ހަމަލާތައް ހުއްޓާލުމަށް ކެމްބޯޑިއާއައެކު އެއްވެސް އެއްބަސްވުމެއް ނުހެދޭ ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށް ތައިލެންޑުން ހާމަކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އަމިއްލަ ޓުރުތު ޝޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގަމުދާ ކުރިމަތިލުންތައް ހުއްޓުމަކަށް ގެނައުމަށް ކާމިޔާބު ކަމާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ.
ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ޖުލައިމަހު ވެވުނު އެއްބަސްވުމުގެ މެދުވެރިޔަކަށްވި އެމެރިކާގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްވެސް މިއަދު ވިދާޅުވެފައިވަނީ، ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ދެގައުމުންވެސް ދުޝްމަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ.
އެމެރިކާގެ ރައީސްގެ ވާހަކަތަކާއި، މެލޭޝިޔާގެ ބޮޑުވަޒީރު އިޝާރާތް ކުރެއްވި ވާހަކަތަކަށް ރައްދު ދެއްވަމުން ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާރންވިރަކުލް ހަމަލާތައް ހުއްޓާލުމަށް ކެމްބޯޑިއާއާއެކު އެއްވެސް އެއްބަސްވުމެއް ނުހެދޭ ކަމަށެވެ.
ހަމަ އެއާއެކު، ބޯޑަރު ސަރަހައްދުގައި ތައިލެންޑް ސިފައިން ހަމަލާތައް ދެމުން ގެންދާނޭ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ތައިލެންޑް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ސުރަސަންޓު ވިދާޅުވީ، ޗޮންގް އަން މާ ސަރަހައްދުގައި ކެމްބޯޑިއާ ސިފައިން ހަމަލާދީ، ތައިލެންޑް ސިފައިންގެ 4 މީހުން މިއަދުވެސް މަރާލާފައިވާ ކަމަށެވެ.
މިއާއެކު، މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ދެފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި މަރުވި ތައިލެންޑް ސިފައިންގެ އަދަދު މިހާރުވަނީ 14 އަށް އަރާފައެވެ.
މިއަދުގެ ހަމަލާތަކުގައި ކެމްބޯޑިއާ ފަޅިން މަރުވި މީހުންގެ ތަފްސީލްތަކެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.
އެކަމަކު، ފާއިތުވި ހަދުވަހުގެ ތެރޭގައި ދެ ފަރާތުން 20 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.
ބޯޑަރު ސަރަހައްދުން ދެފަރާތުން ހަލައްކައަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަސް ގޮސްފައި ވެއެވެ.
ކެމްބޯޑިއާއާއި ތައިލެންޑުން ހަމަލާތައް ބަދަލު ކުރަމުން ގެންދަނީ، ދެގައުމު ވަކިކުރާ ބޯޑަރު ސަރަހައްދުގައި ހުރި ގަދީމީ ފައްޅިތަކެއްގެ މިލްކުވެރިކަމުގެ މައްސަލާގައެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ހާމަކުރިފަހުން ހަމަލާ ބަދަލުކުރުން އިތުރަށް ވަރުގަދަ ވެގެން ގޮސްފައި ވެއެވެ.
ޓްރަމްޕްގެ ވާހަކަތައް ތައިލެންޑުން ދޮގު ކުރިއިރު، އެކަމާ ގުޅޭގޮތުން ކެމްބޯޑިއާއިން އެއްވެސް އެއްޗެއް ނުބުނެއެވެ.



