ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ، އަންރްވާގެ މުއްދަތު އދގެ އާންމު މަޖިލީހުން އިތުރު ކުރުމާ ގުޅިގެން ފަލަސްތީނު ސަރުކާރުން އެކަމަށް ހޫނު މަރްހަބާއެއް ކިޔައިފިއެވެ.
އަންރްވާގެ މޭންޑޭޓް އދގެ އާންމު މަޖިލީހުން މި އިތުރުކުރީ، އެ އޭޖެންސީއަކީ ޣައިރުގާނޫނީ ޓެރަރިސްޓޫ އޭޖެންސީއެއް ކަމަށް އިސްރާއީލުން ގާނޫނެއް ފާސްކޮށް، އެ އޭޖެންސީ ޣައްޒާއިން ބޭރުކޮށް އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައިވެސް ހަރަކާތްތެރިވުން ކޮންޓްރޯލްކޮށްފައި އޮއްވައެވެ.
އދގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރުގައި، އަންރްވާގެ މޭންޑޭޓް 2029 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އިތުރުކުރަން ހިމަނާފައި ވެއެވެ.
މި ގަރާރު ފާސްކުރަން އދގެ އާންމު މަޖިލީހުގެ 151 މެމްބަރު ގައުމުން ވޯޓު ދީފައި ވެއެވެ. ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ 10 ގައުމުންނެވެ. އަދި 14 ގައުމަކުން ވޯޓުގައި ބައިވެރިވި ނުވިއެވެ.
އަންރްވާގެ މޭންޑޭޓް އިތުރުކުރުމާ ދެކޮޅަށް ވޯޓުދިން 10 ގައުމަކީ؛ އާޖެންޓީނާ، ފީޖީ، ހަންގޭރީ، އިސްރާއީލު، ނޯތު މެސެޑޯނިއާ، ޕަލާއު، ޕަޕުއާ ނިއު ގިނީ، ޕެރެގުއޭ، ޓޮންގާ އަދި އެމެރިކާއެވެ.
މިއީ، އދގެ އާންމު މަޖިލީހުގައި އަބަދުވެސް އިސްރާއީލު ކޮޅަށް އަރާ ގައުމުތަކެވެ.
ބޮޑު އަޣުލަބިއްޔަތަކުން އަންރްވާގެ މޭންޑޭޓް އިތުރުކުރަން އާންމު މަޖިލީހުން ފާސްކުރުމާ ގުޅިގެން ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ވޯޓުގެ ނަތީޖާއިން އަންރްވާއަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ތާއީދު އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ.
އދގެ އާންމު މަޖިލީހުގެ ވޯޓުން ހާމަވެގެންދިޔަ އަނެއް ކަމަކީ، ޣައްޒާއާއި ހިފާފައި ހުޅަނގު އައްސޭރީގައި ހިންގާ އިސްތިއުމާރީ ސިޔާސަތުތަކާއި އަދި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖައްބާރު އަނިޔާވެރި އަމަލުތަކާ ދުނިޔެ ދެކޮޅުހަދާކަން ކަމަށްވެސް ބުނެފައި ވެއެވެ.
އަންރްވާއަކީ، ފަލަސްތީނުގެ ރަށްތަކުގައި ފަލަސްތީނު ރައްޔިތުންނާއި، ރެފިއުޖީންގެ ގޮތުގައި އުޅޭ މީހުންނަށް ކާބޯތަކެއްޗާއި، ޟަރޫރީ ސާމާނާއި، އަދި ސިއްހީ، ތައުލީމީ އަދި މަސައްކަތްތެރިކަން އުނގަންނައި ދިނުމުގެ މުހިންމު ޚިދުމަތްތައް ދެމުން އަންނަ ޖަމާއަތެވެ.
ގަބޫލުކުރެވިފައިވާ ގޮތުގައި، އިސްތިއުމާރީ އިސްރާއީލުން އަންރްވާ ޣައިރުގާނޫނީ، ޓެރަރިސްޓު ޖަމާތެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ ބިންތަކުން ބޭރުކުރަން އުޅުނީ، ފަލަސްތީނު ރައްޔިތުންނަށް އެ އޭޖެންސީ މެދުވެރިކޮށް ލިބެމުން އަންނަ ޚިދުމަތްތަކުންވެސް މަހްރޫމް ކޮށްލުމަށެވެ.
ހަނގުރާމައިގެ ތެރޭގައިވެސް، ފަލަސްތީނު ރައްޔިތުންނަށް އަންރްވާގެ މުހިންމުކަން ދުނިޔެއަށް ހާމަވެގެން ގޮސްފައި ވެއެވެ.



