ވެނެޒުއެލާގެ މުޅި ވައިގެ ސަރަހައްދު ބަންދުކުރަން އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފިއެވެ.
މިކަމުގެ ރިޕޯޓްތައް ފެތުރޭން މިފެށީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ޝޯޝަލްގައި މިއަދު ކުރި ޕޯސްޓެއްގައި، ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކުރަންޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ޚަބަރުތައް ބުނާގޮތުގައި، އެމެރިކާއިން މިފަދައިން ކަންތައް ކޮށްފިނަމަ އެމެރިކާއާއި ވެނެޒުއެލާއާ ދެމެދު ހޫނުވެފައިވާ މަސްރަހް އިތުރަށް ގޯސްވެގެން ދާނެއެވެ.
ޓްރަމްޕްގެ ޕޯސްޓާ ގުޅިގެން ވެނެޒުއެލާ ސަރުކާރުން ބުނެފައިވަނީ، މި އިންޒާރު ވެނެޒުއެލާއިން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ.
އަދި އެމެރިކާއިން ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކޮށްފިނަމަ އެކަމުގެ ސަބަބުން ގެއްލުން ލިބޭނީ ވެނެޒުއެލާ ސަރުކާރަށް ނޫން ކަމަށާއި، އެގެ ހުރިހާ ގެއްލުކަމާއި ދެރައެއް ލިބޭނީ ވެނެޒުއެލާގެ އާންމު ރައްޔިތުންނަށް ކަމަށް ބުނެ އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންވެސް އެބަ ގެންދެއެވެ.
ޓްރަމްޕްގެ އަމުރަށް އެމެރިކާއިން މިހާރުވަނީ ސިފައިންނާއި، ހަތިޔާރު ވެނެޒުއެލާ ކައިރިން ކެރީބިއަން ކަނޑަށް ޖަމާކޮށްފައެވެ.
ކެރީބިއަން ކަނޑަށް ޖަމާކޮށްފައިވާ ސިފައިންނާއި ހަތިޔާރުގެ ތެރޭގައި، އެމެރިކާއިން ބޮޑެތި ހަނގުރާމަތަކުގައި ބޭނުންކުރާ އެންމެ ބިޔަ ލަޝްކަރުވެސް ހިމެނެއެވެ.
މިއި، އެއްގަމުމަގުން ވެނެޒުއެލާއަށް އަރައިގަތުމަށް އެމެރިކާ ސިފައިން ވެފައިވާ ތައްޔާރީތަކެވެ.
މިއީ، ވެނެޒުއެލާއިން އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން އަޅާ ފިޔަވަޅެއް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވާއިރު، ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި ހިފައިގެން ދަތުރުކުރާ ކަމަށް ބުނެ މިހާތަނަށް ވިއްސަށްވުރެ ގިނަ ބޯޓަށް އެމެރިކާ ސިފައިން ހަމަލާދީ ފައްތާލާފައި ވެއެވެ. މި ހަމަލާތަކުގައި 80 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.
އެމެރިކާއިން އެއްގަމުމަގުން ވެނެޒުއެލާއަށް އަރައިގެންފިނަމަ އެމެރިކާ ސިފައިންނާ ހަނގުރާމަ ކުރުމަށް ވެނެޒުއެލާ އަސްކަރިއްޔާ މިހާރުވަނީ ތައްޔާރު ވެފައެވެ. އަސްކަރީ ތަމްރީނުތައް ހަދައި ހަތިޔާރު ޖަމާކޮށްފައި ވެއެވެ.
އަދި ވެނެޒުއެލާގެ އާންމުންނަށްވެސް ހަނގުރާމައިގެ ތަމްރީނުދީ، ފައުޖުތައް ރުކުރުވާލާފައި ވެއެވެ.
އެމެރިކާ ސިފައިންނާ ހަނގުރާމަކޮށް ހަނގުރާމައިން މޮޅު ނުވިނަމަވެސް، ގެރިއްލާ ހަނގުރާމައަކަށް ވެނެޒުއެލާ ތައްޔާރުވެފައިވާ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާއިން ވެނެޒުއެލާއަށް އަރަން އުޅެނީ މަސްތުވާތަކެތީގެ މައްސަލައިގައި ނޫން ކަމަށާއި، އެމެރިކާ ދަތިވެތި ވެގެންއުޅެނީ ވެނެޒުއެލާގެ ތެލަށް ކަމަށް ބުނެ އެތައް ބަޔަކު ވާހަކަ ދައްކަމުން ގެންދެއެވެ.



