ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޑިޕްލޮމާ ކޯހެއް ހިންގަން އެއްބަސްވުމެއް

ޚަބަރު ފަހުގެ

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯހެއް ހިންގުމަށް ތައުލީމީ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މުދައްރިސުން ތަމްރީނުކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ކޯސް ފީގެ ހުރިހާ ހަރަދެއް ވުޒާރާއިން ހަމަޖައްސައިދިނުމުގެ އިތުރުން، ކޮންމެ ދަރިވަރަކަށް މަހަކު -/1،500 ރުފިޔާގެ އެލަވަންސެއް (ސްޓައިޕެންޑް) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ދާއިރާއިން، ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ގޮތަށް އެމްއެންޔޫއެކު އެއްބަސްވެފައިވަނީ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހިނގުމަށެވެ. އެމްއެންޔޫގައި މި ކޯސްފެށުމައް އެއްބަސްވުން އެކުލަވާލާފައިވާއިރު އައިޔޫއެމްއާއި ވިލާ ކޮލެޖުގައި މިކޯސް ފަށައި ދަނީ ކިޔަވާދެމުންނެއެވެ.

މި ކޯހުގައި ކްލާސްރޫމްގައި ކިޔަވައިދިނުމުގެ އިތުރަށް އަމަލީ ތަޖުރިބާގެ ބައިވެސް ކުރިއަށް ގެންދާނެއެވެ. އަދި އެކި މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި ސްކޫލްތަކަށް ގޮސް އަމަލީ ތަޖުރިބާ ހޯދުންވެސް މިކޯހުގައި ހިމެނެއެވެ.

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ކުރިއަށްގެންދަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރޭގައި ހިމަނުއްވައިގެންނެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ޚާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ތައުލީމީ ނިޒާމުގެތެރެއިން އެއްވެސް ކުއްޖަކު ބާކީނުކޮށް ހަމަހަމަ ފުރުޞަތާއެކު ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ. އެގޮތުން ތަޢުލީމާއި އަދި ވަޒީފާގެ މާޙައުލުން ފުރުޞަތު އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ