ސްވިޓްޒަރލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ޖަލްސާގައި އީރާނުން އެމެރިކާ ފަޟީހަތް ކޮށްލައިފިއެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ވާހަކަ ދައްކަވަމުން އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣާރީބަދަދީ ވަނީ، އެމެރިކާއަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވާފައެވެ.
އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގަންނަ ގައުމު ކަމަށް ކާޒިމް ވިދާޅުވިއެވެ. ބައިނަލްއަގްވާމީ ގާނޫނުތަކަށް އެންމެ ގިނައިން މުގުރަނީ ވެސް އެމެރިކާއިން ކަމަށް ވިދާޅުވިއެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ވިދާޅުވީ، ދުނިޔޭގައި އެންމެ ގިނަ ހަނގުރާމަތައް ކުރަނީ އެމެރިކާއާއި އިސްރާއީލުން ކަމަށެވެ.
އަދި ހަމަ އެއާއެކު، އެހެން ގައުމުތަކުން މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކޮށް، އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނާއިރު، ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްގެން އެންމެ ގިނަ މީހުން މަރަނީ އެމެރިކާއާއި އިސްރާއީލުން ކަމަށާއި، އެމީހުން އެކަން ކުރަނީ ސިއްރިއްޔާތުގައި ކަމަށްވެސް އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި އުޅޭ ހުޅަނގުގެ ބާރުތަކަކީ ދެފުށްކެހެރި ބައެއް ކަމަށާއި، ޚުދު އެ ގައުމުތަކުގައި ހިންގާ އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތަކުގެ ވާހަކަ އެމީހުން ނުދައްކާ ކަމަށް ކާޒިމް ވިދާޅުވިއެވެ.
އދގެ ފެކްޓް ފައިޑިންގ މިޝަންތަކުން ހުޅަނގުގެ ގައުމުތަކުގައި ހިންގާ އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތައް ޑޮމިއުމެންޓް ކުރި ނަމަވެސް، އެކަން ނުބެލޭ ކަމަށް އީރާނުން ބުނެފައި ވެއެވެ.
އީރާނުން ބަހުގެ ހަމަލާތައް އެމެރިކާއަށާއި، ހުޅަނގުގެ ބާރުތަކަށް މިދިނީ، އީރާނު ސަރުކާރާ ދެކޮޅަށް އެގައުމުގައި ދާދިފަހުން ކުރި ވަރުގަދަ މުޒާހަރާތަކުގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި އެތައް ބަޔަކު މަރާލި މައްސަލަ އދއިން ތަހްގީގުކުރަން ފަށާފައިވާ މައްސަލާގައެވެ.
އީރާނުގައި ކުރި މުޒާހަރާތަކުގައި ގިނަ މީހުން މަރުވީ، މުޒާހަރާ ތެރެއަށް ވަދެގަތް ހަތިޔާރު އެޅި ގްރޫޕްތަކުން ބަޑިޖަހައި މީހުން މަރަން ފެށުމުން ކަމަށް ބުނެ، އީރާނު ސަރުކާރުންވަނީ އެކަމުގެ ވީޑިއޯ އަދި ފޮޓޯ ހެކިތައް އެއްކޮށް ދުނިޔެއަށް ހާމަކޮށްފައެވެ.
އަދި އީރާނުގައި ކުރި މުޒާހަރާތައް ހޫނުކޮށްލީ، އެމެރިކާއާއި އިސްރާއީލުން ހަތިޔާރާއި ޖާސޫސޫން ފޮނުވައިގެން ކަމުގެ ހެކިވެސް އީރާނުން ދުނިޔެއަށް ހާމަކޮށް ދައްކާފައި ވެއެވެ.
އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣާރީބަދަދީ ވިދާޅުވީ، 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމިކް އިންގިލާބަކީ އިރާނުގައި ޑިމޮކްރަސީ ގާއިމްކުރުމަށް ގެނެވުނު އިންސާނީ ހައްގުތަކުގެ އިންގިލާބެއް ކަމަށެވެ.
އިންސާނީ ހައްގުތަކުގެ މައިދާނުގައި އީރާނަކީ ޒިންމާދާރު ޒިންމާކުރުމާ ގައުމެއް ކަމަށްވެސް ކާޒިމް ވިދާޅުވިއެވެ.



