ދޯހާ ފޯރަމްގެ ފުރަތަމަ ދުވަހުގެ ތަގްރީރުތައް ނިންމާލައިފިއެވެ.
ދޯހާ ފޯރަމަކީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ގައުމުތަކުގެ ވެރިންނާއި، އިސް ޑިޕްލޮމޭޓުންނާއި، މަހުޖަނުން އެއްތަންވެ ޚިޔާލު ފާޅުކޮށް ބަހުސްކުރުމަށް ކޮންމެ އަހަރަކު ގަތަރުން ބާއްވާ ބައިނަލްއަގްވާމީ ފޯރަމެކެވެ.
ފޯރަމްގެ ފުރަތަމަ ދުވަހު ވާހަކަ ދެއްކެވި ގިނަ ބޭފުޅުންނަކީ މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނެވެ.
އޭގެ ތެރޭގައި، ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީއާއި، ސޫރިޔާގެ ރައީސް އަހްމަދު އައް-ޝަރްއާ އާއި، ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާންއާއި، އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދް ޒާރިފްވެސް ހިމެނިވަޑައި ގަންނަވައެވެ.
ގަތަރުގެ ބޮޑުވަޒީރުގެ ވާހަކައިގައި ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުން މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެކަމަކު ގަތަރުން އަދިވެސް އުންމީދު ކަނޑާނުލާ ކަމަށް ވިދާޅުވިއެވެ.
ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމް ދެމެހެއްޓޭނީ، އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބައި އަދި ޣައްޒާގައި ހަމަޖެހުން ގާއިމް ކުރެވިގެން ކަމަށެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތުރުކީ އޮތީ ތައްޔާރަށް ކަމަށެވެ.
ސޫރިޔާގެ ރައީސް އަހްމަދު އައް-ޝަރްއާގެ ވާހަކައިގައި، އިސްރާއީލުން ސަރަހައްދުގެ ހަމަޖެހުން ނަގާލައި ނުތަވަނަސްކަން އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.
އަދި ސޫރިޔާއަށް ހަމަލާ ދިނުމާއި، ސޫރިޔާގެ ވައިގެ ސަރަހައްދަށް ވަދެގަންނާތީވެސް އިސްރާއީލު ކުށްވެރި ކުރެއްވިއެވެ.
މިއަދުގެ ފޯރަމްގައި ވާހަކަ ދެއްކެވި އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ކަޖާ ކައްލާސް ވިދާޅުވީ، ޔޫކްރެއިން މައްސަލާގައި އީޔޫއާއި އެމެރިކާއާ ދެމެދު އަރާރުންތައް ހިނގި ނަމަވެސް، އެމެރިކާއަކީ އަދިވެސް އީޔޫގެ އެންމެ ގާތް ބައިވެރިޔާ ކަމަށެވެ.



