“ދިތުވާ” ގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާނުގެ ބާރު ދަށްވެ، އަދި ސްރީލަންކާއާ ދުރަށްދާން 48 ނުވަތަ 72 ގަޑިއިރު ނަގާނެ ކަމަށް ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ވަނީ ލަފާކޮށްފައެވެ.
ތޫފާން މިހާރުވަނީ މަޑުމަޑުން ސްރީލަންކާއާ ދުރަށް ޖެހޭން ފަށާފައެވެ. ތޫފާނުގެ މިސްރާބު މިހާރު ހުރީ އިންޑިއާއާ ދިމާއަށް ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.
ތޫފާން ދިތުވާ ސްރީލަންކާއާ ދުރަށް ދިޔަނަމަވެސް، ތޫފާނުގެ އަސަރު އެއްކޮށް ފިލަންދެން ސްރީލަންކާގެ އެކި ހިސާބުތަކަށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނެއެވެ.
ހުޅަނގު މޫސުމުގައި މީގެކުރިންވެސް ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެންގޮސް ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައި ވެއެވެ. މިދިޔަ އަހަރުގެ ތެރޭގައިވެސް އެފަދަ ހާދިސާތައް ހިނގާފައި ވެއެވެ.
އެހެން ނަމަވެސް، ސްރީލަންކާގެ ބައެއް މީހުން ބުނަމުން ގެންދަނީ، ތޫފާން ދިތުވާގައި މިފަހަރު ތަޖުރިބާ ކުރަންޖެހުނު ވަރުގެ ކަމަކާ ލައިނުގަންނަ ކަމަށެވެ.
ބޭ އޮފް ބެންގޯލްގައި އުފެދުނު ކޮޅިގަނޑެއް، ތޫފާނަކަށް ބަދަލުވެ ސްރީލަންކާއަށް އަރާފައިވަނީ މި ހަފްތާގެ ކުރީކޮޅުއެވެ.
މިއީ، ބޯ ވާރެއާއި، ގަދަފަދަ ވަޔާއެކު އެރި ތޫފާނެކެވެ. ކަނޑުތައް އެތައްގުނަ ގަދަވެގެން ދިޔައެވެ.
ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޚާއްސަކޮށް ބިންތިރި ހިސާބުތަކުގައި ފެންބޮޑުވެ، އެތައްހާސް ގެއެއް ފެނުއަޑިޔަށް ދިޔައެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ހިނގާފައި ވެއެވެ. ގަސްތައް މުލުން ލުހި، އެތައް ހިސާބަކުން ކަރަންޓް ކަނޑައިގެން ދިޔައެވެ.
ތޫފާނުގެ ސަބަބުން މަގުތައް ބެދި، ދަތުރުފަތުރަށާއި، އާންމު ދިރިއުޅުމަށް އެތައް ހުރަހެއް ކުރިމަތި ވެގެންދިޔައެވެ.
ތޫފާނުގައި އެންމެ ބޮޑެތި އަސަރުތަކެއް ކޮށްފައިވަނީ ސްރީލަންކާގެ އުތުރާއި، އިރުމައްޗާއި އަދި ދެކުނުގެ އައްސޭރިފަށުގެ ހިސާބުތަކުގައި ދިރިއުޅޭ އާބާދީ ތަކަށެވެ. އެގޮތުން، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޖަފްނާ، ޓްރިންކޮމަލީ، ބަޓިކަލޯ، ހަމްބަންޓޯޓާ އަދި މަޓާރާއަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ތޫފާނުގެ އަސަރު 770،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެ މިހާރުވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
އެކިއެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 153 އަށް އަރާފައި ވާއިރު، ދުއިސައްތައާ ގާތްކުރާ އަދަދަކަށް މީހުން ގެއްލިފައި ވެއެވެ.
ވިއްސާރައިގައި ގެދޮރު ހަލާކުވެ ހާލުގައި ޖެހުނު މީހުންގެ އަދަދު އިތުރުވުމާއި، ގެއްލިފައިވާ މީހުން ހޯދުމާއި، މީހުން ސަލާމަތް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސްރީލަންކާ ސަރުކާރުން މިހާރުވަނީ ދުނިޔޭގެ އެހީއަށް އެދިފައެވެ.
ސްރީލަންކާ ސަރުކާރުގެ އިލްތިމާސަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ފަށާފައިވާއިރު، އަވަށްޓެރި އިންޑިއާ ފަދަ ގައުމުތަކުގެ ރެސްކިއު ޓީމުތައް މިހާރު ދަނީ ސްރީލަންކާގައި ހަރަކާތްތެރި ވަމުންނެވެ.



