ހިފާފައިވާ ހުޅަނގު އައްސޭރި، އިސްރާއީލުގެ މިލްކަކަށް ހެދުމަށް އިސްރާއީލުގެ ޕާލަމެންޓުން އިއްޔެ ފާސްކުރިކުރުން ދުނިޔޭގެ އެތައް ގައުމަކުން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.
އިސްރާއީލު ޕާލަމެންޓުގެ ނިންމުން ކުށްވެރިކޮށް، އަރަބި ލީގާއި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އިތުރުން، އިތުރު 15 ގައުމަކުން މިހާރުވަނީ ބަޔާނެއްގައި ސޮއިވެސް ކޮށްފައެވެ.
އިސްރާއީލުގެ ޕާލަމެންޓް، ކްނެސެޓުން އިއްޔެ ފާސްކުރި ފުރަތަމަ ބިލުގައި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވެރިވެގަތުމުގެ އިތުރުން، ހުޅަނގު އައްސޭރީގައި އަލުން ޔަހޫދީ އާބާދީތައް ހެދި ބިންތަކަކީ އިސްރާއީލުގެ ތަރިކަ ބިންތަކުގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.
މިކަން ކުށްވެރިކޮށް ގައުމުތަކުން ސޮއިކުރި ބަޔާނުގައި، މިއީ ކަނޑައެޅިގެން ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފް ނިންމުމެއް ކަމަށް ބުނެފައި ވެއެވެ.
ހަމަ އެއާއެކު، ހިފާފައިވާ ފަލަސްތީނުގެ އެއްވެސް ބިމެއްގެ މައްޗަށް އިސްރާއީލުގެ ބާރެއް ނޯންނާނެ ކަންވެސް ހަނދާންކޮށްދީފައި ވެއެވެ.
މީގެއިތުރުން، އިސްތިއުމާރީ ބާރުގެ މައްޗަށް ލާޒިމްކުރާ ކަންތައްތަކާއި، އަދި ފަލަސްތީނުގެ ބިންތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އިއްޔެ ނެރުނު ގާނޫނީ ލަފާތަކަށް، ގައުމުތަކުންވަނީ މަރްހަބާ ކިޔާފައެވެ.
ގައުމުތަކުން ނެރުނު ބަޔާނުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް ޣައިރުގާނޫނީ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލުމަށް ގޮވާލައި، އިސްރާއީލަށް އިންޒާރު ކޮށްފައި ވެއެވެ.
އިސްރާއީލުން ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު ކުރެވުނު 6 ދުވަހުގެ ހަނގުރާމައިގައެވެ.
ހުޅަނގު އައްސޭރި ހިފުމަށްފަހު އެތައް ބިމަކަށް ވެރިވެގަނެ ޔަހޫދީ އާބާދީތައް ހަދައި، އެ އާބާދީތަކުގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓާނުލާ ކުރިއަށް ގެންދެއެވެ.
އަދި އިރުމަތީ ގުދުސް ހިމެނޭގޮތުން މުޅި ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އަމިއްލައަށް ފަހުން ކަނޑައަޅައި އެކަން އިއުލާންވެސް ކޮށްފައި ވެއެވެ.
ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެގޮތުގައި ކަނޑައެޅި ކަނޑައެޅުން އެމެރިކާއިން ރަސްމީގޮތުން ބަލައިގަނެ އެކަން އިއުލާންކުރީ ޓްރަމްޕް ވެރިކަމަށް އައި ފުރަތަމަ ދައުރުގެ ތެރޭގައެވެ.
އެކަމަކު، 1967 ގެ ހަނގުރާމައިގެ ފަހުން އިސްރާއީލުން ހިފި ފަލަސްތީނުގެ އެއްވެސް ބިމަކީ އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ދުނިޔެ ބަލައެއް ނުގަނެއެވެ. ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައިވެސް ބަލައެއް ނުގަނެއެވެ.
އެކަމާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުން އެތައް ގަރާރެއް ފާސްކޮށްފައި ވެއެވެ.
އެގަރާރުތަކުގައި، ފަލަސްތީނުގެ މުސްތަގްބަލުގެ މިނިވަން ދައުލަތް އުފައްދައި އަދި އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅިގެންދާއިރު، 1967 ވަނަ އަހަރުގެ ހަނގުރާމައިގެ ކުރިން އިސްރާއީލުގެ ބޯޑަރު އޮތް ހިސާބަށް ފަހަތަށް ޖެހެން ޖެހޭނެ ކަމަށްވެސް، ކަނޑައަޅާފައިވެއެވެ.



