ބައިނަލްއަގްވާމީ ގާނޫނުތައް މުގުރާލައި، އެމެރިކާއާއި އެމެރިކާގެ ބައިވެރިން އުޅެނީ، ދުނިޔޭގައި ގަދަބާރުން ކަންތައް ކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ވިދާޅުވެ، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި “އިންޓަރނޭޝަނަލް ލޯ އަންޑަރ އެސޯލްޓް، އެގްރެޝަން އެންޑް ޑިފެންސް” ނަމުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔޭގައި އެކަށައެޅިފައިވާ ލީގަލް އޯޑަރ ނެތިކޮށްލައި، ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމުގެ ނިޒާމެއް ގާއިމްކުރަން އެމެރިކާއިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެ ނިޒާމުގެ ސަބަބުން، މިސާލެއްގެގޮތުން އޭނާ ވިދާޅުވީ، އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނުތައް ބެލޭނޭ ގޮތެއް ނެތިގެން ދިއުމެވެ.
އދގެ ޗާޓަރުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ދުނިޔެ އަމަލުކުރަން ޖެހޭއިރު، އެ އުސޫލުތަކަށް އަރައިގަނެ، ބޭނުންހާ ގޮތަކަށް ގަދަކަމުން ކަންކަން ކުރުމުގެ ނިޒާމެއް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ގާއިމްކުރަމުންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން އިސްރާއީލުން މިދިޔަ ދެއަހަރުގެ ތެރޭގައި އެތައް ގައުމަކަށް ހަމަލާ ދީފައިވާ މައްސަލަ އީރާނުގެ ޚާރިޖީ ވަޒީރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ.
އައްބާސް އަރަޣްޗީ ވިދާޅުވީ، އިސްރާއީލުން ގެންދަނީ އިސްތިއުމާރު އިތުރަށް ފުޅާކުރަމުން ކަމަށާއި، އެ ރަށްތަކުގައި ގަތުލުއާންމުތަކާއި، ނަސްލުނައްތާލުމާއި، ދަރިފަސްކޮޅު ނެތިކޮށްލަމުން ކަމަށެވެ.
ހަމަ އެއާއެކު، އިސްތިއުމާރީ އިސްރާއީލުގެ ދައުލަތް ސަރަހައްދަށް ފުޅާކުރުމުގެ ވާހަކަ ފާޅުގައި އިސްރާއީލުން ދައްކަމުން ގެންދާކަންވެސް، އީރާނުގެ ޚާރިޖީ ވަޒީރު ފާހަގަ ކުރައްވާފައި ވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރުވަނީ، އިސްރާއީލުން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އީރާނަށް ހަމަލާދީ އާންމުން މަރައި އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިން މައްސަލަވެސް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
އީރާނަށް ހަމަލާ ދިނުމުގައިވެސް އިސްރާއީލާއެކު އެމެރިކާ ބައިވެރި ވެފައިވާކަން އައްބާސް ފާހަގަ ކުރެއްވިއެވެ.
އައްބާސް އަރަޣްޗީ ވިދާޅުވީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވަނީ ހެޖެމޮނިކް، މިލިޓަރައިޒްޑް ގްލޯބަލް ސިސްޓަމަކާއި، ހަގީގީ ގާނޫނީ ނިޒާމެއްގެ ތެރެއިން ކަންކުރުން އިޚްތިޔާރުކުރުން ކަމަށެވެ.
އީރާނުން ކަންކުރާނީ އަދި ކުރިއަށްދާނީ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށް، އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.



