ހަމަލާތައް ހުއްޓާލުމަށް ލުބުނާނުގެ ހިޒްބުﷲއާއި، އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހެދީ، އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކާއި އދ މެދުވެރިވެގެންނެވެ.
އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އެއްކަމަކީ، ލުބުނާނުގެ ދެކުނުން ހިޒްބުﷲ ފަހަތަށް ޖެހުމެވެ. އަދި ލުބުނާނުގެ ދެކުނުގެ ސަލާމަތީ ހުރިހާ ކަމަކާ ލުބުނާނު ސިފައިން ހަވާލުވުމެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުނީ، އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތު ހިމެނޭގޮތުން މުޅި ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.
އެއްބަސްވުމަކާ ހަމައަށް ދިޔައިރު، އިސްރާއީލު ސިފައިންވަނީ އެއްގަމު މަގުން ލުބުނާނުގެ ދެކުނަށް އަރައިގަނެ، ސިފައިންގެ ބޭސްތައް ހަދާފައެވެ.
އެއްބަސްވުމުގައި ވާގޮތަށް ހިޒްބުﷲ އިން އިސްރާއީލަށް ދެމުން އައި ހަމަލާތައް ހުއްޓާލައި ފަހަތަށް ޖެހުނެވެ.
އިސްތިއުމާރީ ސިފައިންވެސް ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހުނެވެ. ނަމަވެސް ލުބުނާނުގެ ދެކުނުން ނުފައިބާނޭކަން އެންގިއެވެ. އެމީހުންގެ ބޭސްތައްވެސް އިތުރަށް ވަރުގަދަ ކުރިއެވެ.
އެމެރިކާއަކަށްވެސް އަދި ހިޒްބުﷲއާއެކު އެއްބަސްވުން ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި އެއްވެސް ބަޔަކަށް އިސްރާއީލު ލުބުނާނުގެ ދެކުނުން ނުބޭލުނެވެ.
ލުބުނާނުގެ ދެކުނުގައި އަސްކަރީ ބޭސްތައް ހަދައިގެން ތިބެ، އޭގެ ފަހުން ގެންދަނީ ލުބުނާނަށް ބޮންއަޅައި މިސައިލް ހަމަލާތައްވެސް ދެމުންނެވެ. މިހާރު ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ބޮންއަޅަމުން ގެންދެއެވެ. މި ހަމަލާތަކުގައި އެތައް އާންމުން މަރުވެ އެތައް ބަޔަކު ޒަޚަމްވަމުން ދެއެވެ. އެތައް ގެއްލުންތަކެއް ލިބެމުންދެއެވެ.
ލުބުނާނުގެ އެކި ހިސާބުތަކަށް ބޮން އެޅުމަށްފަހު ޒަޔަނިސްޓުން ބުނަމުން ގެންދަނީ، ހަމަލާދެނީ ހިޒްބުﷲގެ މަގާމުތަކަށް ކަމަށެވެ. ހަމަލާތައް ދެނީ ހިޒްބުﷲގެ ހަތިޔާރާއި ބޮމުގެ ގުދަންތަކަށް ކަމަށްވެސް ގެންދަނީ ބުނެއެވެ.
އަދި ބުނަމުން ގެންދަނީ، އެއްބަސްވުމުގައި ވާގޮތަށް ހިޒްބުﷲއިން ހަތިޔާރު ބަހައްޓާފައި ނުވާކަމަށެވެ. ހިޒްބުﷲ އަތުން ހަތިޔާރު އަތުލަން ލުބުނާނު ސަރުކާރުންވެސް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެއެވެ.
އިސްރާއީލު ހުއްޓުވައިދޭން ލުބުނާނު ސަރުކާރުން މިފަހުން އެދުމުން އެމެރިކާއިންވެސް ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް ލުބުނާނު ސަރުކާރުން އަމަލުނުކުރާތީ އިސްރާއީލުން ދެންވެސް ހަމަލާ ދޭނޭ ކަމަށެވެ. އެކަމަކު، އިސްރާއީލުން ފުރަތަމަ ދުވަހުން ފެށިގެން އެއްބަސްވުމާ ޚިލާފްވެ ލުބުނާނަށް ހަމަލާތައް ދެމުންގެންދާ ދިއުމަށް އެމެރިކާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުން އެއްކޮށް އުވާލައި އިސްތިއުމާރީ ބާރުން މިހާރު ގެންދަނީ ލުބުނާނުގެ ވަކިވަކި ފަރުދުން ފާހަގަކޮށް އެމީހުންނަށް ހަމަލާދީ މަރާލަމުންނެވެ.
ލުބުނާނުގެ އެކި ހިސާބުތަކަށް ހަމަލާދީ މިދިޔަ 24 ގަޑިއިރުތެރޭ ހިޒްބުﷲގެ އިސް 10 މެމްބަރުން މަރާލާފައި ވެއެވެ.
އަދި ލުބުނާނުގެ ދެކުނުގެ ހުރިހާ ހިސާބަކަށް އެއްގަމުމަގުން އަރައިގަނެ، އާންމުންވެސް ގެދޮރުން ބޭރުކުރަން ފަށާފައި ވެއެވެ. ދަނޑުވެރިކަންކުރާ މީހުންވެސް ގެންދަނީ ދަނޑުތަކުން ބޭރުކޮށް ފައްސަމުންނެވެ.
ލުބުނާނުގެ މުޅި ދެކުނު އިސްރާއީލުން މިހާރު ވަނީ ގާތްގަނަޑަކަށް އިސްތިއުމާރު ކޮށްފައެވެ.
ހިޒްބުﷲއާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހެދުމުގެކުރިންވެސް، ލުބުނާނުގެ ދެކުނާއި، އިސްރާއީލުގެ އުތުރު ގުޅޭ ސަރަހައްދީ އިމުގައި އދގެ ސުލްހަ ބަލަހައްޓާ ފައުޖެއް އޮވެއެވެ. ނަމަވެސް، އެއީ ބޭކާރު ބައެއްކަން އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަރައިގަތް ދުވަހުވެސް އެނގިގެން ދިޔައެވެ. އިސްރާއީލު ހުއްޓުވަން އދގެ ފައުޖަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.
އިސްރާއީލު ސިފައިން އދގެ ސުލްހަ ބަލަހައްޓާ ފައުޖުގެ މަރުކަޒު ތަކަށާއި، ސިފައިންނަށް އެތައް ހަމަލާތައް ދިނުމުންވެސް، އިސްރާއީލާ ދެކޮޅަށް ދުނިޔެއަށް އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. އެކަން ކުށްވެރިކޮށްލާނެހާ ހިތްވަރުވެސް ނެތެވެ.
އިއްޔެވެސް އިހަށްދުވަހުވެސް އިސްރާއީލު ސިފައިންވަނީ އދގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ސިފައިންނަށް ޑްރޯން ހަމަލާތައް ދީފައެވެ. އެ ޚަބަރު މީޑިއާގައި ޖެހުން ފިޔަވައި ކުރެވުނު އެއްވެސް ކަމެއް ނެތެވެ.
އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި، ތާއީދާއި، ހިތްވަރުދީގެން ޒަޔަނިސްޓުން ގެންދަނީ މުޅި ސަރަހައްދަށް ބޮންއަޅަމުންނެވެ. އެއްބަސްވުމެއް ހަދައި ލުބުނާނުގެ ދެއަތް ބަނުމަށްފަހު ލުބުނާނަށް ބޮންއަޅައި މީހުން މަރަނީއެވެ. ހަމާސްއާއެކު އެއްބަސްވުމެއް ހަދައި ހަމާސްގެ ދެއަތް ބަނުމަށްފަހު ޣައްޒާއަށް ބޮންއަޅަނީއެވެ.
ސޫރިޔާ، ޔަމަން އަދި އިރާގަށްވެސް ބޮންއަޅަނީއެވެ. މިސައިލާއި ބޮމާއި ހަތިޔާރު ފޯރުކޮށްދެނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތައް ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކުންނެވެ.



