އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާއެކު، ޕާކިސްތާނު ބަދުނާމު ކުރަން އެންމެ އަވަސްވެގަތީ އިންޑިއާގެ މީޑިއާއެވެ.
މިއީ، ޕާކިސްތާނު މީހަކު ހިންގި ޖަރީމާއެއް ކަމަށްބުނެ، ޕާކިސްތާނުގެ އިސްލާމްއާބާދަށް ނިސްބަތްވާ މީހެއްގެ ފޮޓޯ އާންމުކޮށް އެއީ ޓެރަރިސްޓެއް ކަމަށް ބުނެ ޚަބަރުތައް ފަތުރަން ފެށިއެވެ.
މިކަމުގައި އިސްރާއީލުގެ މީޑިއާވެސް ބައިވެރިވެ އެ ޒުވާނާގެ ފޮޓޯ ފަތުރަން ފެށިއެވެ.
އެގޮތުން، ސިޑްނީގައި ދިރިއުޅޭ ނަވީދް އަކްރަމް ނަމަކަށްކިޔާ ޕާކިސްތާނު ޒުވާނެއްގެ ފޭސްބުކް އައިޑީ ހާވައިގެން އޭނާގެ ފޮޓޯ ނަގައި، ބަޑިޖެހުމުގެ ހާދިސާ ހިންގީ އެނާ ކަމަށް ޚަބަރު ފަތުރަން ފެށިއެވެ. އަދި މިއީ ޕާކިސްތާނު އަޑީގައި އޮވެގެން ހިންގި ޖަރީމާއެއް ކަމަށް ވާހަކަތައް ފެތުރިއެވެ.
އިންޑިއާގެ މީޑިއާއިން ފަތުރަން ފެށި ފޭކް ނިއުސްގައި އަލް ޖަޒީރާފަދަ ނިއުސް އޮގަނައިޒެޝަންތައްވެސް ޖެހުނެވެ. އެއީ، ތެދެއް ކަމަށް ގަބޫލުކޮށް، ހަގީގަތް ނުބަލައި އެ ޒުވާނާގެ ފޮޓޯ އާންމުކޮށް ޚަބަރު ފެތުރިއެވެ. ދުނިޔޭގެ އެހެން ނިއުސް ޗެނަލްތައްވެސް އެ އަވާގައި ޖެހުނެވެ.
ދުނިޔޭގައި މިފަދަ ކަމެއް ހިނގާ ކޮންމެ ފަހަރަކު، އެކަމެއްގެ ބަދުނާމު ޕާކިސްތާނުގެ ބޮލުގައި އެޅުވުމަކީ އިންޑިއާގެ މީޑިއާ ވަރަށް އަވަސްވެގަންނަ ކަމެކެވެ.
އެންމެފަހުން، ސިޑްނީގައި ދިރިއުޅޭ ޕާކިސްތާނު ޒުވާނާއަށް ޖެހުނީ، ސޯޝަލް މީޑިއާގައި ވީޑިއޯ ބަޔާނެއް އާންމުކުރާށެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވަނީ، ސިޑްނީ ހަމަލާއާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ހަގީގަތް ނުބަލައި މީޑިއާއިން އޭނާގެ ފޭސްބުކް އެކައުންޓުން ފޮޓޯ ނަގައި އާންމުކުރީ ކަމަށެވެ.
އޭނާގެ ހަމައެކަނި ކުށަކީ، ސިޑްނީ ބޮންޑައި ބީޗްގައި ބަޑިޖެހުމުގައި ބައިވެރި އެކަކަށް ކިޔާ ނަން އޭނާއަށްވެސް ކިއުމެވެ. ނަވީދް އަކްރަމްއެވެ.
ޕާކިސްތާނު ޒުވާނާ ބުނެފައިވަނީ، މީޑިއާއިން އޭނާގެ ފޮޓޯ އާންމު ކުރުމުގެ ސަބަބުން އޭނާއަށް އެތައް މަރުގެ އިންޒާރެއް އައިސްފައިވާ ކަމަށާއި، އެކަމާ ބިރުން ގެއިންވެސް ބޭރަށް ނުނިކުންނަ ކަމަށެވެ.
ބޮންޑައި ބީޗްގައި ބަޑިޖެހީ ދެބަފައިންނެވެ. ބައްޕަގެ އުމުރަކީ 50 އަހަރެވެ. ނަމަކީ ސާޖިދު އަކްރަމްއެވެ. ދަރިފުޅުމުގެ އުމުރަކީ 24 އަހަރެވެ. ނަމަކީ، ނަވީދް އަކްރަމްއެވެ.
ސާޖިދު އަކްރަމް އޮސްޓްރޭލިއާއަށް ދިޔައީ 1998 ވަނަ އަހަރު ސްޓުޑެންޓް ވިސާގައެވެ. އޭނާ އޮސްޓްރޭލިއާގައި ދިރިއުޅެމުން އިޓަލީ ދަރިކޮޅުގެ އޮސްޓްރޭލިއާ މީހަކާ ކައިވެނި ކުރިއެވެ. ނަވީދް އަކްރަމްއަކީ އެ ދެމަފިރިންގެ ދަރިފުޅެވެ. ނަވީދް އަކްރަމް އުފަންވެ އަދި އުޅެ ބޮޑުވީވެސް އޮސްޓްރޭލިއާގައެވެ.
ސާޖިދު އަދި ނަވީދްގެ އަވަށްޓެރިން އޮސްޓްރޭލިއާގެ ޓީވީތަކަށް އިންޓަރވިއު ދެމުން ބުނެފައިވަނީ، ސާޖިދުއަކީ އިންޑިއާ މީހެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ގެންދަނީ، އިންޑިއާގެ ޖާސޫސީ އިދާރާތަކާ ގުޅައިގެން، ޖާވިދް އަކްރަމްއާއި، އޭނާގެ އާއިލާއާ ބެހޭ މައުލޫމާތު އެއްކުރަމުންނެވެ.



