އިސްތިއުމާރީ އިސްރާއީލުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި ހިންގަމުންގެންދާ އަސްކަރީ ޖަރީމާތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކޮށްފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާއެކު، އިސްތިއުމާރީ ސިފައިންވަނީ ހުޅަނގު އައްސޭރީގައިވެސް ޖަރީމާތައް ހިންގަން ފަށާފައެވެ.
ހަމާސްއިން ޣައްޒާގައި ވެރިކަން ކުރާއިރު، ހުޅަނގު އައްސޭރިއަކީ ހަމާސްގެ ބާރުގެ ދަށުގައި އޮތް ރަށްތަކެއް ނޫނެވެ. ހުޅަނގު އައްސޭރި އޮންނަނީ ފަލަސްތީނު ސަރުކާރުގެ ވެރިކަމުގެ ދަށުގައެވެ.
އެހެންކަމުން، ހުޅަނގު އައްސޭރީގައި އިސްތިއުމާރީ ޓެރަރިސްޓުން ފެށި އަސްކަރީ ޖަރީމާތަކަކީ ހަމާސްއާ ގުޅުން ހުރި ކަމެއް ނޫންކަމާއި، މިއީ ހުޅަނގު އައްސޭރީގެ މައްޗަށް ވެރިވެގަތުމަށް މާކުރިން ކޮށްފައިވާ ޕްލޭއްގެ ދަށުން ފެށި ކަމެއް ކަމަށް އެންމެންވެސް ބުނަމުން ގެންދިޔައެވެ.
އިސްތިއުމާރީ ޓެރަރިސްޓުން މިދިޔަ ދެއަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ރަށްތަކަށް ހަމަލާދީ، ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް އާންމުން ޝަހީދު ކޮށްލާފައި ވެއެވެ.
އަދި އެތައްލައްކަ މީހުން އެމީހުންގެ ގެދޮރުން ނެރެ މަގުމަތިކޮށް އަދި ރަށުންވެސް ބޭރުކޮށްލާފައި ވެއެވެ. އާންމު އެތައްސަތޭކަ ގެއަކާއި، އާންމުން ދިރިއުޅޭ އެތައް އިމާރާތެއް ހަލާކުކޮށް ބިމާހަމަކޮށްލާފައި ވެއެވެ.
ހުޅަނގު އައްސޭރީގެ އާންމުންނާ ދެކޮޅަށް އިސްތިއުމާރީ ސިފައިން ހިންގަމުންގެންދާ ޖަރީމާތަކުގައި، ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީ ޓެރަރިސްޓުންވެސް ބައިވެރިވެ، އާންމުން މަރައި، ގެތަކުގައި ހުޅުޖަހައި މުދަލަށް ގެއްލުންދިނުމުގައި ބައިވެރިވެއެވެ.
އިސްތިއުމާރީ ސިފައިން އަސްކަރީ ޑްރިލްއެއްގެ ނަމުގައި މިއަދު ފެށި ތިންދުވަހުގެ އުދުވާނަކީ، މުޖާހިދުންނާ ކުރިމަތިލުމަސް ތައްޔާރުވުމަށް ހިންގާ ހަރަކާތެއް ކަމަށް ބުނެފައި ވެއެވެ.
މި އުދުވާނު ހިންގުމުގައި، އިސްތިއުމާރީ އެއްގަމު ސިފައިންނާއި، ވައިގެ ސިފައިންނާއި، ސިފައިންގެ ޚާއްސަ ޔުނިޓްތައްވެސް ބައިވެރި ވެއެވެ.
މި އުދުވާނު ހިންގުމުގައި ޑްރޯންއާއި، ސިފައިންނާއި، ބޮޑުބަޑިއާއި، އަސްކަރީ ޖެޓުތައްވެސް ބައިވެރިވާއިރު، މި ހަރަކާތްތައް މުޅި ހުޅަނގު އައްސޭރީގައި ހިންގުމަށް ވަނީ ރާވާފައެވެ.
މިކަމާހެދި ހުޅަނގު އައްސޭރީގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިފައި ވެއެވެ. ސަބަބަކީ، އިސްތިއުމާރީ ބާރުން އާންމު ދިރިއުޅުމަށް ހުރަސްއަޅައި، އަސާސީ ޚިދުމަތްތަކަށްވެސް ހުރަސްއަޅައި، އެތައްބަޔަކު ހައްޔަރުކޮށް ބޮޑެތި ޖަރީމާތައް ހިންގާތާ ދެއަހަރަށް ވުރެ ގިނަދުވަސް ވެފައި ވަނިކޮށް އެކަން އިތުރަށް ފުޅާކުރުމުންނެވެ.



