ބާރުގަދަ ތޫފާނާއެކު އައި ގަދަފަދަ ވިއްސާރައިގައި ސްރީލަންކާއިން ގެއްލުނު މީހުންގެ ތެރެއިން 192 މީހަކު އަދިވެސް ނުފެންނަ ކަމަށް، ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ސްރީލަންކާއިން 214 މީހަކު ގެއްލުނެވެ.
ނަމަވެސް، ސްރީލަންކާ ސިފައިންނާއި، ފުލުހުންނާއި، ރެސްކިއު ޓީމުތަކާއި، ވޮލަންޓިއަރުންނާއި، ބޭރުގެ ޓީމުތަކުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށްވަނީ ގެއްލުނު ބައެއް މީހުންގެ ހަށިތައް ހޯދާފައެވެ.
ގެއްލުނު މީހުންގެ ހަށިތައް ފެންނަމުން ދިއުމާއެކު، ވިއްސާރައިގައި ސްރީލަންކާއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 635 އަށް އަރާފައެވެ.
ހަފްތާއަކަށް ދެމިގެންދިޔަ ގަދަފަދަ ވިއްސާރައިގައި ގެދޮރު އެއްކޮށް ހަލާކުވެ ހާލުގައި ޖެހިގެން 70،000 މީހަކު މިހާރު ތިބީ ސަރުކާރުގެ ވަގުތީ ހިޔާތަކުގައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ، ވިއްސާރައިގެ ސަބަބުން 5،325 ގެ އެއްކޮށް ހަލާކުވި ކަމަށެވެ. އަދި 81،163 ގެއިން ބައެއް ހަލާކުވި ކަމަށެވެ.
ވިއްސާރައިގެ ސަބަބުން އެކި ގޮތްގޮތުން އަސަރުކުރި މީހުންގެ އަދަދު ދެމިލިއަނާ ގާތްކުރެއެވެ.
ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސްރީލަންކާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު، އިންސާނީ އެހީގެގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްރީލަންކާއަށް ގެންދަނީ ސާމާނު ފޮނުވަމުންނެވެ.
އަދި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމާއި، އަލުން އާރާސްތު ކުރުމުގެ މަސައްކަތަށް މާލީ އެހީ ދޭނޭ ކަމަށްވެސް ގެންދަނީ ވައުދުވަމުންނެވެ.



