ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ނުދާންވެގެން މުޖުރިމު ނަތަންޔާހޫ، އެމެރިކާގެ ފޯކަސް އެހެން ދިމަދިމާއަށް ގަސްދުގައި އަނބުރަމުން ގެންދާ ކަމަށް މިސްރުން ބުނެފިއެވެ.
ދެއަހަރާ އެތައް ދުވަހެއް ވީފަހުން، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓުމަކަށް އައީ، އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ޕްލޭނަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވުމުންނެވެ.
ޓްރަމްޕްގެ ޕްލޭންގެ ދަށުން ދެ ފަރާތުން ހަނގުރާމަ ހުއްޓާލީ މިއަހަރު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ހަމަލާތައް ހުއްޓާލުމާއި، ގައިދީން ބަދަލު ކުރުމާއި އަދި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުއްދަ ދިނުމެވެ.
ދެވަނަ ފިޔަވަހީގައި ހިމެނެނީ، ޣައްޒާއިން އިސްރާއީލު ސިފައިން އެއްކޮށް ފޭބުމާއި، ހަމާސްގެ ބަދަލުގައި ޣައްޒާގައި ވެރިކަން ކުރަން ވަގުތީ ކޮމިޓީއަކާ ހަވާލުކުރުމާއި، އަދި ޣައްޒާގައި ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ގާއިމްކުރުމެވެ.
ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހިވެސް އިސްރާއީލުން ފުރިހަމައަށް ތަންފީޒު ނުކުރާއިރު، މިސްރުން ބުނެފައިވަނީ، ދެވަނަ ފިޔަވައްސަށް ދިއުމަށްވެސް އިސްރާއީލުން އެތައް ހުރަސްތަކެއް ކުރިމަތި ކުރަމުންދާ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ނުދާންވެގެން އިސްރާއީލުން ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި މަސްރަހް ނުތަނަވަސް ކުރަމުންދާ ކަމަށްވެސް މިސްރުން ބުނެފައި ވެއެވެ.
މިސްރު ސަރުކާރުގެ އިންފޮމެޝަން ސަރވިސްގެ ވެރިޔާ ދިއާ ރަޝްވަން ވިދާޅުވީ، އިސްރާއީލުން ގަސްތުގައި ރާވައިގެން އެމެރިކާގެ ފޯކަސް އީރާން، ސޫރިޔާ އަދި ލުބުނާނާ ދިމާއަށް އަނބުރަމުން ގެންދާ ކަމަށެވެ.
އިސްރާއީލުގެ ބޭނުމަކީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނައްތާލައި، ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށުން ކަމަށްވެސް ދިއާ ރަޝްވާން ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް މުޖުރިމު ނަތަންޔާހޫ މިހާރު ގެންދަނީ އައު ޝަރުތުތައްވެސް ހުށަހަޅަމުންނެވެ. އެކަމާ އެމެރިކާ ހިތްހަމަނުޖެހިގެން އުޅޭކަމުގެ ވާހަކަތަކެއްވެސް އިވެއެވެ.



