އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުނެގުން ފަށައިފިއެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މިވޯޓަކީ އައްޑޫ ސިޓީ، ފޭދޫ، ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ މެދުގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ 3 ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ.
މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި ޖުމުލަ 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
މީގެ އިތުރުން މާލޭގައި ބަހައްޓާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3881 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
އެ ކޮމިޝަނުން ވިދާޅުވީ ހަވީރު 4:00އަށްފަހު ވޯޓުލުމަށް ކިޔު ބަންދު ކުރެވޭނެ ކަމަށެވެ. އަދި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އައްޑޫ ފޭދޫ އާއި ހުޅުދޫ އަދި މީދޫގައި ކުރިއަށްދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.


