ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ހަމަލާދީ މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 373 އަށް އަރާފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޣައްޒާ ހެލްތު މިނިސްޓްރީން މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 970 އަށް އަރާފައިވާ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ ބާރުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރުވަނީ 70،360 އަށް އަރާފައެވެ.
ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދުވަނީ 171،047 އަށް އަރާފައެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ ޝަހީދުކޮށްލި އަދި ޒަޚަމްކޮށްލި މީހުންގެ ބޮޑު އިންސައްތައަކީ ތުއްތުކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.
ފުރާނަ ސަލާމަތްވި ނަމަވެސް، ޒަޚަމްވި އެތައްހާސް ކުޑަކުދިންނާއި އެތައްހާސް އާންމުންގެ އަތްފައި ބުރިކޮށްލަންޖެހި މުޅި އުމުރަށް ވަނީ ނުކުޅެދޭ މީހުންނަށް ވެފައެވެ. އެތައްހާސް ބަޔަކު ވަނީ ނަފުސާނީ ވެފައެވެ.
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން މިހާރުވެސް ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާއާއި، ބޮޑުބަޑީގެ ހަމަލާއާއި، ބަޑީގެ ހަމަލާތައް ދީ އާންމުން ޝަހީދު ކުރަމުންނެވެ.
ނުވިތާކަށް، ޣައްޒާގެ އެކި ރަށްތަކުގައި އާންމުންގެ ގެދޮރާއި، އާންމުން ދިރިއުޅޭ އިމާރާތްތަކުގައި ގޮވާތަކެތި ހަރުކޮށް ގޮއްވަމުންވެސް އެބަ ގެންދެއެވެ.
އެއްބަސްވުމާ ޚިލާފްވެ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުރަސްއަޅައި، އުޅެނީ ދޮރާށިތައްވެސް ބަންދުކޮށްގެންނެވެ.
ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުމުގެ ސަބަބުން ކާބޯތަކެއްޗާއި، ބޯފެނާއި، ގޭހާއި، ތެޔޮ ހުސްވެ، ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ޟަރޫރީ ބޭސްވެސް ހުވެ، ޒަޚަމްވާ މީހުންނާއި، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތްވެސް މިހާރު ދަނީ ނެތެމުންނެވެ.



