ހަނިމާދޫ އެއާޕޯޓު ސަރަހައްދުގައި ބާއްވާ މި ހަފްލާ ޝަރަފްވެރިކޮށް ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ސަރުކާރުގެ ވެރިންނާއި އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ހަފްލާ ކުލަގަދަކޮށް ބާއްވާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ޖައްސާނެއެވެ. އެނގިފައިވާ ގޮތުގައި މިއީ އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ މޯލްޑިވިއަނުން ބޭނުން ކުރާ މަތިންދާ ބޯޓެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއީ މިރޭގެ 8:30 އިން ފެށިގެން ތިން މިނިޓަށް ހަވާއަރުވާނެއެވެ. އޭގެކުރިން، ސަގާފީ ހުށަހެޅުމެއް ފެނިގެންދާއިރު، ހަނިމާދޫ އާއި ހދ. އަތޮޅުގެ 13 ރަށެއް ހިމެނޭހެން ހާއްސަ ފަރިވަޅެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، އިތުރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއިން އެޅި މި ޓާމިނަލަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް ހާއްސަކޮށް މަޑިއެއް ސިފަވާހެން އެޅި އާ ޓާމިނަލެކެވެ. މި ތަން މިރޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އިރު، އެމްއޭސީއެލް އިން ވަނީ އެއާޕޯޓާ ހަވާލުވެފައެވެ. އެއާއެކު، އެއާޕޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ އާ ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާ ބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުން ކޮށްގެން ކަމަށްވާތީއެވެ.
އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ މި ޓާމިނަލަކީ ރާއްޖޭގައި މިހާރު އަޅާފައިވާ ޓާމިނަލްތަކުގެ ތެރެއިން އެންމެ ރީތި އެއް ޓާމިނަލަށް ވާނެއެވެ. އެއާޕޯޓު ތަރައްގީ ކުރުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ.
މި މަޝްރޫއާއެކު، މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެއެވެ.


