އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވީސީ) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް (އޭޕީއެސްސީ) އަށް ބަދަލުކޮށްފި އެވެ.
ޑިފެންސް މިނސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ މުއައްސަސާގެ ނަން ބަދަލުކުރިކަން އިއުލާންކުރީ ރައީސް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އެ ބަދަލު ގެންނެވީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވައި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާ ގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.


