ލުބުނާނުގެ ދެކުނަށާއި، އިރުމަތީގެ ރަށްތަކަށް އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދުވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ލުބުނާނުގެ ދެކުނުން މިއަދު ވައިގެ ހަމަލާތައް ދީފައިވަނީ އަންސާރިއްޔާ ސަރަހައްދަށެވެ.
ލުބުނާނުގެ އިރުމަތީ ފަޅިން ބެކާ ވާދީގެ މަގަކުން ދަތުރުކޮށްފައި ދިޔަ ކާރަކަށް މިސައިލް ހަމަލާއެއްވެސް ދީފައި ވެއެވެ. މި ހަމަލާގައި ދެމީހުން މަރުވި ކަމަށް ލުބުނާނުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާފައި ވީނަމަވެސް، އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ކެނޑިނޭޅި ގެންދަނީ ލުބުނާނުގެ އެކި ރަށްތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.
އެގޮތުން، އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ހަމަލާތައް ދެމުން ގެންދެއެވެ.
އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ދިން ހަމަލާތަކުގައި އެކަނިވެސް ލުބުނާނުން 300 މީހުން މަރުވެފައި ވާއިރު، އޭގެ ތެރޭގައި 127 އާންމުން ހިމެނެއެވެ.
އެއްގަމުން ލުބުނާނަށް އަރައިގެންފައިވާ އިސްތިއުމާރީ ސިފައިން ލުބުނާނުން ފައިބަން އެއްބަސްވުމުގައި ކަނޑައަޅާފައި ވީނަމަވެސް، ލުބުނާނުގެ ދެކުނުގެ 5 ސަރަހައްދެއްގައި އިސްރާއީލު ސިފައިން އަސްކަރީ ޕޯސްޓްތައް ޖަހައިގެން އަދިވެސް އެބަ ތިއްބެވެ.
އަދި އެ ޕޯސްޓްތައް ޖަހައިގެން ތިބި ސަރަހައްދުތައް ކޮންމެ ދުވަހަކު ގެންދަނީ ރެއިޑްކުރަމުންނެވެ.
މި ޖަރީމާތަކުގެ ސަބަބުން ލުބުނާނުގެ 64،000 އަށްވުރެ ގިނަ އާންމުން މިހާރުވަނީ މަގުމަތިވެފައެވެ.
ލުބުނާނަށް ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތަކާއި، އަދި ރެއިޑްކުރުންތައް ދިފާއުކޮށް އިސްތިއުމާރީ ސިފައިން ބުނަމުން ގެންދަނީ އެއީ ހިޒްބުﷲއަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށެވެ.



