތިމަން ރަސްކަލާނގެ މެދުވެރިކުރެއްވީމެވެ. ދެން، އެއަށް ފަހު، (އެބަހީ، އެމީހުންގެ ދުނިޔަވީ ހަޔާތް ނިމުމަށް ފަހު،) އެމީހުން އެނބުރި އަންނަހުށީ ތިމަން ރަސްކަލާނގެ ހަޟުރަތަށެވެ. ދެން، މާތްރަސްކަލާނގެ އެމީހުންނަށް އެމީހުން ކުރި ކަންތަކުގެ ޚަބަރު ދެއްވައި (ހަގީގަތް ހާމަކޮށްދެއްވާނެއެވެ.)

މިއާޔަތުގައި ދެތިން ކަމެއް ފާހަގަކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ ކަމަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ފިޔަވައި އަޅުކަން ކުރެވޭ ފަރާތްތަކަށް އެއްޗެހި ގޮވައި ހަދައިގެން ނުވާނޭ ކަމެވެ. އެއީ ބުދު ކަމުގައި ވިޔަސް ނޫނީ އެ ނޫން އެއްޗެއް ކަމުގައި ވިޔަސް ވެހެވެ. ސަބަބަކީ މިގޮތަށް ކަންތައް ކޮށްފި ނަމަ، އެފަދަ އެއްޗިއްސަށް އަޅުކަންކުރާ މީހުން، އެކަމަކީ މާތްރަސްކަލާނގެއަށް ވެސް އެއްޗެހި ކިޔުން މެދުވެރިކުރުވާފާނޭ ކަމަކަށް ވުމެވެ. އެހެންވެ، އިސްލާމީ ގޮތް ކަމުގައި ވާނީ އެހެން މީހުން އަޅުކަންކުރާ އެއްޗިއްސަށް ހަޑި ހުތުރު އެއްޗެހި ގޮވައި ނުހެދުމެވެ. އެއެއްޗެހީގެ ހުރުމަތް ކެނޑޭ ފަދަ އަމަލުނުކުރުމެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް، އެފަދަ އެއްޗިއްސަށް އަޅުކަން ކުރަން އެއްބަސް ވުމެއް ނޫނެވެ. މީގެ މާނަ ގުޅެނީ ކީރިތި ގުރުއާނުގައި ކަނޑައަޅާފައި އޮންނަ ދީނީ މިނިވަންކަމުގެ އުސޫލާއެވެ. އާދެ، لا إكراه في الدين قد تبين الرشد من الغي، [ދީން (ޚިޔާރުކުރުމު)ގައި މަޖުބޫރުކަމެއް އޮވެގެން ނުވާނެއެވެ. އެހެނީ ހެވާއި ނުބައަކީ ކޮބައިކަން ސާފުވެ، އެނގިއްޖެއެވެ.] އަލްބަޤަރާ ސޫރަތުގެ 256ވަނަ އާޔަތާއެވެ. ދީނީ ގޮތުން މަޖުބޫރުކަމެއް ނެތުން ނިޔާކުރަނީ އެބަޔަކު އަޅުކަންކުރާ އެއްޗިއްސަށް އަޅުކަންކުރަން ދޫކޮށްލުމަށެވެ. މިކަން އަމަލީ ސިފައެއްގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސަލާމާއި ސަލަވާތް ލެއްވި އިތުރު އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، މަދީނާގައި އެދުވަސް ވަރު އުޅުނު ޔަހޫދީންގެ ގަބީލާތައް ފަދަ ޣައިރު މުސްލިމު ގަބީލާތަކުގެ މީހުންނާ ކުރެވުނު އެއްބަސްތަކުންނެވެ. އެމީހުންނަށް އެމީހުންގެ ދީނަށް އުޅެ، އެމީހުން އެދޭ ސިފައެއްގައި އަޅުކަންކުރުމުގެ މިނިވަންކަން މި ނަންގަތް އެއްބަސްވުމުގައި، އާދެ، މަދީނާގެ ގާނޫނު އަސާސީގެ ނަމުން ފަހުން ނަންދެވުނު އެއްބަސްވުމުގައި، ކަނޑައެޅިފައި އޮތް އޮތުމުންނެވެ.(މީގެ ތަފްސީލު އިބްނު އިސްހާގުގެ ސިޔަރަތުގެ ފުރަތަމަ ޖިލްދުގެ 501 ވަނަ ސަފްހާއިން ލިބޭނެއެވެ. އަދި މި އެއްބަސްވުމުގެ އިނގިރޭސި ތަރުޖަމާއެއް ބޭނުން ނަމަ ޑަބްލިޔު. އެމް. ވޮޓްގެ ‘މުހައްމަދު އެޓް މަދީނާއި’ ސ.225-221، މި ފޮތުންނާއި އަލްފްރެޑް ގުއިޔާމުގެ ‘ދަ ލައިފް އޮފް މުހައްމަދު’ މި ފޮތުގެ 231-233 ސ. އިން ލިބޭނެއެވެ. ފަހުން މި ނަންގަތް ފޮތަކީ އިބްނު އިސްހާގުގެ ކީރިތި ރަސޫލާގެ ސިޔަރަތާއި އަދި ތަބަރީގެ ތާރީޚުން ނެގިފައިވާ ކީރިތި ރަސޫލާގެ ސިޔަރަތުގެ އިނގިރޭސި ތަރުޖަމާއެކެވެ.)

ދެވަނަ ކަމަކީ އެހެން މީހުންގެ މުގައްދަސު އެއްޗިއްސަށް މަލާމާތްކޮށް އެއްޗެތި ގޮވައި ހަނދަންވެއްޖެ ނަމަ، އެމީހުން ވެސް މުސްލިމުންގެ މުގައްދަސު ފަރާތްތަކަށް ހަޖޫކިޔައި މަލާމާތްކޮށް އެއްޗެތި ގޮވުމެވެ.
ދެން، މިހިސާބުން، މިއާޔަތުގައި އޮތް ލަފްޒެއްގެ ގާތު ހިނދުކޮޅަކު މަޑުޖައްސާލަން ޖެހެއެވެ. عَدْوًا މި ލަފްޒެވެ. މި ލަފްޒު ކިޔުމުގައި ޤިރާއަތު އިލްމުގައި ދެ ގޮތެއް އޮވެއެވެ. ޖުމްހޫރުން، އޭގެ މާނައަކީ ގިނަ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވަނީ މި ލަފްޒު ކިޔެނީ عَدْوًا މިހެން ކަމެވެ. މި އާޔަތުގައި މި ލަފްޒުގެ މާނައަކީ، (ރުޅިއާއި ނަފްރަތު އިސްކޮށް، ކުޑަކޮށް ވެސް ވިސްނާނުލައި) ހުއްދަކޮށް ގަތުމެވެ. އެބަހީ، ޣައިރު މުސްލިމުން އަޅުކަން ކުރާ އެއްޗިއްސަށް މުސްލިމުން ބަދުބަސް ބުނެ އެއްޗެހި ކިޔުމުން، ރުޅިއާއި ނަފުރަތު އިސްކޮށް، ވިސްނާލުމެއް ނެތި، މާތްރަސްކަލާނގެ އަށާއި އަދި ވެސް މުސްލިމުންގެ މުގައްދަސު އެއްޗިއްސަށާއި، ކަންކަމަށް ބަދުބަސް ބުނެ އެއްޗެހި ކިޔާ ގޮތް މެދުވެރި ވުމެވެ. ދެވަނަ ގޮތަކީ عَدُوًّا މިއެވެ. މާނައަކީ އަދާވަތްތެރިޔާއެވެ. އޭރުން އާޔަތް މާނަކުރެވޭނީ މުސްލިމުން އެހެން މީހުން އަޅުކަންކުރާ އެއްޗިއްސަށް ބަދުބަސް ބުނެ އެއްޗެހި ކިޔުމުން، މުސްލިމު ނޫން މީހުން ވެސް، އެމީހުންނަކީ މާތްރަސްކަލާނގެއާއި އީމާންވި މީހުންގެ އަދުއްވުންގެ ގޮތުގައި ތިބެ، މާތްރަސްކަލާނގެއަށް ބަދު ބަސް ބުނެމެވެ. ގޮތަކީ، އައްޠަބަރީ ބަޔާންކުރައްވައި ކަނޑައަޅުއްވާ ގޮތުގައި، މިތަނުގައި އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ގޮތެވެ. عَدْوًا މި ޤިރާއަތެވެ، ކިޔުމެވެ. (އައްޠަބަރީގެ އަލްޖާމިޢު (ފަސްވަނަ ޖިލްދު 311-309 ސ). (މީގެ އިތުރުން އަބްދުހޫގެ މަނާރުގެ ފަސްވަނަ ޖިލްދުގެ 670 – 664ސ ވެސް ބައްލަވާލައްވާ.)

ދެން މަޑުޖައްސާލަން ބޭނުންވަނީ كذلك زينا لكل أمة މިއިބާރާތުގެ ކައިރީގައެވެ. ‘މި ގޮތުގެ މަތިން، ކޮންމެ އުއްމަތަކަށް ވެސް، [އެބައެއްގެ ގޮތަކީ] ރީތި ގޮތްކަމުގައި ތިމަންރަސްކަލާނގެ ލެއްވެވީމުއެވެ. މިތަނުގައި އިޝާރަތް މިކުރެވެނީ އިލާހީ ސުންނަތަކަށެވެ. ދުނިޔޭގައި ކަން ހިނގާ ގޮތުގެ އިލާހީ ގާނޫނަކަށެވެ. ކޮންމެ އުއްމަތެއް ވެސް ދެކޭނީ އެމީހުންގެ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމެވެ. މިތަނުގައި އުއްމަތޭ ބުނެ، އެންމެ ފުރަތަމަ، އިޝާރަތްކުރަނީ އެކިއެކި ދީނީ ޖަމާއަތްތަކަށެވެ. މުސްލިމުން އެއީ އުއްމަތެކެވެ. ޔަހޫދީން އެއީ ވެސް އުއްމަތެކެވެ. މަސީހީން ނުވަތަ ނަސޯރާއިންނަކީ ވެސް އުއްމަތެކެވެ. އަދި ބުދު ދީނުގެ މީހުންނާއި އެނޫން ވެސް ދީންތަކާއި އަގީދާތަކުގެ، އެކިއެކި ގަބޫލުކުރުން ތަކުގެ، މީހުންގެ ކޮންމެ ބަޔަކީ ވެސް އުއްމަތެކެވެ. މިއިން ކޮންމެ ބައެއް ވެސް ދެކޭނީ އެމީހުންގެ ގޮތަކީ އެންމެ ރަނގަޅު ފުރިހަމަ ގޮތް ކަމުގައެވެ. މުސްލިމުން ދެކޭނީ އެމީހުންގެ ގޮތަކީ އެންމެ ރަނގަޅު ހައްގު ގޮތް ކަމުގައެވެ. އަދި އެހެން މީހުން ވެސް ދެކޭނީ އެމީހުންގެ ގޮތަކީ އެންމެ ރަނގަޅު ހައްގު ގޮތް ކަމުގައެވެ. އެހެންވެ، އެއްވެސް ބަޔެއްގެ ގަބޫލުކުރުންތަކާ މެދު، އެއްޗެތި ކިޔައިފި ނަމަ، އެމީހުން ވެސް އެހެން މީހުންގެ ގަބޫލުކުރުންތަކާ މެދު އެއްޗެހި ކިޔާނެއެވެ. އެއީ، ދެންމެ ބުނިހެން، އެމީހުން ދެކޭނީ އެމީހުންގެ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީއެވެ. މަތީގައި އެއޮތް އިބާރާތުގައިވާ كذلك زينا މި ގޮތުގެ މަތިން، ތިމަން ރަސްކަލާނގެ ޒީނަތްތެރިކުރެއްވީމުއެވެ، އިޝާރަތްކުރަނީ މިކަމަށެވެ. ކޮންމެ ބައެއް ވެސް އެބައެއްގެ ގޮތަކީ އެންމެ ރަނގަޅު ގޮތްކަން ގަބޫލުކުރުމުގެ ހަމައަށެވެ.

ދެން، މިއާޔަތުން ދޭހަވަނީ، މިއީ ބޮޑު އަރާރުންވުމެއް ކަމުގައި މުސްލިމުން ހަދައިގެން ނުވާނޭ ކަމެވެ. މީގެ މާނައަކީ، އިލްމީ ސިފައެއްގައި، އަދަބުވެރިކަމާއެކު، މައްސަލަތައް ބަހުސުކުރުން ނެތް ވާހަކައެއް ނޫނެވެ. ނަމަވެސް، ބޭކާރު ޖަދަލުކުރުމާއި އަރާރުންވުމުން އެއްކިބާވުމެވެ. ސަބަބަކީ އެންމެ ވެސް، މި ދުނިޔެދޫކޮށް، މާތްރަސްކަލާނގެ ހަޟުރަތަށް ދާނެތީއެވެ. އަދި، ފަހުން، އެކަލާނގެ މިކަމުގެ ފައިސަލާކުރައްވައި، ރަނގަޅު ގޮތަކީ ކޮބައިކަން ކަނޑައަޅުއްވާނެތީއެވެ.

ދެން އަލްމުމްތަޙިނާ ސޫރަތުގެ އަށްވަނަ އާޔަތަށާއި ނުވަ ވަނަ އާޔަތުގެ މައްޗަށް ބަލާލަމާ އަންނާށެވެ. لا ينهاكم الله عن الذين لم يقاتلوكم في الدين ولم يخرجوكم من دياركم أن تبروهم وتقسطوا إليهم إن الله يحب المقسطين. إنما ينهاكم الله عن الذين قاتلوكم في الدين وأخرجوكم من دياركم، وظاهروا على إخراجكم، أن تولوهم، ومن يتولهم فأولئك هم الظالمون. الممتحنة: 8-9 އެންމެ ފުރަތަމަ މި ދެ އާޔަތުގެ މާނަ ލިޔެލާނަމެވެ. “ކަލޭމެން (މުސްލިމުން)ގެ ދީނާ ހުރެ، ކަލޭމެންނާ ހަނގުރާމަކޮށް ނުކޮށް، އަދި ކަލޭމެންގެ ގޯތިގެދޮރުން ނެރެ ނުހެދި މީހުންނާ ދޭތެރޭ ހެޔޮކޮށް ހިތައި، އެމީހުންނާ މެދު އިންސާފުވެރި ގޮތުގައި ކަންތައް ކުރުން މާތްރަސްކަލާނގެ ކަލޭމެން (މުސްލިމުން)ނަށް މަނައެއް ނުކުރައްވައެވެ. (އެ ފަދައިން ކަންތައްތައް ކުރުން، މާތްރަސްކަލާނގެ މަނާ ކުރައްވާނީ ކިހިނަކުން ހެއްޔެވެ؟) އެހެނީ، އެކަލާނގެއީ އިންސާފުވެރިވުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. ދަންނާށެވެ! އެ މީހުންނާއި ގާތްވެ، ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެފެއްދުން އެކަލާނގެ ކަލޭމެންނަށް މަނާކުރައްވަނީ ކަލޭމެންގެ ދީނާ ހުރެ، ކަލޭމެންނާ ހަނގުރާމަކުރި މީހުންނާއި، އަދި (އެކަމާ ހުރެ) ކަލޭމެންގެ ގޯތި ގެދޮރުން އެމީހުންއައިސް ކަލޭމެން ނެރުނު މީހުންނާއި، އަދި (އެކަމާހުރެ ކަލޭމެންނާ ހަނގުރާމަކުރުމަށާއި ކަލޭމެންގެ ގޯތިގެދޮރުން ނެރުމަށް) ބާރު އަޅައި އުޅުނު މީހުންނާއެވެ. (ކަލޭމެންގެ ތެރެއިން) އެފަދަ މީހުންނާ ގާތްވެ، ގާތް ގުޅުމެއް އުފައްދާ މީހުންނަކީ (ހަމަ ގަބޫލުނުކުރާ) އަނިޔާވެރިންނެވެ.

މިދެއާޔަތް ގުޅެނީ ހިޖުރައިން އަށް ވަނަ އަހަރު ހިނގި ހާދިސާއަކާއެވެ. ހުދައިބިއްޔާގެ ސުލްހައިގެ އެއްބަސްވުމަށް ފަހު، މައްކާގެ މުޝްރިކުން އެ އެއްބަސްވުމާ ޚިލާފުވުމުން، ސަލާމާއި ސަލަވާތް ލެއްވި ކީރތި ރަސޫލާ ނިންމެވީ މައްކާ ފަތަހަކުރެއްވުމަށެވެ. ދެން، މިކަމުގެ ޚަބަރު މުސްލިމުންގެ މީހަކު މައްކާގެ މުޝްރިކުންގެ ބަޔަކަށް އަންގަން ނިންމިއެވެ. ފަހަރެއްގައި ވެސް، ޖާސޫސުކޮށްދިނުމުގެ ނުބައި ނިޔަތެއްގައެއް ނޫނެވެ. މިނަންގަތް މުސްލިމު މީހާގެ ތިމާގެ މީހުން މައްކާގައި ތިބުމުން، އެމީހުންނަށް ރައްކާތެރިކަން ހޯދުމުގެ ގޮތުންނެވެ. ނަމަވެސް، މި މުސްލިމު މީހާ މިކަމުގެ ޚަބަރުކުރަން އުޅުނުކަން ކީރިތި ރަސޫލާއަށް (ސ) އެނގިވަޑައިގެން އެކަން ހުއްޓުވުނެވެ. ދެން މި އާޔަތްތައް ބާވާލައްވައި މުސްލިމުންނާއި މައްކާގެ މުޝްރިކުންނާއި، އަދި، އެނޫންވެސް ޣައިރު މުސްލިމުންނާ ދެމެދުގެ ގުޅުމުގެ މައްޗަށް ބަލާލެވުނެވެ. މައްކާގެ މުޝްރިކުންނަކީ މައްކާގެ މުސްލިމުން (ފަހުން މުހާޖިރިއްޔަ ބޭކަލުންގެ ގޮތުގައި ނަންދެވުނު މުސްލިމު ބޭކަލުން) އެމީހުންގެ ގޯތި ގެދޮރުން ނެރެ، އެމީހުންނާ ހަނގުރާމަތައްކުރި ބައެކެވެ. ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައާއި ޚަންދަގު ހަނގުރާމައެވެ. މިއާޔަތުގައި މިފަދަ އަދާވާތްތެރިކަން ފާޅު ގޮތެއްގައި ގެންގުޅުނު، އަދި އޭރުވެސް އެ ގޮތުގައި ތިބި މުޝްރިކުންނާ ގުޅުން ބޭއްވުން މަނާކުރެވުނެވެ. ނަމަވެސް، މިފަދަ އެއްވެސް އަދާވަތްތެރި ކަމެއް ނެތް ޣައިރު މުސްލިމުންނާ މެދު ހެޔޮކޮށް ހިތައި، އެހީތެރިކަން ފޯރުކޮށް، އިންސާފުވެރި ގޮތުގައި ކަންތައް ކުރުން މަނާކުރެވިގެން ނުވާކަމުގައި މިދެއާޔަތުން ކުރެ ފުރަތަމަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ.

މި ތިން އާޔަތުން ލިބޭ މުހިއްމު ފިލާވަޅެއް އެބަ އޮތެވެ. މުސްލިމުންވާން ޖެހޭނީ ދީނީ އެހެން ޖަމާއަތްތަކަށް އިހުތިރާމުކުރާ ބައެއް ކަމުގައެވެ. ފަހަރެއްގައި ވެސް މީގެ މާނައަކީ މުސްލިމުން އެމީހުންގެ އަގީދާތަކާއި ގަބޫލުކުރުންތައް ދޫކޮށްލާ ވާހަކައެއް ނޫނެވެ. އަދި، އެހެން ދީނީ ޖަމާއަތްތަކުގެ އަޅުކަންކުރާ އެއްޗިއްސަށް އެއްޗެހި ނުކިޔުމަކީ ފަހަރެއްގައި ވެސް މުސްލިމުން އެއެއްޗިއްސަށް އަޅުކަންކުރަން އެއްބަސްވާ އެއްބަސްވުމެއް ވެސް ނޫނެވެ.

މިނުކުތާ އިތުރަށް ސާފުވެ ދިޔުމަށްޓަކައި މިތަނުގައި ހަނދާންކޮށްލުން ވަރަށް ވެސް މުހިއްމު ހާދިސާއެއްގެ ވާހަކަ ލިޔެލަން ޖެހެއެވެ. އެއީ ހިޖުރައިން ނުވަ ވަނަ އަހަރު، އާދެ، އެއަހަރަށް ވަފްދުތަކުގެ އަހަރުގެ ނަމުން ނަންދެވުނު އަހަރު، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަރިހަށް ޒިޔާރަތް ކުރި ނަޖުރާނުގެ ނަސާރާއިންގެ ވަފުދުގެ ވާހަކައެވެ. (ނަޖުރާނަކީ އަރަބި ކަރައިގެ ދެކުނުގައި ޔަމަނު ކައިރިގައި އޮންނަ ސަރަހައްދެކެވެ.) ދީނީ އަގީދާގެ ބައެއް މައްސަލަތަކާ މެދު އެމީހުން ބަހުސްކޮށް އެމީހުންގެ އަޅުކަމުގެ ވަގުތު ޖެހުމުން، ކީރިތި ރަސޫލާގެ މިސްކިތުގައި އަޅުކަން ކުރުމުގެ ހުއްދަ އެމީހުންނަށް އެކަލޭގެފާނު ދެއްވިކަން ވެސް މިވާހަކައިގައި ބަޔާން ކުރެވިފައި އޮވެއެވެ. އިބުނު ކަޘީރު އޭނާގެ ތަފްސީރުގައި 3:61 މި އާޔަތް ތަފްސީރުކޮށް ދެއްވަމުން މި ހާދިސާގެ ވާހަކަ ގެންނަވާފައި ވެއެވެ. (އިބްނު ކަޘީރުގެ ތަފްސިރުގެ ދެވަނަ ޖިލްދުގެ 376 ބައްލަވާ). މި ރިވާޔަތަކީ މި ރިވާޔަތުގެ އިސްނާދުގައި މައްސަލަ ހުރުމުން، ބަލިކަށި ރިވާޔަތެއްކަމާއި އަދި އެހެންވެ، މަސްޖިދުއް ނަބަވީގައި އެ މީހުންގެ އަޅުކަންކުރުން ސާބިތު ނުވާކަމަށް ވިދާޅުވާ ބައެއް ބޭކަލުން ތިއްބެވިކަން ވެސް މިތާ ފާހަގަކޮށްލަން ޖެހެއެވެ.

މީގެ އިތުރުން ވެސް، މި މައްސަލައާ ގުޅޭ، ހަނދާންކޮށްލުން އެންމެ ރަނގަޅު ވާހަކައެއް އެބަ އޮތެވެ. އެއީ ޢާޝޫރާގެ ވާހަކައެވެ. މުހައްރަމު ދިހައެއްގައި މުސްލިމުން ފާހަގަކުރާ އީދުގެ ވާހަކައެވެ. މިއީދުގެ އަސްލު ގުޅެނީ ޔަހޫދީންނާއެވެ. ސަލާމާތް ލެއްވި އިތުރު ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި މަދީނާގެ ޔަހޫދީން އެ ދުވަސް ފާހަގަކުރާތަން ދެކިވަޑައިގެން އެކަމާ ބެހޭ ގޮތުން ސުއާލުކުރެއްވިއެވެ. ދެން ޔަހޫދީން އެކަން ފާހަގަކުރަނީ އެދުވަހަކީ ސަލާމްލެއްވި މޫސާގެފާނު ބަނޫ އިސްރާއީލުގެ މީހުން ފިރުއަނުގެ އަނިޔާވެރިކަމުން ސަލާމަތް ކުރެއްވި ދުވަސް ކަމަށް ދެންނެވުމުން، ސަލާމްލެއްވި މޫސާގެފާނަކީ ވެސް ރަސޫލުބޭކަލެއް ކަމާއި އަދި އެކަލޭގެފާނު މަތިން ހަނދާންކުރުން މުސްލިމުންނަށް ވެސް އޮތްކަން ވިދާޅުވެ، ރޯދަފުޅަށް ހުންނަވައި އެދުވަސް ފާހަގަކުރެއްވިއެވެ. އަދި، ޔަހޫދީންނާ ތަފާތުކުރެއްވުމުގެ ގޮތުން، ދެން އަންނަ އަހަރަކު ވިދިވިދިގެން ދެ ދުވަހު ރޯދަ ހިފުމަށް ވެސް އިޝާރާތްކުރެއްވިއެވެ.
މަތީގައި ނަންގަނެވުނު ކަންތައްތައް – ޣައިރު މުސްލިމުންގެ ދީނީ މުގައްދަސު އެއްޗެހީގެ ހުރުމަތްކެނޑޭ ގޮތަށް އަމަލު ނުކުރުމާއ (6:108)، އެއްވެސް އަދާވާތްތެރިކަމަކާއި ހަނގުރާމަވެރި ކަމެއް ނެތް އިރު، ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިންސާފުވެރިވުމާއި (60:8)، ނަޖުރާނުގެ ވަފުދުގެ ވާހަކައާއި ޔަހޫދީންގެ އީދެއް ފާހަގަކުރުން – މިކަންކަމަކީ ނަސާރާއިންގެ އީދެއް ކަމުގައިވާ ސަލާމްލެއްވި އީސާގެފާނުގެ އީދު މީލާދު ފާހަގަކުރާއިރު އެމީހުންނަށް އެކަމުގެ ތަހުނިޔާ ކިޔިދާނެތޯ ނުވަތަ ނޫންތޯ، މި މައްސަލައިގެ މައްޗަށް ބަހުސުކުރަމުންދާއިރު ހަނދާންކޮށްލަން ޖެހޭ ކަންކަމެވެ. އަދި، މީގެ އިތުރުން ވެސް އެހެން މައްސަލަތައް އެބަ ހުއްޓެވެ. މި މައުޟޫ އެ މައުޟޫއެއްގެ ތެރޭގައި ހިމެނޭ ގުރުއާނާއި އެހެން ދީންތަކުގެ ގުޅުން މިމައުޟޫއާ ބެހޭ ވާހަކަތަކެވެ. އެހެން ފަހަރަކުން މިކަމުގެ އިތުރު ތަފްސީލު އިރާދަކުރެއްވިއްޔާ ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

ދެން ފާހަގަކޮށްލަން އޮތީ ސީދާ މިމައްސަލަ – ސަލާމްލެއްވި އީސާގެފާނުގެ އީދު މީލާދު ފާހަގަކުރާއިރު މުސްލިމުން ތަހުނިޔާ ކިޔުމުގެ މައްސަލައިގައި – މުސްލިމު އިލްމުވެރިން ދެކޭ ގޮތް ބަޔާންކުރުމެވެ.
މިކަމާ ގުޅޭ ގޮތުން ދެ ރައުޔެއް އޮވެއެވެ. އެއް ރައުޔަކީ އެއީ ހަރާންކަމެކޭ ދެކޭ ރައުޔެވެ. އާދެ، އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ބުނާ ރައުޔެވެ. މި ރައުޔު، މިހާރު، ވަރަށް ގިނަ ފަހަރު ގުޅުވާލެވެނީ އިބްނު ތައިމިއްޔާއާއި އިބްނު އަލްގައްޔިމުއާ މި ދެއިލްމުވެރިންނާއެވެ. މި ރައުޔު އޭގެ މައްޗަށް ބިނާވާ ސާފު ސީދާ ސަރީހަ ޝަރުއީ ދަލީލެއް ނެތެވެ. ހަމައެކަން ގެނެވޭ ދަލީލަކަށް އޮންނަނީ އާންމު މާނައެއް އެކުލެވޭ ހަދީސެކެވެ. من تشبه بقوم فهو منهم މި ހަދީސެވެ. މާނައަކީ އެބަޔަކާ އެއްގޮތް ވެގެންފި މީހާ ހިމެނޭނީ އެބަޔެއްގެ ތެރޭގައެވެ. މި ހަދީސްގައި ވެސް މައްސަލަތައް އެބަހުއްޓެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި މިއީ މުރުސަލު ހަދީސެކެވެ. މާނައަކި މި ހަދީސްގެ ބައެއް ރިވާޔަތްތަކުގައި މި ހަދީސް ރިވާކުރެއްވި އަސްހާބު ބޭކަލެއްގެ ނަންފުޅު ނެތް ކަމެވެ. މީގެ އިތުރުން މިހަދީސްގެ ސިޔާގު ނަސާރާއިންގެ އީދާއި އަދި އެކަމާ ވިދިގެން ތަހުނިޔާކިޔުމާ ނުގުޅޭ ކަމެވެ. ހަދީސް އިލްމުވެރިންގެ ނަޒަރުގައި މި ހަދީސް ގުޅެނީ މަތިސް ދިގުކޮށް ތުނބުޅި ބާލައި ޣައިރު މުސްލިމުން ކޮޕީކުރުމާއެވެ. މި ސަބަބުތަކަށްޓަކައި މި ހަދީސްއަކީ ކަމެއް ހަރާންކުރާ ދަރަޖައިގެ ބާރު ލިބިފައިވާ ހަދީސަކަށް ނުބެލެވެއެވެ. ހަލާލު ހަރާމުގެ މައްސަލައަކީ ވަރަށް ސާފުކޮށް ސަރީހަކޮށް ބަޔާންކުރެވިފައި އޮންނަން ޖެހޭނޭ ކަމެކެވެ. މިކަމުގެ އުސޫލީ ވާހަކަތައް އަލްގަރުޟާވީގެ ހަލާލު ހަރާމު މި ފޮތުގެ ފުރަތަ ބާބުގައި ޚުލާސާކުރެވިފައި ވެއެވެ. ބޭނުން މީހަކަށް މިފޮތް، އަރަބި ބަހުން، ނޫނީ އޭގެ އިނގިރޭސި ތަރުޖަމާ، އޮންލައިންކޮށް ލިބިދާނެއެވެ.

މިކަން ހަރާންކުރުމުގެ ދެވަނަ ދަލީލަކީ މަންތިގީ އިސްތިންބާތީ ދަލީލެކެވެ. އެފަދަ ތަހުނިޔާއެއް ކިޔުމަކީ ބައެއްގެ އިއުތިގާދުތައް ގަބޫލުކުރުން ކަމުގައި ބެލެވުމެވެ. މިއީ މުޅިން ހަމަޖެހޭ ވާހަކައެއް ނޫނެވެ. ސަބަބަކީ ޣައިރު މުސްލިމުން އަޅުކަން ކުރާ އެއްޗެހީގެ ހުރުމަތް ކަނޑާނުލުމަކީ އެއެއްޗިއްސަށް އަޅުކަންކުރުން ހެއްޔެވެ؟ ކީރިތި ޤުރުއާނުގައި ރާހީބުން ހެން، ދުނިޔެއާއި އެކަހެރިވެ، ކައިވެނި ނުކޮށް، އުޅުމަކީ އިސްލާމް ދީނުގައި އޮތްކަމެއް ނޫންކަން ކަނޑައަޅައި އެމީހުންނަށް ފާޑު ކިޔުނު އިރު ވެސް، (ހަދީދު ސޫރަތުގެ 27ވަނަ އާޔަތް، އަދި ތައުބާ ސޫރަތުގެ 34ވަނަ އާޔަތް) ނަސާރާއިންނާއި ރާހިބުންގެ ވެސް ރަނގަޅުކަމުގެ ވާހަކަ ބަޔާންކޮށް އެމީހުންނަށް ތައުރީފުކުރެވިފައި ވެސް ވެއެވެ. އެމީހުންނަކީ ސަލާމްލެއްވި އީސާގެފާނަށް ނަސްރުދެއްވައި އަޅުކަމުގައި ވަގުތުތައް ހޭދަކޮށް ބޮޑާކަމާއި ކިބުރުވެރިމާ ދުރުވެ، ހިތް މަޑުމޮޅި ބައެއްކަމުގައި ވެސް ބަޔާންކޮށްފައި ވެއެވެ. (އަލްމާއިދާ ސޫރަތުގެ 82ވަނަ އާޔަތް) މިފަދައިން ތައުރީފުގެ ބަސްކޮޅެއް އޮތުމަކީ ނަސާރާއިންގެ ތަޘްލީޘުގެ އަގީދާ ގަބޫލުކޮށް، ރާހިބުން ފަދައިން، ދުނިޔެއާ އެކަހެރިވެގެން އުޅުމާ އެއްބަސް ވުމެއް ނޫނެވެ.

ސަލާމާއި ސަލަވާތްލެއްވި އީސާގެފާނުގެ އީދު މީލާދުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމާ މެދު ދެން އޮތީ އެކަމުގައި މައްސަލައެއް ނެތް ކަމަށް ދެކޭ ރައުޔެވެ. މި ރައުޔުގެ އަހުލުވެރިން، އެކަން ހުއްދަކުރަނީ އެމީހުން ދެކޭ ގޮތުގައި، އެކަން މަނާކުރާ ސީދާ ސަރިހާ ޝަރުއީ ދަލީލެއް ނެތުމުންނެވެ. އަދި، ކުރިން ބަޔާންކުރެވިދިޔަ އަލްއަންޢާމު ސޫރަތާއި އަލްމުމްތަޙިނާ ސޫރަތާއި ނަޖުރާނުގެ ވަފުދުގެ ހާދިސާއާއި ޢާޝޫރާގެ ހާދިސާ ފަދަ ކަންކަމަށް ވެސް ރިއާޔަތްކޮށްގެންނެވެ.

ދެން އޮތް ސުއާލަކީ މިދެ ރައުޔު ކުރެން އެންމެ ސައްހަކަން ބޮޑު ރައުޔަކީ ކޮބައި ހެއްޔެވެ؟ މިކަން ކަނޑައަޅަންވާނީ ކޮންމެ މީހަކު ވެސް އަމިއްލައަށެވެ. މަތީގައި ބަޔާންކުރެވި ދިޔަ ހެކިތަކާއި ވާހަކަތަކަށް ރިއާޔަތްކުރުމަށް ފަހުއެވެ. އަދި، އިތުރަށް ބަހުސް ކުރަން ބޭނުން ނަމަ، މައްސަލައާ މެދު އިތުރަށް ވެސް ބަހުސްކުރުމަށް ފަހުއެވެ. މައްސަލަތަކާ ބެހޭ ގޮތުން ކަންތައް އޮންނަ ގޮތް އަމިއްލައަށް ހޯދާ ބެލުމަކީ މުހިއްމު ކަމެކެވެ. ކަންކަމާ މެދު އަމިއްލައަށް ވިސްނައި ފިކުރުކުރުމުގެ މިނިވަންކަން ލިބިގަނެ ތިމާގެ ބުއްދީގެ ބޭނުންކޮށް، ތިމާގެ ވިސްނުން ތަރައްގީކުރުމަށްޓަކައެވެ. ތިމާގެ ދީނި ވިސްނުމާއި އަދި އެނޫން ވިސްނުން ވިޔަސް، ތިމާގެ ވިސްނުން މިނިވަންކުރުމަށެވެ. އޭގެ މާނައަކީ ކަންކަމާ މެދު އެހެން މީހުންގެ ވާހަކަ އަޑު ނޭހުމެއް ނޫނެވެ. އެވާހަކަތައް ވެސް އަޑުއަހައި، މީހުން ދައްކާ ވާހަކަތައް އަމިއްލައަށް ވަޒަންކުރަން ދަސްކުރަން ޖެހެއެވެ. ކަނު އަނދިރި ގޮތެއްގައި މީހުން ބުނާހާ އެއްޗެއް ގަބޫލުކުރުމަކީ އިސްލާމީ ގޮތްކަމުގައި ނުބެލެވޭނެއެވެ. ކޮންމެ މީހަކަށް ވެސް މާތް ރަސްކަލާނގެ ސިކުނޑިއަކާއި ބުއްދިއެއް ދެއްވާފައި އޮތީ އޭގެ ބޭނުންކުރުމަށެވެ. އާޚިރުގައި ކޮންމެ މީހަކު ވެސް އޭނާގެ އަމަލުތަކާ މެދު މަސްއޫލުވާން ޖެހޭނެތީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ