އެމެރިކާއަކީ ހަނގުރާމައަށް އެޑިކްޓްވެފައި އޮންނަ ގައުމެއް: ޗައިނާ

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާ އަކީ އަބަދުވެސް ހަނގުރާމައަށް ފެންބޮވައިގެންފައި އޮންނަ ގައުމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއަކީ ހަނގުރާމައަށް އެޑިކްޓްވެފައި އޮންނަ ގައުމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާ ވުޖޫދުވިތާ 240 އަހަރު ވެގެން ގޮސްފައިވާއިރު، އޭގެ ތެރެއިން ހަނގުރާމައެއް ނުކޮށް އެމެރިކާ އޮތީ އެންމެ 16 އަހަރު ކަމަށް، ޗައިނާ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހަނގުރާމަތައް ކުރާހިތްވާލެއް ބޮޑުކަމުން، އެމެރިކާއިން މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 80 އަށްވުރެ ގައުމާއި، ރީޖަންތަކުގައި އަސްކަރީ ބޭސްތައް ހަދާފައިވާކަން ޗައިނާއިން ފާހަގަ ކޮށްފައި ވެއެވެ.

އެމެރިކާގެ އަސްކަރީ މެޝިންތައްދާ ކޮންމެ ތަނެއްގެ ރައްޔިތުން އެކަމުގެ ތަކުލީފު އުފުލަމުންދާ ކަމަށްވެސް ޗައިނާއިން ބުނެފައި ވެއެވެ.

ޗައިނާ ރުޅިއައިސްގެން އުޅެނީ ޓައިވާން މައްސަލައިގެ ތެރެއަށް ވަދެ މައްސަލަ ހޫނުކުރަން އެމެރިކާއިން އުޅޭ މައްސަލާގައެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރ ޑޮންގް ޖުން ދާދި ފަހުންވެސްވަނީ ޓައިވާން މައްސަލާގައި ދުނިޔެއަށް އިންޒާރު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ޓައިވާނަކީ ޗައިނާގެ ބައެއްކަން އެންމެންވެސް ދަންނަން ޖެހޭނެ ކަމަށެވެ. ތާރީޚީ އަދި ގާނޫނީގޮތުން ޓައިވާނަކީ ޗައިނާގެ ބައެއްކަމީ، ޚިލާފެއް ހުރި ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ޑޮންގް ޖުން ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ޓައިވާން ޗައިނާގެ ދަށަށް ގެންނާން ޖެހިއްޖެނަމަވެސް ޗައިނާގެ ބާރުގަދަ ޕީޕަލްސް ލިބަރޭޝަން އާރމީ އޮތީ އެކަން ކުރަން ތައްޔާރަށް ކަމަށެވެ.

އެމެރިކާއިން އިންޒާރު ކުރަނީ، ޗައިނާއިން ޓައިވާނަށް އަރައިގެންފިނަމަ ޓައިވާން ދިފާއު ކުރާނޭ ކަމަށެވެ.

އެމެރިކާގެ ރައީސްކަމުގައި މިހާރު ހުރި ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައީ، އޭނާ ވެރިކަމަށް އަންނަން ކެމްޕެއިން ކުރިއިރު ދުނިޔޭގައި ހިނގަމުންދިޔަ ބޮޑު ދެ ހަނގުރާމަ ކަމަށްވާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާއި، އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓުވާނެ ކަމަށް ވައުދުވަމުންނެވެ.

މިހިނގާ 2025 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ވެރިކަމުގެ ހުވާކުރި ޓްރަމްޕް ވެރިކަމަށް އަހަރުވާން ގާތްވަމުންދާއިރު، ޔޫކްރެއިން ހަނގުރާމަ އަދި ޣައްޒާ ހަނގުރާމަވެސް ނުހުއްޓުވުނެވެ.

ނުވިތާކަށް، އެމެރިކާ ސިފައިން ފޮނުވައި ޔަމަނަށް ނުރައްކާތެރި ބޮންއަޅައި، އެތައްފަހަރަކު ހަމަލާ ދިނީއެވެ. އެމެރިކާ ސިފައިން ފޮނުވައިގެން އީރާނަށް ބިމުގެ އަޑި ތޮރުފާ ޒާތުގެ ބޮންތައް އަޅައި ވަރުގަދަ ހަމަލާތަކެއް ދިނީއެވެ. އީރާގާއި ސޫރިޔާއަށްވެސް ސިފައިން ލައްވައި ހަމަލާ ދިނީއެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން މިހާރު ތައްޔާރުވަމުންދަނީ ވެނެޒުއެލާއަށް އަރައިގަތުމަށެވެ. ސިފައިންގެ ލަޝްކަރުތަކާއި ހަތިޔާރު މިހާރު ހުރީ ވެނެޒުއެލާ ކައިރިއަށް ޖަމާކޮށްފައެވެ.

ސިފައިން ފޮނުވައި ކޮލަމްބިއާއަށާއި، ނައިޖީރިއާއަށްވެސް ހަމަލާދޭނޭ ކަމަށް ޓްރަމްޕް ގެންދަނީ އިންޒާރު ކުރަމުންނެވެ.

އެމެރިކާ ސިފައިން ދޫކޮށްލާފައި ދިޔަ ބަރު ހަތިޔާރު އަނބުރާ ނުދީފިނަމަ އަފްޣާނިސްތާނަށްވެސް ހަމަލާދޭން ޖެހިދާނެ ކަމަށް ގެންދަނީ އިންޒާރު ދެމުންނެވެ.

ވެރިކަމަށް އަންނާން މަސައްކަތް ކުރިއިރު އެމެރިކާގެ ރައީސް ވާނީ “ސުލްހައިގެ ރައީސެއްގެ” ގޮތުގައި ދުނިޔެއަށް ހީކުރެވުނު ނަމަވެސް އޭނާއަކީ “ހަނގުރާމައިގެ ރައީސް” ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ޗައިނާއިން ބުނީ ރަނގަޅު ވާހަކައެކެވެ. އެމެރިކާގެ ވެރިކަމަށް އަންނަން ރައީސަކު ހަނގުރާމައެއް ކޮށްނުލާ ވެރިކަމުން ފައިބައިގެން ގޮސްފައެއް ނުވެއެވެ. އެމެރިކާ އަބަދުވެސް ބޭނުންވަނީ ގަދަބަދަވިކަން ދައްކައިގެން ދުނިޔޭގައި ކަންކަން ކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ