ކަނޑުގެ ސިފައިންގެ ގާބިލްކަން ދުނިޔެއަށް ދައްކާލަން އީރާނުން ތައްޔާރުވާން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އީރާނު ކަނޑުގެ ސިފައިންގެ ކޮމާންޑަރެވެ.
އެގޮތުން، އީރާނު ކަނޑުގެ ސިފައިންގެ ފައުޖަށް އަލަށް އިތުރު ކުރެވުނު އެންމެ ޒަމާނީ ކުރިއަރާފައިވާ މިސައިލާއި، އެނޫންވެސް ހަތިޔާރާއި، އޭވިއޭޝަން އާލާތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް، އީރާނު ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވެފައި ވެއެވެ.
ކަނޑުގެ ސިފައިންގެ ގާބިލްކަން ދައްކާލާނީ ސީދާ ކޮން ދުވަހެއްގައިކަން ހާމަ ނުކުރި ނަމަވެސް، ކޮމާންޑަރު ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެކަން ކުރައްވާނޭ ކަމަށެވެ.
އީރާނުން ދާދިފަހުންވަނީ ނުރައްކާތެރި އެންޓި-ޝިޕް މިސައިލެއްވެސް ތަރައްގީކޮށް ޓެސްޓު ކޮށްފައެވެ.
އަދި އީރާނުން ތަރައްގީކުރި ކޮމްބެޓް ބޯޓަކީ މިހާތަނަށް އަސްކަރިއްޔާއެއްގައި ބޭނުންކުރާނެ އެންމެ ބާރަށް ދުވަ ބޯޓެވެ.
އިސްރާއީލާ އެކު ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުންވަނީ، އެގައުމުގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް އިތުރު ހަތިޔާރު އެއްކޮށް، ވަރުގަދަ ކޮށްފައެވެ.
އެގޮތުން، ކަނޑުގެ ސިފައިންގެ ލަޝްކަރަށް ހަނގުރާމައިގެ ހަތިޔާރާއި، ދިފާއީ ހަތިޔާރު ހޯދައި، އަދި އިތުރު ހަތިޔާރު ތަރައްގީކޮށް އެއްކޮށް ޖަމާކޮށްފައި ވެއެވެ.
އަދި އީރާނާ އެކުވެރި ބައެއް ގައުމުތަކުންވެސް ހަތިޔާރު ގަނެ، ޖަމާކޮށްފައި ވެއެވެ.
އީރާނު ކަނޑުގެ ސިފައިންގެ ޗީފް އޮފް ސްޓާފް، ދާދިފަހުވަނީ، ކަނޑުގެ ސިފައިންގެ ލަޝްކަރުގެ ތައްޔާރީތައް ބައްލަވާލައްވާފައެވެ.
އިސްރާއީލާއެކު އީރާނުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނު ކަނޑުގެ ސިފައިން ބައިވެރިއެއް ނުވެއެވެ. އީރާނުން އިސްރާއީލަށް ބޮޑެތި ގެއްލުންތައް ދިނީ، އީރާނުގެ ފަސްގަނޑުން އުދުއްސާލި މިސައިލާއި، ޑްރޯން ފައުޖުތައް މެދުވެރި ކޮށެވެ.
އެހެންކަމުން، އިސްރާއީލުން އީރާނާ ކުރިމަތިލާން ދެން ދިމާކޮށްފިނަމަ އީރާނުގެ ކަނޑުގެ ލަޝްކަރު ހަނގުރާމައިގައި ބައިވެރިވާނެ ކަމަށް މިހާރު ބެލެވެން ފަށާފައި ވެއެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރު ހަތިޔާރު ޖަމާކޮށް، ތައްޔާރީތައް ވަމުންދާތީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ފާރަލަމުންވެސް އެބަ ގެންދެއެވެ.
އެމެރިކާގެ ޖާސޫސީ އުޅަނދުތައް ގަލްފް ކަނޑުން އީރާނާ ގާތުން އުދުހުނުކަން މިއަދުވެސް ހާމަވެފައި ވެއެވެ. އެ އުޅަނދުތައް އުދުހިފައި އަންނަނީ ޔޫއޭއީންނެވެ.



