އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ އުފައްދަން އުޅުނީ ގާޒާ ބޯޑް އޮފް ޕީސްއެވެ. ދެން ކިޔާފައިވަނީ ބޯޑް އޮފް ޕީސްއެވެ. އޭގެފަހުން އަނެއްކާވެސް ނަން ބަދަލުކޮށް ކިޔާފައި މިވަނީ ޑޮނަލްޑް ޖޭ ޓްރަމްޕް ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްއެވެ.
މި ބޮޑުގެ މޭންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު، މިއީ އދގެ ބަދަލުގައި ނުވަތަ އދއާއި ނުލައި ހަރަކާތްތެރިވުމަށް އުފައްދާ ބޯޑެއް ކަމަށް ބެލެވިފައި ވެއެވެ. އެއީ، ބޯޑުން ކުރާނެ މައިގަނޑު ކަންކަމުގެ ގޮތުގައި ހިމެނެނީ ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރުން ކަމަށް ވާތީއެވެ.
ޣައްޒާއާ މަތިކޮށްފައި އުފެއްދި ބޯޑެއް ނަމަވެސް، އެމެރިކާގެ ރައީސް ކަނޑައަޅާފައިވަނީ މި ބޯޑަކީ މުޅި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ބޯޑެއްގެ ގޮތުގައެވެ.
ބޯޑް އޮފް ޕީސްގެ ދާއިމީ ގޮނޑިއެއް ބޭނުންވާނަމަ ކަނޑައެޅި މުއްދަތުގެ ތެރޭގައި އެއްބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ގައުމުތަކަށް ޓްރަމްޕް ހުޅުވާލިއެވެ. އެ ފުރުސަތުގެ ބޭނުން މަދު ގައުމަކުން ހިފިއެވެ.
އޭގެފަހުން، ބޯޑުގެ މެމްބަރުންގެ ގޮތުގައި ވުމަށް ގައުމުތަކަށް ފުރުސަތު ހުޅުވާލިއެވެ. އެ ދޮރު އަދިވެސް އޮތީ ހުޅުވާލާފައެވެ.
ބޯޑު އޮފް ޕީސް އިފްތިތާހް ކުރުމަށް ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތުގައި 47 ގައުމުން ވެރިންނާއި، ޚާރިޖީ ވަޒީރުންނާއި، މަންދޫބުން އަދި ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކުން ބައިވެރިވިއެވެ.
އދގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް މަސައްކަތްތަކާއި އޮނިގަނޑު އޮތުމުން، ބޯޑުގައި ބައިވެރިވުމަށް ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ބޭނުމެއް ނުވިއެވެ. އޭގެ ތެރޭގައި ޖަރުމަނީ، ޔޫކޭ، ފްރާންސް ފަދަ ގައުމުތައް ހިމެނެއެވެ.
ބޯޑް އޮފް ޕީސް އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގެ އިފްތިތާހީ ތަގްރީރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، އދއަށް ތައުރީފް ކޮށްފައެވެ. ނަމަވެސް، ބުނެފައިވަނީ އދގައި ގާބިލްކަން އެބަހުރި ކަމަށާއި، ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފެނީ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، އޭނާ އުފެއްދި ބޯޑް އޮފް ޕީސްއިން އދއިން ހަދާ ގޯސްތައް ބަލައި ފާރަވެރިވާނޭ ކަމަށެވެ.
އދއަށް މާލީގޮތުން އެހީތެރިކަން ދީ، އެތަނަކީ ހަރަކާތްތެރި ގާބިލް ތަނަކަށް ހެދުމަށް ބޯޑް އޮފް ޕީސްއަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.
އެކަމަކު، މިއީ ޓްރަމްޕް އުފެއްދި ބޯޑަށް ކުރެވޭނޭ ކަމެއް ނޫނެވެ. ސަބަބަކީ، އދއަކީ ވަކި ޗާޓަރެއްގެ ދަށުން މަސައްކަތް ކުރާ މުޅީން މިނިވަން މުސްތަގިއްލު ޖަމާއަތަކަށް ވުމުންނެވެ.
އދއިން ހަދާ ގޯސްތައް ބަލައި، އދގެ މަސައްކަތަށް ފާރަވެރިވެ އެގޮތަށް ހަރަކާތްތެރިވާން އެއްވެސް ބަޔަކަށް ފުރުސަތު ނޯންނާނެތީއެވެ.
ބޯޑް އޮފް ޕީސްގައި އެމެރިކާގެ ރައީސަށް ޣައްޒާގެ މައްޗަށް ޚާއްސަ ބާރުތަކެއް ހިންގޭގޮތަށް ކަނޑައަޅާފައި ވާއިރު، ޣައްޒާގައި ސުލްހަ ގާއިމްކުރުމުގެ މަސައްކަތަށް މާބޮޑު ފޯސްކަސްއެއް ދީފައި ނެތެވެ.
އޭގެ ބަދަލުގައި ޣައްޒާގެ ބިންތައް ވިއްކައި އާމްދަނީ ހޯދުމުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދީފައި ވެއެވެ. ޣައްޒާ އަލުން ބިނާކުރަން ޕްލޭން ކުރެވިފައިވަނީ ބިންތައް ވިއްކާ އުސޫލުންނެވެ.
ޣައްޒާގެ މައްސަލަ ހައްލުކުރަން އުފެއްދި ބޯޑެއް ނަމަވެސް، ދުނިޔޭގެ އެހެން މައްސަލަތަކުގެ ތެރެއަށް ވަންނަން ބޯޑުގެ އޮނިގަނޑުގައި ކަނޑައަޅާފައިވާތީ، ދުނިޔޭގެ އެތައް ލީޑަރުން ވަނީ މިކަމުގައި ބައިވެރިވާން ފަސްޖެހިފައެވެ. އެ ގައުމުތަކުގެ ގާނޫނުތައްވެސް އެކަމަށް ތަން ނުދޭތީއެވެ.



