އިސްރާއީލުން ޝަރަފްގެ މެޑަލްއެއް ދިނުމުން އިންޑިއާގެ ބޮޑުވަޒީރު މޯދީ އުފަލުން ފޮޅިއްޖެ

ޚަބަރު ފަހުގެ ދުނިޔެ

އިސްރާއީލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޚާއްސަ މެޑަލްއެއް ދިނުމުން މޯދީ އުފަލުން ފޮޅިއްޖެއެވެ.

މެޑަލްއާ ހަވާލުވުމަށްފަހު މޯދީ ބުނީ، އެ މެޑަލް ލިބުމުން ވަރަށް އުފާވި ކަމަށާއި، އެއީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އެކަމުން ރަމްޒުކޮށްދެނީ އިސްރާއީލާއި އިންޑިއާގެ ޒަމާންވީ ގާތް އެކުވެރިކަން ކަމަށްވެސް މޯދީ ބުނެފައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްރާއީލަށް ކުރަމުންގެންދާ ދަތުރުގައި، އިސްރާއީލުގެ ޕާލަމެންޓް – ކްނެސެތުގައި ވަނީ ތަގްރީރު ކޮށްފައެވެ. މޯދީއަށް ދިން މެޑަލްގެ ނަމަކީ “މެޑަލް އޮފް ކްނެސެތު” އެވެ.

މޯދީއަކީ މި މެޑަލް ލިބުނު ފުރަތަމަ މީހާއެވެ.

އިސްރާއީލުގެ ޕާލަމެންޓުގައި ތަގުރީރު ކުރަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ، އިސްރާއީލާއި އިންޑިއާއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

މޯދީ ބުނީ، އިންޑިއާއާއި އިސްރާއީލަކީ “އިތުބާރު ކުރެވޭ ދެބައިވެރިން” ކަމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.

އިންޑިއާއާއި އިސްރާއީލާ ދެމެދު ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ސެކިއުރިޓީ އާއި އެނޫންވެސް އެތައް މައިދާނެއްގައި ގާތް ގުޅުންތައް އޮވެއެވެ. ގުޅުންތައް ބާއްވާ ދާއިރާތައް އަދިވެސް ދަނީ ފުޅާކުރަމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދެވުނު ހަމަލާ ކުށްވެރި ކުރުން ތަކުރާރުކޮށް އިންޑިއާގެ ބޮޑުވަޒީރު ބުނީ، އާންމުން މެރުމާއި، ޓެރަރިޒަމް ހިންގުން ޖަސްޓިފައި ކުރެވޭނެ އެއްވެސް ގޮތެއް ނީންނާނެ ކަމަށެވެ.

މޯދީ ދެއްކީ، އިސްރާއީލުން މަރުވި މީހުންގެ ވާހަކައެވެ. ޣައްޒާގެ ނަސްލުނައްތާލަން އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކާއި، ޣައްޒާއިން އެތަކެއްހާސް ތުއްތު ކުދިންނާއި، ކުޑަކުދިންނާއި އާންމުން ޝަހީދުކޮށްލާފައިވުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް މޯދީ ނުބުނެއެވެ.

އިސްރާއީލުގެ ޕާލަމެންޓުގައި ވާހަކަ ދައްކަމުން މުޖުރިމު ނަތަންޔާހޫ ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި، އިންޑިއާއަށްވެސް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ދެގައުމުގެ ދެމެދުގައި ބަދަހިވަމުން އަންނަ ގުޅުންވެސް ފާހަގަކުރިއެވެ.

ނަތަންޔާހޫ ބުނީ، މޯދީއަކީ އިސްރާއީލުގެ ރަހްމަތްތެރިއަކަށް ވުރެންވެސް ގާތް އަޚެއް ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދެވުނު ހަމަލާ ކުށްވެރިކޮށް އިންޑިއާ އިސްރާއީލާއެކު ސާބިތުމާއެކު އޮތް ކަމަށްޓަކައި ނަތަންޔާހޫ މޯދީއަށް ޝުކުރު އަދާކުރިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އިސްރާއީލުގެ ދަތުރާ ގުޅޭގޮތުން އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ސުވާލު އުފައްދާފައި ވާއިރު، އިންޑިއާގެ ކޮމިއުނިސްޓް ޕާޓީންވަނީ މޯދީގެ ދަތުރު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

ކޮމިއުނިސްޓް ޕާޓީން ބުނެފައިވަނީ، ނަތަންޔާހޫއާއި އޭނާގެ ސަރުކާރުން ފަލަސްތީނު މީހުންގެ ނަސްލު ނައްތާލަމުން ގެންދާއިރު، މޯދީ އިސްރާއީލަށް ދިއުމަކީ ފަލަސްތީނު ރައްޔިތުންނަށާއި، ފަލަސްތީނު މައްސަލައަށްވެސް ޣައްދާރުވުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ