ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ތާރިގް ރަހްމާން މާދަމާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާނެއެވެ.
ތާރިގް ރަހްމާން ބޮޑުވަޒީރުކަމުގެ ހުވާ މި ކުރައްވަނީ، ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބު، ތާރިގް ރަހްމާންގެ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ – ބީއެންޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރުމަށް ފަހުގައެވެ. ބީއެންޕީންވަނީ ޕާލަމެންޓުގެ ދެބައިކުޅަ އެއްބައި ގޮނޑި ކާމިޔާބު ކޮށްފައެވެ.
އައު ބޮޑުވަޒީރު ތާރިގް ރަހްމާން މާދަމާ މަގާމުގެ ހުވާ ކުރައްވާއިރު، މި ރަސްމިއްޔާތަށް ދުނިޔޭގެ ބައެއް ލީޑަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި އެތައް އިއްޒަތްތެރިން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ.
ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އިންޑިއާ ޕާކިސްތާނަށެވެ.
ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ހުވާ ކުރައްވާ ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލު ކުރައްވާނީ އިންޑިއާގެ ޕާލަމެންޓް – ލޮކް ސަބާގެ ރައީސް އޯމް ބީރްލާކަން އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކޮށްފައި ވާއިރު، ޕާކިސްތާނު ތަމްސީލު ކުރައްވާނީ ކޮން ބޭފުޅެއް ކަމެއް ސާފެއް ނުވެއެވެ.
ބަންގްލަދޭޝްއިން ވަނީ، ބޮޑުވަޒީރު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރުންނަށްވެސް ދައުވަތު ދީފައެވެ. އަދި ޗައިނާގެ ރައީސަށްވެސް ދައުވަތު ދީފައެވެ.
ތާރިގް ރަހްމާން ހުވާ ކުރައްވާ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށް ދައުވަތު ނުދިނުމަށް އިންޑިއާއިން އެދިފައިވާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރެމުން ގޮސްފައި ވެއެވެ. އެ ރަސްމިއްޔާތުގައި ޕާޚިސްތާނުގެ ބޮޑުވަޒީރު ބައިވެރިވެވަޑައި ގަތުމަކީ އިންޑިއާ ކަންބޮޑުވާ ކަމެއް ކަމަށްވެސް ޕޯސްޓްތަކުގައި ބުނެފައި ވެއެވެ.
ނަމަވެސް، މި ވާހަކަތައް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދޮގު ކޮށްފައެވެ. ބުނެފައިވަނީ އެއީ ހަގީގަތާ ޚިލާފް ދޮގު ރިޕޯޓްތަކެއް ކަމަށެވެ.
ބަންގްލަދޭޝްގައި އޮތް ޝައިޚް ހަސީނާގެ ވެރިކަން ޒުވާނުން ނުކުމެ ވައްޓާލައި އެގައު ހިންގުމާ މުހައްމަދު ޔޫނުސް ހަވާލުވެވަޑައިގަތްފަހުން އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ހީނަރުވެގެން ގޮސްފައި ވެއެވެ. ސަބަބަކީ، އިންޑިއާއިން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ޝައިޚް ހަސީނާ ބަންގްލަދޭޝްއާ ހަވާލުކުރަން އިންޑިއާ ފަސްޖެހުމެވެ.
ގިނަ ބަޔަކު ގަބޫލުކުރަނީ އައު ބޮޑުވަޒީރު ތާރިގް ރަހްމާން ވެރިކަމާ ހަވާލުވެވަޑައިގެން ގުޅުންތައް ރަނގަޅު ކުރައްވާނެ ކަމަށެވެ. ނަމަވެސް، ތާރިގް ރަހްމާންގެ ފަރާތުން އަދި އެކަހަލަ އިޝާރާތެއް ނުލިބެއެވެ.
އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ތާރިގް ރަހްމާން ވިދާޅުވީ، އޭނާގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ބަންގްލަދޭޝްގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.
ތާރިގް ރަހްމާން ވެވަޑައިގަންނަވާނީ 35 އަހަރަށްފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ފިރިހެން ލީޑަރަށެވެ.
ތާރިގް ރަހްމާން އަމިއްލަފުޅަށް އަރުވާލެވިގެން 17 އަހަރު ލަންޑަންގައި ދިރިއުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައިވަނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އަދި އާންމު އިންތިޚާބު ބާއްވަން ވަގުތު ގާތްވުމުން މީގެ ދެމަސްކުރިންނެވެ.



