ދިވެހި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ދަގްރާންޑޭ އިން މެޗް އެއްވަރުކޮށްފިއެވެ.
މިއީ ލީގުގައި ޖެހިޖެހިގެން މާޒިޔާ އެއްވަރުވި ދެ ވަނަ މެޗެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު މެޗު އެއްވަރުވީ ކުލަބް ވެލެންސިއާ އަތުން ލަނޑެއް ނުޖެހި އެވެ. މާޒިޔާގެ ކުރީގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ކޯޗުކޮށްދޭ ދަ ގްރާންޑޭ ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި މޫސާ ޔާމީންއެވެ. އަދި މާޒިޔާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކޯނެލީސް ސްޓެވާޓެވެ.
މާޒިޔާގެ މިލަނޑަށް ފަހު ދަ ގްރާންޑޭއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލެއްޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރުކޮށްފައެވެ. އެގޮތުން ފަހު ހާފުގެ 62 ވަނަ މިނެޓުގައި އަހުމަދު އަޔާޒް ޖެހި ލަނޑާއެކު ގްރާންޑޭ އަށް ވަނީ އިތުރު ހިތްވަރެއް ލިބުނެވެ. ނަތީޖާ ހަމަހަމަވީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އޭރިޔާގެ ބޭރުން ކޮމިލޯވް އަބްދުއް ރަސޫލުގެ ބާރު ބޯޅަ ގޯލުގެ މަތީކަނަށް އަމާޒުވުމުންނެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ނަތީޖާއާ އެއްވަރުވިޔަސް މާޒިޔާ އޮތީ އަދިވެސް ތާވަލުގެ އެއްވަނަގައެވެ. އެއީ ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާއެކުގަ އެވެ. ދަ ގްރާންޑޭ އޮތީ ފަސް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ. ލީގުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ކުލަބް ވެލެންސިޔާ އާއި ކުލަބް އީގަލްސް އެވެ.


