ދިއްދޫ ބިން ހިއްކައި ނިމުނުކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވަނީ އިއުލާނުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމަށް ބޭނުން ކުރި ޑްރެޖަރު މިދިޔަ މަހުގެ 3 ގައި ދިއްދުއަށް ގޮސް 4 ގައި ބިން ހިއްކުމުގެ މަސައްކަތް ފަށައި އޭގެ 50 ދުވަސް ފަހުން، ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ދިއްދޫގެ 112 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށާއި ހިއްކި ސަރަހައްދަށް 5،492،089 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޭ ބުނީ ހ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިމިފައި ކަމަށާއި އެ މަސައްކަތުގެ ދަށުން 112 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ4ވަނަ ދުވަހު ކަމަށެވެ.
އަދި މި ޕްރޮޖެކްޓަކީ ސަރަހައްދީ ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.


