މޯލްޑިވްސް 2.0 ގެ އަމާޒުތައް ޙާޞިލްވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެގެން ޚިދުމަތްތައް ހޯދުމާއި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ. މި ޚިޠާބުގައި އެމަނިކުފާނު ވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށާއި، މި ދާއިރާގައި މަސައްކަތްކުރާ ހީވާގި ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ. އަދި ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު، އެންމެ އިހުޒަމާނުއްސުރެ ވެސް ރާއްޖޭގައި ޚިދުމަތްތައް ދެމުން އައީ ލާމަރުކަޒީ އުޞޫލުންކަން ތާރީޚީ ލިޔުންތަކުން ފެންނަން އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ޤާނޫނުއަސާސީގެ ދަށުން މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޙައްޤު މަޤާމު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ޒަމާނީ އައު އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.
އުމްރާނީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމަކޮށް, މަގު ހެދުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިނގަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.


