ހދ. ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރު އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅުދުއްފުށީގައި ކުނި މެނޭޖްކުރުމަށް މިހާރު ވެސް ވެމްކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެއީ 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ބޮޑު ސިތީއަކަށް ވުމުން ކުނި މެނޭޖްކުރުން އަދިވެސް ވަނީ އުނދަގޫ ކަމަކަށްވެފައެވެ. އެހެންކަމުން އަލަށް ގާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވުމުން، ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބި، އެކަމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގަންދާނެއެވެ.
އެ މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއި، ކުނީގެ ގޮތުގައި އެކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުމާއި، ޕެއާ ހައުސްއެއް ބިނާކުރުމާއި، ލޭންޑްސްކޭޕިން މަސައްކަތާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެ މަރުކަޒުތައް ގާއިމުކުރެވުމުން، ރަށްރަށުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިގެންދާނެއެވެ


