ގްރީން ސްޓްރީޓްސް އާއި ސަސްގެ ކުރިމަތިލުން އެއްވަރު

ކުޅިވަރު ފަހުގެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ކުލަބު ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެފައިވަނީ ގްރީން ސްޓްރީޓްސްއަށް އެކަންޏެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ތިރިތިރިން ފޮނުވާލި ހިލޭ ޖެހުން ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމުގެ އެންޖެލް މުނޯޒް ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަސްގެ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ސަސްއިން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ހިލޭ ޖެހުމަކުން ނުރައްކާތެރި ބޯޅައެއް ފޮނުވާލިއިރު، އެ ހަމަލާ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ދިފާއުކުރިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިއު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗު އެއްވަރުވުމުން ލީގުގައި އަލަށް ވާދަކުރަމުން އަންނަ ސަސްއިން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެއް ނުވެއެވެ. އެއާއެކު ތާވަލުގެ ތިންވަނައިގައި ސަސް އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި މިހާތަނަށް މެޗަކުން މޮޅެއް ހޯދިފައިނުވާ ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަވަނައިގައި ދެ ޕޮއިންޓާއެކުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ