މިދިޔަ އަހަރުގެ ލިބަރޭޝަން ޑޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ އެކި ގައުމުތަކަށް އިއުލާންކުރި ޓެރިފްސް ނުވަތަ ޓެކްސްއަކީ ޓްރަމްޕް އެޅުއްވި ޣައިރުގާނޫނީ ފިޔަވަޅެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން މިވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާ 6 ފަނޑިޔާރުން ތެރެއިން 3 ފަނޑިޔާރުން މި ނިންމެވުމަށް ތާއީދު ކުރައްވާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ބުނެފައިވަނީ، ގައުމުތަކަށް ޓެރިފްސް ތައާރަފްކުރުމުގެ އިޚްތިޔާރު، ގާނޫނުން ޓްރަމްޕަށް ލިބިދީފައި ނުވާކަމަށެވެ.
ގައުމުތަކަށް ޓެރިފްސް ކަނޑައެޅުމުގައި ޓްރަމްޕް އަމަލުކޮށްފައިވަނީ އިމަޖެންސީ ހާލަތްތަކުގައި އެމެރިކާގައި އަމަލު ކުރުމަށް އޮންނަ ގާނޫނަކަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން، ޓްރަމްޕް އިއުލާން ކޮށްފައިވާ ގިނަ ޓެރިފްސް އެއްކޮށް ބާތިލްވެގެން ދާނެއެވެ. އެކަމަކު، ގާނޫނުގެ އެހެން ސެކްޝަނެއްގެ ދަށުން ޓްރަމްޕް ތައާރަފްޖުރި ޓެރިފްސް ބާތިލް ނުވާނެ ކަމަށް ވެއެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާއެކު އެންމެންވެސް އަވަސްވެގަތީ ރިފަންޑުގެ ވާހަކަ ދެއްކުމަށެވެ. މިދިޔަ އަހަރު ޓްރަމްޕް އިއުލާންކުރި ޓެރިފްގެ ދަށުން އެމެރިކާއިން ގައުމުތަކާއި ކުންފުނިތަކުން ފައިސާ ނަގަން ފަށާފައި ވެއެވެ. އޭގެ ރިފަންޑް ދޭންޖެހޭނަމަ އަދަދަކީ ގާތްގަނޑަކަށް 175 ބިލިއަން އެމެރިކާ ޑޮލަރެވެ.
މިއީ، ގައުމުތަކުން އެމެރިކާއިން ނެގި ފައިސާއެއް ނޫނެވެ. މިއީ، އެމެރިކާގެ ކުންފުނިތަކުން ދުނިޔޭގެ އެހެން ގައުމުތަކުން އެތެރެކުރާ މުދަލުން އެމެރިކާ ސަރުކާރުން ޓެކްސްގެ ގޮތުގައި ނެގި ފައިސާއެވެ. މި ފައިސާ ސަރުކާރަށް ދެއްކުމަށްޓަކައި އެމެރިކާގެ ކުންފުނިތަކުން އަގު ނެގީ މުދާ ގަންނަ ކަސްޓަމަރުންގެ އަތުންނެވެ. ތަކެތީގެ އަގު ބޮޑުކޮށްގެންނެވެ. ވީމާ، ރިފަންޑް ދޭން ޖެހިއްޖެ ހާލަތެއްގައި އެމެރިކާ ސަރުކާރުން ގައުމަކަށް ދޭންޖެހޭ ފައިސާއެއް ނެތެވެ.
އެކަމަކު، އެމެރިކާއިން ރިފަންޑް ދީފާނެތޯ އުފެދޭ ސުވާލުގެ ބަހުސް މިހާރުވެސް ވަނީ ފެށިފައެވެ.
ކުރިންވެސް ފާހަގަކުރި ގޮތަށް، އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމުން، އަސަރު ކޮށްފައިވަނީ ރައީސް ޓްރަމްޕް ތައާރަފްކުރި ބައެއް ޓެރިފްސްއަށެވެ. އެހެންކަމުން، މިހާރު އަޅާފައި ހުރި ޓެރިފްސްގެ ފިޔަވަޅުތައް ގާނޫނަށް ފައްތައި، ރީފަންޑުވެސް ނުދީ، ބަދަލުތައް ގެނެސްގެން ސިޔާސަތު ކުރިއަށް ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޓެރިފްސް ނުވަތަ ޑިއުޓީގޮތުގައި އެމެރިކާ ސަރުކާރުން ނަގާ ފީގެ މިންވަރު ބޮޑުކުރީ، އެމެރިކާގެ އިގްތިސާދު ވަރުގަދަ ކުރުމަށް ޓްރަމްޕް އެޅި ފިޔަވަޅުތަކުގެ ދަށުންނެވެ. އެއީ، ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުގެ އެންމެ މުހިންމު އަދި ޓްރަމްޕް އެންމެ ބަރޯސާވާ ފިޔަވަޅުވެސް މެއެވެ.
އެހެންކަމުން، މިކަމުގައި ޓްރަމްޕް ހުރީ ސުޕްރީމް ކޯޓަށްވެސް ދޫދޭ ގޮތަކަށް ނޫނެވެ.
ޓެރިފްސްއާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރި ފަނޑިޔާރުންގެ ނަންތައް ޕްރެސް ކޮންފަރެންސްގައި އިއުލާންކޮށް ޓްރަމްޕް ބުނެފައިވަނީ، އެއީ އެމެރިކާއަށްވެސް ލަދުވެތި ނިންމުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަކީ، ބޭރުގެ މަސްލަހަތަށް އިސްކަންދޭ ގޮތަށް ފަރުމާކޮށްފައިވާ ނިންމުމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުން އެ ނިންމުން ނިންމިޔަސް، ރައީސަށް ލިބިދޭ ބާރުގެ ދަށުން ޓެރިފްސް ސިޔާސަތު ކުރިއަށް ގެންދާނޭ ކަމަށް ބުނެ ޓްރަމްޕްވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައެވެ. އަދި ދުނިޔޭގެ ވިޔަފާރިތަކަށް އިތުރު 10 އިންސައްތަ ޓެރިފްސް ވަގުތުން ތައާރަފް ކުރަންވެސް ޓްރަމްޕް އިއުލާން ކުރިއެވެ.
އެހެންކަމުން، އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާއި، އެކަމަށް ޓްރަމްޕް ދިން ރައްދާއި، ޓްރަމްޕް ދެން އަޅާފާނެ ފިޔަވަޅުތަކާއި، މިހާރު ތައާރަފް ކޮށްފައިވާ ޓެރިފްސްއާއި، އޭގެ ރިފަންޑާ މެދު އަދި ކުރެވެމުންދަނީ ކުށްހީތަކެވެ. އެކަމުގައި ބަޔަކު އުވާކުރަންޖެހޭ ވަރު ކަމެއް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.



