އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭންގެ ދަށުން، ޣައްޒާގައި ގާއިމްކުރާ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖުގައި ޕާކިސްތާނު ސިފައިން ހިމެނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ޕާކިސްތާނަށް މަޖުބޫރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޣައްޒާއަށް ފޮނުވާ ފައުޖުގައި ސިފައިން ހިމެނުމަށް އެމެރިކާގެ ރައީސް ގެންދަނީ، ޕާކިސްތާނު ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރުއަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
މިކަމާ ގުޅޭ ވާހަކަތަކަށް އާސިމް މުނީރު ވަރަށް އަވަހަށް ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އެތައް އަހަރެއް ވަންދެން ޕާކިސްތާނާއި އެމެރިކާގެ ގުޅުމުގައި އޮތީ އިތުބާރުގެ މައްސަލަ ޖެހިފައެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެ އިތުބާރު ވަނީ އަލުން ގާއިމްކުރެވިފައެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެމެރިކާގެ ރިކުއެސްޓަށް ޕާކިސްތާނުން އިންކާރު ކޮށްފިނަމަ ޓްރަމްޕް ވަރަށް ރުޅި އަންނާނޭ ކަމަށެވެ. އެކަމުގެ އަސަރު އެމެރިކާގެ އިންވެސްޓްމަންޓްތަކަށާއި، އެމެރިކާއިން ޕާކިސްތާނަށް ދޭ އަސްކަރީ އެހީތަކަށް ކުރާނޭ ކަމަށްވެސް ބުނަމުން ގެންދެއެވެ.
ޣައްޒާ ޕްލެންގެ ދަށުން ޓްރަމްޕް، ޣައްޒާއަށް ސިފައިން ފޮނުވަން އުޅެނީ ކީއްކުރަންކަން މިހާރު އެންމެނަށްވެސް އެނގެއެވެ. އެއީ، އިސްތިއުމާރީ ސިފައިންނަށް ޣައްޒާގައި ހަމާސް ބަލި ނުކުރެވުމުން، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ސިފައިން ފޮނުވައިގެން އެމެރިކާއިން އިސްރާއީލަށް އެކަން ކޮށްދެން އުޅެނީއެވެ.
ޓްރަމްޕްގެ ޕްލެންގެ ދަށުން ޣައްޒާއަށް ފޮނުވަން ފުރަތަމަ ވާހަކަ ދެއްކީ ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެކެވެ. ނަމަވެސް، ޕްލޭން އެކަށައެޅިގެން އައިއިރު، އެއީ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖަކަށް އޮތީ ވެފައެވެ.
އެ ފައުޖަށް ޚަރަދު ކުރަންޖެހެނީ، ސިފައިން ހިމަނާ ގައުމުތަކުންނެވެ.
އެ ފައުޖުން ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ހިންގާ ގޮތަށްވަނީ ކަނޑައަޅާފައެވެ. ޣައްޒާއަކީ ހަތިޔާރު ނެތްތަނަކަށް ހެދުމުގެ މަސައްކަތްވެސް އެ ފައުޖުން ކުރާނެއެވެ. މާނައަކީ، ޓްރަމްޕް ފޮނުވާ ފައުޖަކީ ހަމާސްގެ ދުވަސް ދުއްވާލަން ފޮނުވާ ފައުޖެއް ކަމެވެ.
އެހެންވެ، މިފަދަ ފައުޖެއްގައި ޕާކިސްތާނު ސިފައިން ހިމެނުމަކީ ޕާކިސްތާނު ރައްޔިތުން ވަރަށް ދެކޮޅު ހާދާނޭ ކަމެކެވެ.
ޕާކިސްތާނަކީ ފަލަސްތީނަށާއި، ފަލަސްތީނު ރައްޔިތުންނަށް އަބަދުވެސް ވަރަށް ބޮޑަށް ތާއީދެއް ދޭ ގައުމެކެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދުނިޔޭގައި ވަރަށް ބޮޑަށް ވަކާލާތުކުރާ ގައުމެކެވެ.
އެހެންނަމަވެސް، ޓްރަމްޕްގެ އެދުމާ އެއްގޮތަށް ޣައްޒާ ފައުޖުގައި ސިފައިން ހިމެނުމާމެދު ފީލްޑް މާޝަލް އާސިމް މުނީރު މިހާރު ވަރަށް ފުންކޮސް ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި އެކަމާ ގުޅޭގޮތުން އިސްލާމީ ބައެއް ގައުމުތަކާ މަޝްވަރާ ކުރައްވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އިސްލާމީ ބައެއް ގައުމުތަކުން ކުރިން ދެކޮޅު ހެދިނަމަވެސް، ޣައްޒާއަށް ފޮނުވާ ފައުޖުގައި ސިފައިން ހިމަނަން އެފަދަ ގައުމުތަކުންވެސް މިހާރު ނިންމާފައިވާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެކަމަކު، ޕާކިސްތާނާއި އަދި އިސްލާމީ ގައުމުތަކުން ފަލަސްތީނު ރައްޔިތުންގެ ޝުޢޫރާއި ޚިލާފަށް އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރާނެކަން ޔަގީންވެފައި ވެއެވެ.
ޕާކިސްތާނު ރައްޔިތުންގެ ރޫޙު، ފަލަސްތީނާމެދު ހުރިގޮތަށް ބަލާއިރު، ފީލްޑް މާޝަލް އާސިމް މުނީރު ސިފައިން ފޮނުވަން ނިންމައިފިނަމަ މުޅި ޕާކިސްތާނު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމުގެ ބިރުވެސް އުފެދިފައި ވެއެވެ.



