ޣައްޒާއިން ޑޮކްޓަރީ ބޭސް ހުސްވެއްޖެ، އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން އަދިވެސް ދަނީ ހުރަސްއަޅަމުން

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

ޣައްޒާއިން ޑޮކްޓަރީ ބޭސް މުޅިން ހުސްވެއްޖެ ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޣައްޒާގެ އެކި ރަށްތަކުގައި ހުންނަ އެއްވެސް ފާމަސީއަކުން މިހާރު ބޭހެއް ލިބޭން ނެތް ކަމަށާއި، ހަރުތައް ހުރީ މުޅިން ހުސްކޮށް ކަމަށް ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޑޮކްޓަރީ ބޭހަކީ ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ތެރޭގައި ހިމެނޭ އެންމެ ޟަރޫރީ ތަކެއްޗެވެ.

ނަމަވެސް، އިސްތިއުމާރީ އިސްރާއީލުން އަދިވެސް ގެންދަނީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގައިވާ ގޮތަށް ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުރަސް އަޅަމުންނެވެ.

އެއްގަމުމަގުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާ ހަތަރު ދޮރާށި އަދިވެސް ހުރީ އެއްކޮށް ބަންދު ކޮށްފައެވެ.

ދެ ދޮރާށްޓަކުން ކޮންމެވެސް މިންވަރަކަށް ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރެވޭއިރު، އިސްރާއީލުން އެއްބަސްވި ވަރާ ގާތަށްވެސް އެހީ އެތެރެ ނުކުރެވެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީ އެތެރެ ކުރުމަށެވެ.

ނަމަވެސް، މިހާރު 200 ޓްރަކްވެސް ހަމަ ނުވާކަމަށް، އިންސާނީ އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރެއިންވެސް ގިނައިން އެތެރެ ކުރަނީ ވިޔަފާރި އުސޫލުން ވިއްކަން އެތެރެކުރާ މުދަލެވެ.

އިންސާނީ އެހީ އެތެރެކުރަން އިސްތިއުމާރީ ބާރުން ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭސް ހުސްވެ، ޒަޚަމްވާ މީހުންނާއި، ބަލިމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތައް ވަނީ ނުކުޅެދިފައެވެ.

ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރު ތަކަށް އަޅާނެ ތެޔޮ އެތެރެކުރަން ހުރަސްއެޅުމުގެ ސަބަބުން ސާޖަރީތައް ހެދުންފަދަ ކަންކަން ވަނީ ހުއްޓިފައެވެ.

ސިއްހީ އެކަށީގެންވާ ފަރުވާއެއް ދެވޭނެ ފަދަ ނެތެމުންދާއިރު، ޣައްޒާގެ އާންމުން ބޯނޭ ފެން އެތެރެކުރަންވެސް ޓެރަރިސްޓުން ގެންދަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާއިން ކާބޯތަކެތި ގާތްގަނޑަކަށް ހުސްވެފައި ވާއިރު، ކުޑަކުދިންނަށް ދޭ ބުއްދަޅު އެތެރެ ކުރުމާއި، ސިއްހީ ރަނގަޅު ކާނާ އެތެރެކުރަންވެސް އިސްރާއީލުން ގެންދަނީ ހުރަސް އަޅަމުންނެވެ.

އިންސާނީ އެހީއަށް ހުރަސް އެޅުމަކީ ޣައްޒާގެ ރައްޔިތުން ބަނޑަށް މެރުމުގެ އަމަލެއް ކަމަށް ބުނެ، އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ދުނިޔެއިން ގެންދަނީ ބުނަމުންނެވެ. އެކަމަކު އިސްރާއީލު ހުއްޓުވަން ދުނިޔެ ވަނީ ނުކުޅެދިފައެވެ.

ކުރިއަށް އޮތީ ޣައްޒާއަށް ވިއްސާރަ މޫސުމެވެ. ރޭގަނޑަށް މިހާރުވެސް ފިނިގަދަވާން ފަށާފައިވާއިރު، ޣައްޒާއަށް މޮބައިލް ގެތަކާއި، ރަނގަޅު ފެންވަރުގެ ޓެންޓު އެތެރެކުރަންވެސް އިސްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.

އާންމުން ދިރިއުޅެމުންދަނީ ފޮއްޗާއި ސަތަރި ދަމައިގެން ހަދާފައިވާ ވަގުތީ ތަންތަނުގައި ކަމަށްވާއިރު، ގަދަ ވައިގައި އެތަންތަން ނުހިފެހެއްޓޭނެއިރު، ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެތީ އާންމުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ