ފަލަސްތީނަށް ތާއީދުކޮށް އިންޑިއާގައި ޝުއޫރު ފާޅުކުރި އިނގިރޭސި ދެ ފަތުރުވެރިން އިންޑިއާއިން ވަގުތުން ބޭރުވުމަށް އިންޑިއާ ސަރުކާރުން އަންގައިފިއެވެ.
މިކަމާ ގުޅޭ ޚަބަރުތައް އިންޑިއާގެ މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.
އިންޑިއާއިން ބޭރުވުމަށް އެންގި ދެ ފަތުރުވެރިންނަކީ ލީވައިސް ގެބްރިއެލް ޑީ އާއި، އަނޭޝީ އެމާ ކްރިސްޓީން ނަމަކަށްކިޔާ ދެމީހުން ކަމަށްވެސް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އެދެ ފަތުރުވެރިން ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރީ އިންޑިއާގެ ރާޖަސްތާނު ސްޓޭޓްގެ ޕުޝްކާރު ނަމަކަށްކިޔާ އަވަށެއްގައެވެ.
އެ އަވަށުގެ ފާރެއްގައި އެމީހުން ތަތްކުރި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ “ފްރީ ޕަލެސްތައިން. ބޮއިކޮޓް އިޒްރޭލް” މިހެންނެވެ.
ޕުޝްކާރު އަވަށަކީ، އިސްރާއީލު ގިނަ ބަޔަކު ދިރިއުޅޭ އަވަށެކެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްއިން ބުނެފައިވަނީ، ޕުޝްކާރަކީ އިސްރާއީލު ގިނަބަޔަކު ދިރިއުޅޭ އަވަށަކަށްވެފައި އަދި ޔަހޫދީން އަޅުކަންކުރާ ތަނެއްވެސް އެ އަވަށުގައި ހުންނާތީ، އިނގިރޭސި ދެ ފަތުރުވެރިން އިންޑިއާއިން ވަގުތުން ބޭރުވުމަށް އެދެ މީހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.
އަދި އެދެމީހުންގެ ވިސާވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
އިންޑިއާ ފުލުހުންގެ ވެރިޔާ ރާޖޭޝް މީނާ ބުނެފައިވަނީ، އިންޑިއާ ފަސްގަނޑުގައި ހުރެ އެހެން ގައުމަކަށް އިހްތިރާމް ކުޑަކުރުމަކީ ވިސާގެ އުސޫލާ ޚިލާފް އަމަލެއް ކަމަށެވެ.
އިނގިރޭސި ދެ ފަތުރުވެރިން ތަތްކުރި ޕޯސްޓަރުތައް ފުލުހުން ފަހުންވަނީ ނަގާފައެވެ.
އިންޑިއާގައި އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ގިނަ މީހުންނަކީ، އިސްރާއީލަށް ތާއީދުކުރާ މީހުންނެވެ. އިންޑިއާ ސަރުކާރަކީ އިސްރާއީލާ ވަރަށް ގާތް ގުޅުންތަކެއް އޮންނަ ސަރުކާރެކެވެ.
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ފަލަސްތީނު ނަސްތާލުމުގެ ޖަރީމާތައް ހިންގާތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެގެން ގޮސްފައިވާއިރު، ޣައްޒާ ރައްޔިތުންނަށް އިންޑިއާގެ ގިނަމީހުންގެ އެއްވެސް ހަމްދަރްދީއެއް ނޯވެއެވެ.
ޣައްޒާގައި ހަނގުރާމަ ކުރުމަށް އިސްރާއީލުން އިންޑިއާއިން މީހުން ގެންދާކަމުގެ ރިޕޯޓްތައްވެސް ފެތުރިފައި ވާއިރު، އިސްރާއީލު މީހުންނަށް ދުނިޔޭގެ ގައުމުތަކުން ދަތުރު ކުރެވޭ މަދު ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ.
ޣައްޒާ ހަނގުރާމައިގައި ބައިވެރިވެ، އެތައް ކުޑަކުދީންނާއި އާންމުން ޝަހީދުކުރުމަށްފަހު ޗުއްޓީ ހޭދަކޮށްލަން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ގައުމުތަކުގެ ކޯޓުތަކަށް އެތައް މައްސަލަތަކެއް ވައްދައި، ބައެއް މީހުން ހައްޔަރުވެސް ކޮށްފައި ވެއެވެ. ޗުއްޓީ ހޭދަކުރަން ގައުމުތަކަށްދާ ސިފައިންގެ ފަހަތުން ގާނޫނު އަރާ ހަމަކުރަމުން ދެއެވެ.
މިކަންތައް ބޮޑުވެގެން، ޗުއްޓީއަށް ތަންތަނަށްދާ ސިފައިން ކާކުކަން ނޭނގޭގޮތަށް އުޅެން އިސްރާއީލުން ސިފައިންނަށް އަންގާފައިވެސް ވެއެވެ. އަދި މައްސަލަ ގޯސްވަމުންދާތީ، ފަލަސްތީނުގައި ސިފައިން ހިންގާ ޖަރީމާތަކުގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.



