މަރްވާން ބަރްޣޫތީއަކީ ފަލަސްތީނުގައި ވެރިކަންކުރާ ފަތުހު ޖަމާއަތުގެ އިސް ލީޑަރެކެވެ. އިސްތިއުމާރީ އިސްރާއީލުން އޭނާ ޖަލަށް ލައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ.
މަރްވާން ބަރްޣޫތީއަކީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ލޯބިވާ ލީޑަރެކެވެ.
ރައީސް ޔާސިރު އަރަފާތަށްފަހު ފަލަސްތީނުގެ ވެރިކަމަށް ވަޑައިގަންނަވާނީވެސް މަރްވާން ބަރްޣޫތީ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ.
ނަމަވެސް، ޔާސިރު އަރަފާތު އަވަހާރަވުމުންވެސް އިސްރާއީލުން އޭނާ ޖަލުން ދުލެއް ނުކުރިއެވެ.
މަރްވާން ބަރްޣޫތީ މިހާޟރުވެސް ބެލެވިފައިވަނީ މުޅި ފަލަސްތީނު އެއްބައިވަންތަ ކުރުވާނެ ލީޑަރެއްގެ ގޮތުގައެވެ. ސިޔާސީގޮތުން އެހާވެސް އޭނާގެ މަގްބޫލްކަން ބޮޑެވެ.
އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 2023 ވަނަ އަހަރު ހަނގުރާމަ ފެށިފަހުން، ހަމާސްއާއެކު ހަމަލާތައް ހުއްޓާލުމަށް އެއްބަސް ވެވުނު ހުރިހާ ފަހަރުތަކެއްގައިވެސް، އިސްރާއީލުގެ ޖަލުތަކުން މިނިވަންކުރަން ހަމާސްއިން ހުށަހެޅި ލިސްޓުތަކުގައި މަރްވާން ބަރްޣޫތީ ހިމެނިފައި ވެއެވެ. ނަމަވެސް، ކޮންމެ ފަހަރަކު އިސްރާއީލުން އެކަމާ ދެކޮޅު ހަދައެވެ.
އެންމެފަހުން ހެދި އެއްބަސްވުމުގައިވެސް ހަމާސްއިން ހުށަހެޅި ލިސްޓުގައި މަރްވާން ބަރްޣޫތީ ހިމެނިއެވެ. ނަމަވެސް، އިސްރާއީލުން އެނަން ލިސްޓުން އުނިކުރީއެވެ.
ހަނގުރާމަ ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ އިސްރާއީލުން މަރްވާން ބަރްޣޫތީއަށް ހަތަރު ފަހަރެއްގެމަތިން ޖަލުގައި ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށް، ޖަލުން މިނިވަން ކުރެވުނު ފަލަސްތީނު ގައިދީންނާ ހަވާލާދީ އެނާގެ ދަރިފުޅު އަރަބް ބަރްޣޫތީ ބުނެފައި ވެއެވެ.
އިސްރާއީލު ޖަލު ގާޑުންގެ އަށްމީހަކު ވެގެން މިދިޔަމަހުވެސް މަރްވާން ބަރްޣޫތީގެ ގައިކޮޅުގައި ހޭނެތެންދެން ވަރަށް ބޮޑަށް ތަޅައި، މޭގެ ކަށިތައްވެސް ބިންދާލާފައި ވެއެވެ.
ބައިނަލްއަގްވާމީ އެއްވެސް ފަރާތަކުން މަރްވާން ބަރްޣޫތީއަށް ޒިޔާރަތްކުރަން އިސްރާއީލުން ފުރުސަތެއް ނުދެއެވެ. އާއިލާ މީހަކުވެސް ޒިޔާރަތްކުރަން ފުރުސަތު ނުދޭތާ ތިން އަހަރު ވެއްޖެއެވެ.
ޖަލުގެ އެކަހެރި ގޮޅިއެއްގައި އޮންނަތާ ދެއަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
މަރްވާން ބަރްޣޫތީގެ ދަރިފުޅު އަރަބް ބަރްޣޫތީ ބުނީ، އިސްރާއީލުން މިހާރު ބޭނުންވަނީ ތަޅައި ބޮޑެތި އަނިޔާތައްދީ އޭނާގެ ބައްޕައަކީ ދާއިމަށް ނުކުޅެދޭ މީހަކަށް ހަދާލުމަށެވެ. އޭގެ ބޭނުމަކީ، ފަލަސްތީނުގެ ސިޔާސީ އެއްވެސް ކަމެއްގައި އުޅެން ފުރުސަތު ނުދިނުމަށް ކަމަށްވެސް ބުނެފައި ވެއެވެ.
އަރަބް ބަރްޣޫތީ ބުނީ، އިސްތިއުމާރީ ސިފައިން އޭނާގެ ބައްޕަ މަރާލަފާނެކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އިސްރާއީލުގެ ޖަލުތަކަށްލާ ފަލަސްތީނު މީހުން މެރުމަކީ އިސްތިއުމާރީ ޓެރަރިސްޓުން އާންމުކޮށް ކުރަމުންދާ ކަމެކެވެ.
ކާންނުދީ، ބޯފެންނުދީ، ފާޚާނާކުރިޔަނުދީ، ނިދިޔަނުދީ، ތަންތާ އެލުވައި، އޮރިޔާންކޮށް، ކަރަންޓުގައި ޖައްސައި، ގުނަވަންތައް ބިންދައި، އިންސާނިއްޔަތާ ޚިލާފް ބޮޑެތި ޖަރީމާތައް ހިންގުމަކީ ޓެރަރިސްޓުން އާދަކޮށް ކުރާ ކަމެކެވެ. މި ހުރިހާކަމެއް އެނގިތިބެ، އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކުން ކެނޑިނޭޅި ގެންދަނީ އިސްރާއީލަށް މި ޖަރީމާތައް ހިންގުމަށް ވާގިވެރިވަމުންނެވެ.
މަރްވާން ބަރްޣޫތީ ނޫނަސް، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ފުންނާބުއުސް އެތައް ލީޑަރުންނެއް އެބަ ތިއްބެވިއެވެ. އެއިން އެއްވެސް ލީޑަރަކު މިނިވަން ކުރާކަށް އިސްރާއީލު ބޭނުމެއް ނުވެއެވެ.



