ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެންމެ މައި އެއަރޕޯޓްގެ ކާގޯ ޓާރމިނަލްގައި އަލިފާން ރޯވުމުގެ ސަބަބުން މަތިންދާ ބޯޓުތަކުގެ ދަތުރުތަކަށް ހުރަސް އެޅިއްޖެއެވެ.
އަލިފާން ރޯވެފައިވަނީ ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިސްޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޓާރމިނަލްގައެވެ.
އަލިފާން ރޯވުމާއެކު، އެއަރޕޯޓަށް ޖައްސަން އައި އެތައް ފްލައިޓެއް އެހެން އެއަރޕޯޓްތަކަށް ޑައިވާޓް ކޮށްފައި ވެއެވެ. އަދި އެއަރޕޯޓުން ފުރަން ހަމަޖެހިފައި އޮތް އެތައް ބޯޓެއްގެ ދަތުރު ކެންސަލް ކޮށްފައި ވެއެވެ.
ކާގޯ ޓާރމިނަލްގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.
އެހެން ނަމަވެސް، އަލިފާން ރޯވުމާއެކު، ފަޔަރ ފައިޓަރުންނާއި، ސިފައިންނާއި، އިމަޖެންސީ ޓީމުތަކުންވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަގޮތުގައި އަލިފާންގަނޑު މުޅި ކާގޯ ޓާރމިނަލްއަށް ފެތުރިގެން ގޮސްފައި ވެއެވެ. އަދި ކަޅު ބޯ ދުން އަރަމުންދާ މަންޒަރާއި، އަލިފާންގަނޑު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު، އެއަރޕޯޓްގައި ބައިވަރު މަތިންދާ ބޯޓުތައް ޕާކްކޮށްފައި ހުރި ކަމަށާއި، ނަމަވެސް އާލިފާނުގެ ސަބަބުން އެއްވެސް ބޯޓަކަށް ގެއްލުމެއް ނުވާކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބޯޓުތަކަށް ގެއްލުމެއް ލިބުމުގެކުރިން ހުރިހާ ބޯޓުތައް ޓޯވކޮށްގެން ވަނީ ދުރަށް ގެންގޮސްފައެވެ.
ކާގޯ ޓާމިނަލްގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާކަމަށް ޚަބަރުތައް ބުނެއެވެ. އެތައްސަތޭކަ ފަޔަރ ފައިޓަރުން ގެންދަނީ ހުއްޓާނުލާ އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަލިފާނުގެ ބޮޑެތި ހިތާމަވެރި ހާދިސާތައް ހިނގުމަކީ ބަނގްލަދޭޝްގައި އާންމު ކަމެކެވެ. އެފަދަ ހާދިސާތަކުގައި އެތައްސަތޭކަ ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ.
އެއަރޕޯޓްގެ ކާގޯ ޓާމިނަލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ.



