އިންތިޚާބުތަކުން ބަލިވެ، ރައްޔިތުންގެ ތާއީދު ނެތްކަން އެނގުމުން ސަރުކާރުގެ މަސައްކަތް އަވަސްކުރަން ޓްރަމްޕް އަމުރުކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

އަންގާރަ ދުވަހު ބޭއްވި އިންތިޚާބުތަކުން ނުކުތް ނަތީޖާތަކުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް އަވަސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސަރުކާރުގެ ވެރިންނަށް އަމުރު ކުރައްވައިފިއެވެ.

އެމެރިކާގެ 16 ސްޓޭޓެއްގައި އަންގާރަ ދުވަހު އެކި ކަހަލަ އިންތިޚާބުތައް ބާއްވާފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ހުރިހާ އިންތިޚާބަކުން ކަހަލަ ގޮތަކަށް ކުރި ހޯދީ އިދިކޮޅު ޑިމޮކްރޭޓުންނެވެ. އެންމެ މުހިންމު ގޮނޑިތައް ކަމަށްވާ ނިއު ޖާރޒީގެ ގަވަރުނަރުކަމާއި، ވަރޖިނިއާގެ ގަވަރުނަރުގެ ގޮނޑިވެސް ނެގީ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުންނެވެ.

ޚާއްސަކޮށް، މުޅި އެމެރިކާގެ ސަމާލުކަން ހުއްޓުނު ނިއުޔޯކް ސިޓީގެ މޭޔަރުގެ ގޮނޑި ނެގީ ޑިމޮކްރަޓިކް ކެނޑިޑޭޓް ޒޮހްރާން މަމްދާނީއެވެ.

އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިލާން ޖެހުނު ބޮޑެތި ނަކާމިޔާބީތަކާ ގުޅިގެން ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވޯޓުލާން ނުނިކުތުމުން ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތިބީ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެންމެ މައިގަނޑު އެއް ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ، ސަރުކާރު “ޝަޓްޑައުން” އެއްގައި އޮތުމެވެ.

ކޮންގްރެސް ތެރޭގައި އަރާރުން ބޮޑުވެ، ބަޖެޓު ފާސް ނުކުރެވުގެ ސަބަބުން އެމެރިކާ ސަރުކާރު ޝަޓްޑައުންއެއްގައި އޮންނަތާ ދެމަސްވަނީއެވެ. މައްސަލަ ހައްލުކުރާކަށް ރިޕަބްލިކަނުން މަސައްކަތެއް ނުކުރެއެވެ. އިދިކޮޅު ޑިމޮކްރޭޓުންނާ ވާހަކަ ދައްކާކަށްވެސް އެމީހުން ބޭނުމެއް ނުވެއެވެ.

އިންތިޚާބުތަކުން ލިބުނު ނާކާމިޔާބީތަކާއި ޝަޓްޑައުންއާ ގުޅުވައި، ކޮންގްރެސްގް އުސޫލުތައް ބަދަލުކޮށްގެން ނަމަވެސް ޝަޓްޑައުންއިން ސަލާމަތް ވެވޭނެ ގޮތެއް ހޯދުމަށް ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެމްބަރުންނަށް ޓްރަމްޕް ވަނީ އަމުރު ކުރައްވާފައެވެ.

އެމެރިކާގެ އެންމެ އާބާދީބޮޑު އަދި އެންމެ މުހިންމު ސިޓީ ކަމަށްވާ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ޒޮހްރާން މަމްދާނީ، ނިއުޔޯކް ސިޓީގެ ރައްޔިތުން ނުކުމެ އިންތިޚާބުކުރީ ޓްރަމްޕް ރައްޔިތުންނަށް އެތައް އިންޒާރުތަކެއް ދެއްވަމުން ގެންދަވަނިކޮށެވެ.

ޓްރަމްޕްގެ އިތުރުން، ވައިޓް ހައުސްއާއި، އެމެރިކާގެ ކެޕިޓަލިސްޓުންނާއި، އިސްރާއީލުވެސް ދެކޮޅު ހަދަމުން ގެންދަނިކޮށް މޭޔަރު ކަމަށް މަމްދާނީ ވަނީ އިންތިޚާބު ކޮށްފައެވެ.

މަމްދާނީއަކީ މުސްލިކަމަށް ވުމުން، ޔަހޫދީންގެ  ނުފޫޒުގެ ދަށުވެފައި އޮންނަ އެމެރިކާގެ މީޑިއާއިން މަމްދާނީއާ ގުޅޭގޮތުން އެތައް ދޮގު ވާހަކަތައް ފަތުރައި، އޭނާގެ ނަން  ޚަރާބުކުރަމުން ދިއުމާއެކުވެސް، ނިއުޔޯކް ސިޓީގެ ރައްޔިތުން އެ ވާހަތަކެއް އަޑެއް ނޭހިއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް މަމްދާނީ އިންތިޚާބު ކުރިޔަނުދިނުމަށް އެމެރިކާގެ ޔަހޫދީ 26 ބިލިއަނަރަކު 22 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރިއެވެ. ނަމަވެސް އެކަމުން ކުރި އަސަރެއް ނެތެވެ.

އެއަށްވުރެ ނިއުޔޯކް ސިޓިއާއި، އެމެރިކާގެ ރައްޔިތުން ތިބީ ސަރުކާރާމެދު ހިތްހަމަނުޖެހި ރުޅިއައިސްފައެވެ.

ހިޖުރަވެރިންގެ މައްސަލާގައާއި، އިގްތިސާދީ މައްސަލަތަކުގައި ރިޕަބްލިކަން ޕާޓީން ގެންގުޅޭ ސިޔާސަތުތަކާ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވާކަން ވޯޓުތަކުގެ ނަތީޖާތަކުން ދަނީ ހާމަވަމުންނެވެ.

އަންނަ އަހަރަކީ އެމެރިކާގެ މިޑްޓާރމް އިންތިޚާބު އޮންނަ އަހަރެވެ. އެމެރިކާގެ ކޮންގްރެސްގެ 26 ގޮނޑިއެއްގެ އިންތިޚާބު އަންނަ އަހަރު އޮންނާނެއެވެ. ރިޕަބްލިކަން ޕާޓީ ތަމްސީލުކުރާ ގޮނޑިތަކުގައި މިހާރު ތިއްބެވި މެމްބަރުންނަށް ޓްރަމްޕްގެ ތާއީދާއެކު ކުރިމަތިލައިގެން އަލުން ގޮނޑި ނެގޭނޭކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތްކަމަށް ވެއެވެ.

އިދިކޮޅު ޑިމޮކްރޭޓުން އިންތިޚާބު ކާމިޔާބުކޮށް ކޮންގްރެސްގެ އަޣުލަބިއްޔަތު ނަގައި، ޓްރަމްޕް އިމްޕީޗް ކުރަން ދިމާކުރާނެކަމުގެ ބިރު ރިޕަބްލިކަނުންގެ މެދުގައި މިހާރުވަނީ އުފެދިފައެވެ. ޓްރަމްޕަށް ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވޭނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތްކަމަށްވެސް މެމްބަރުން ދެކެއެވެ.

އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު މިހާރުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެމެރިކާގެ ރައްޔިތުންގެ ބޮޑު ނިސްބަތެއް މިހާރު ގަބޫލުކުރަނީ ޓްރަމްޕް ކުރައްވަނީ ގޮށްމުށުގެ ވެރިކަމެއް ކަމަށެވެ. ޓްރަމްޕް ގެންދަނީ ޑިމޮކްރަސީ ހަލާކުކުރަމުން ކަމަށްވެސް ގަބޫލުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ