އިންޒާރު އައީ އީރާނުން، ވަރުގަދަ ރައްދަކަށް އިންތިޒާރު ކުރުމަށް އިސްރާއީލަށް ގޮވާލި

ޚަބަރު ފަހުގެ ދުނިޔެ

އިސްތިއުމާރީ އިސްރާއީލުން ހަމަލާދީ ހިޒްބުﷲގެ އިސް ކޮމާންޑަރު ހައިތަމް އަލީ ތަބަތައީ އަވަހާރަ ކޮށްލުމުން އެކަމުގެ ބަދަލު ހިފުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމަށް ބުނެ އީރާނުން އިސްރާއީލަށް ވަރަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އިންޒާރު އައީ، އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަން ގާރޑް ކޯޕްސް، އައިއާރްޖީސީން ނެރުނު ބަޔާނެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބަޔާން އާންމުކޮށްފައިވަނީ އީރާނުގެ ރަސްމީ ނޫސް އޭޖެންސީ ކަމަށްވާ ތަސްނިމް ނިއުސްއިންނެވެ.

އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ، ހިތްވަރުގަދަ އިސްލާމީ ހަނގުރާމަވެރިންގެ ލޭގެ ބަދަލު ހިފުމުގެ ހައްގު ރެސިސްޓެންސް އެކްސިސް އާއި އަދި ހިޒްބުالله އަށްވެސް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން، ވަގުތު ޖެހުމުން ޓެރަރިސްޓް އަނިޔާވެރިޔާ ފުނޑުފުނޑުކޮށްލާފަދަ ރައްދަކަށް އިންތިޒާރު ކުރުމަށް އީރާނުން ގޮވާލާފައި ވެއެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގައި ހުރި އިމާރާތަކަށް އިސްރާއީލުން މިސައިލް ހަމަލާތަކެއްދީ އަވަހާރަ ކޮށްލި ހައިތަމް އަލީ ތަބަތައީއަކީ، ހިޒްބުﷲގެ ބެއިރޫތު ޗީފް އޮފް ސްޓާފެވެ.

އޭނާ އަވަހާރަކޮށްލީ، އިސްރާއީލަށް އަލުން ހަމަލާތައް ދޭން ފެށުމަށް ފައުޖުތައް ތައްޔާރު ކުރާތީ ކަމަށް، އިސްތިއުމާރީ ބާރުން ބުނެފައި ވެއެވެ. ނަމަވެސް، އެއީ، ހީތަކެއްގެ މައްޗަށް ހިންގި ޖަރީމާއެއް ކަމަށް މުހައްލިލުން ވިދާޚުވެއެވެ.

ހައިތަމް އަލީ ތަބަތައީ އަވަހާރަ ކޮށްލުމަށްފަހު، އިސްރާއީލުގެ އުތުރުފަޅި މިހާރު އޮތީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެއީ، ހިޒްބުﷲގެ ފަރާތުން އަތުވެދާނެ ރައްދު ހަމަލާއަކުން ދިފާއު ވުމަށް ކަމަށް، އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އެގޮތުން، ލުބުނާނުގެ ދެކުނާ އިންވެގެން އޮންނަ އިސްރާއީލުގެ އުތުރުގައި އެއަރ ޑިފެންސް ސިސްޓަމްތައް މިހާރުވަނީ އެކްޓިވޭޓް ކޮށްފައެވެ.

ހައިތަމް އަލީ ތަބަތައީ އަވަހާރަ ކޮށްލުމާ ގުޅިގެން ހިޒްބުﷲއިން އަޅާނެ ފިޔަވަޅެއް އަދި ނޭނގެއެވެ. ނަމަވެސް، އެކަމާމެދު ހިޒްބުﷲއިން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ހައިތަމް އަލީ ތަބަތައީ އަވަހާރަކޮށްލި ހަމަލާ، ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވާއިރު، ބަދަލު ހިފާނޭކަމުގެ އިންޒާރު މިއައީ އީރާނުންނެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ވައިގެ ހަމަލާދިނުމުގެ ހިތި އިސްރާއީލު ވަނީ ދެކިފައެވެ. އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަސްވަންދެން ކުރި ހަނގުރާމައިގައި، އީރާނުންވަނީ އިސްރާއީލާއި އެމެރިކާއަށްވެސް ސިހުން ގެނުވި ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށްދީ، އިސްރާއީލުގެ ރަށްތަކުގެ ބޮޑުބައެއް ސުންނާފަތިކޮށް މާލީ ބޮޑެތި އެތައް ގެއްލުންތަކެއް ދީފައެވެ.

އެހެންކަމުން، އީރާއެކު އަލުން ކުރިމަތިލުމަކަށް ދިއުމުގެކުރިން ހާސްފަހަރު އިސްރާއީލުން ވިސްނާނޭކަން ކަށަވަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ