ދުނިޔެއަށް ނޭވާލާހާ ހިނދަކު ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ބަސް ބުނާނަން: އަލްބަނީޒް

ޚަބަރު

ފަހުނޭވާއާ ހަމައަށް ފަލަސްތީނުގެ ހައްގުގައި ބަސް ބުނާނޭ ކަމަށް، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާ ބެހޭ އދގެ ޚާއްސަ މަންދޫބު ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަލްބަނީޒް ވިދާޅުވީ، އެމެރިކާއިން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ، އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ވާހަކަ ދައްކަވާތީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓްރަމްޕްގެ ސަރުކާރުން މިހާރުވަނީ، އަލްބަނީޒް އެމެރިކާއަށް އެރުންވެސް މަނާކޮށްފައެވެ.

އަދި އެމެރިކާއާއި އަދި އެހެން ގައުމެއްގައިވެސް މާލީ މުއާމަލާތެއް، އިންޝުއަރެންސްގެ ތެރެއިން ސިއްހީ ޚިދުމަތެއް ހޯދުމުގެ ދޮރުވެސް ބަންދުކޮށް ދަތިކޮށްފައި ވެއެވެ.

ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވީ، އެނާ ދުނިޔެއަށް ނޭވާލާހާ ހިނދަކު، ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ވަކާލާތުކުރުން ހުއްޓާނުލާނޭ ކަމަށެވެ.

އެމެރިކާއިން އޭނާއާ ދެކޮޅަށް އަޅާފައިވަނީ އދގެ ޗާޓަރާ ޚިލާފް ޣައިރުގާނޫ ފިޔަވަޅުތަކެއް ކަމަށާއި، އެފަދައިން ފިޔަވަޅު އެޅި ނަމަވެސް، އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ވާހަކަ ދައްކަވާނޭ ކަމަށް ވިދާޅުވިއެވެ.

އަލްބަނީޒް ވިދާޅުވީ، ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސަބަބެއް ކަމަށް ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިނަމަވެސް، އިސްރާއީލުން ޣައްޒާގެ ހުރިހާ ހިސާބަކަށް ހުއްޓާނުލާ ހަމަލާތައް ދެމުންގެންދާ ދިއުމެވެ.

އަދި އެ ހަމަލާތަކުގައި، ޣައްޒާއިން މިހާތަނަށް 400 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް އަލްބަނީޒް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ޖަރީމާތައް ދުނިޔެއިން “އާންމު” ކަމަކަށް ހަދާފައިވާތީ އަލްބަނީޒްވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

އަދި ޣައްޒާގެ ނަސްލުނައްތާލަމުން ގެންދާއިރުވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުން އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނާޅައި، ނުވިތާކަށް އިސްރާއީލަށް ވާގިވެރިވަމުންދާ ދިއުންވެސް އަލްބަނީޒް ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.

ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވީ، ޣައްޒާ އަލުން ބިނާކުރުމުގެ ހުރިހާ ޚަރަދެއް ދޭންޖެހެނީ އިސްރާއީލުން ކަމަށެވެ. އަދި ޣައްޒާ އަލުން ބިނާކުމުގެ ޚަރަދުގައި އެމެރިކާ، ޖަރުމަނީ، އިޓަލީ އަދި ޔޫކޭވެސް ހިފަންޖެހޭނޭ ކަމަށް ވިދާޅުވިއެވެ.

އަލްބަނީޒް ވިދާޅުވީ، އެ ގައުމުތަކަކީ ޣައްޒާގެ ނަސްލުނައްތާލަން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތައް ކަމަށާއި، އެ ގައުމުތަކަކީ ޖަރީމާތައް ހިންގުމުގައި ބައިވެރިވާ ގައުމުތައް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ